ސޯލް (ޖޫން 1): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަމަށް ވާދަކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕަކީ ވަރަށް "ބުއްދިވެރި" ސިޔާސީ ފަރާތެއް ކަމަށް އުތުރު ކޮރެއާގެ ސްޓޭޓް މީޑިއާއިން ބުނެފި އެވެ.

ކޮރެއާ ޓުޑޭގެ އެޑިޓޯރިއަލްގައި ޓްރަމްޕަކީ "ބުއްދިވެރި، ދުރުވިސްނޭ ރިޔާސީ ކެނޑިޑޭޓެއް" ކަމަށް ބުނެފައި ވަނީ އެ ގައުމުގެ ލީޑަރު، ކިމް ޖޮންގު އުންއާ ބައްދަލުކުރަން ޝައުގުވެރިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. ޓްރަމްޕް ވަނީ އޭނާގެ ވެރިކަމުގައި ދެކުނު ކޮރެއާގައި ތިބޭ އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ދެކުނު ކޮރެއާގައި އަސްކަރީ ތަމްރީނުތަށް ކުރިއަށްގެންދާ އެމެރިކާ ސިފައިން ފޮނުވާލުމަކީ އުތުރު ކޮރެއާއިން ވަރަށް ބޭނުންވާ ކަމެކެވެ. އެއާޓިކަލްގައިވާ ގޮތުން އެމެރިކާ އިން އެފަދައިން އަމަލު ކުރުމުން "ދެކޮރެއާގެ އެއްބައިވަންތަކަމަށް" މަގުފަހިވާނެ އެވެ.

މީގެ އިތުރުން، އުތުރު ކޮރެއާގެ އެންކޭ ނިއުސް ވެބްސައިޓުގައި އާއްމުކޮށްފައިވާ އެލިޔުމުގައި ޑިމޮކްރަޓިކް ކެނޑިޑޭޓު، ހިލަރީ ކްލިންޓަންއަށް ވޯޓު ނުދިނުމަށްވެސް ގޮވާލާފައިވެ އެވެ.

"އެެމެރިކާގެ ރައްޔިތުން ރައީސްކަމަށް ވޯޓު ދޭންވީ ފޫހި ހިލަރީއަކަށް ނޫން. ނަމަވެސް، އުތުރު ކޮރެއާއާ ސީދާ މަޝްވަރާތައް ބާއްވާނެ ކަމަށް ވިދާޅުވެފައިވާ ޓްރަމްޕަށް،" ލިޔުމުގައިވެ އެވެ. (ބީބީސީ)