01 Jun 2016, 13:44
ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މެލޭޝިއާ އިން ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ރޭ ބުނީ ރައީސް މެލޭޝިއާ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ ފުރާވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މެލޭޝިއާ އިން ރައީސް ވަޑައިގަތީ ކޮންތަނަކަށް ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.
ރައީސްގެ ދެކަނބަލުން މެލޭޝިއާ އަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޕާރމާޓާ އިންޓަނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ" އިފްތިތާހް ކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
އެ ކޮންފަރެންސްގައި ހައި-ލެވަލް ފޯރަމްގައި، މެލޭޝިޔާ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސެރީ ރޮސްމާހް މަންސޫރު ދެއްވާފައިވާ ދައުވަތަކަށް، ފަސްޓް ލޭޑީ މެޑަމް ފާތުން ވަނީ ތަގުރީރު ކުރައްވާފައެވެ.
މީގެ އިތުރުން މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީން ވަނީ އެގައުމުގެ ބޮޑުވަޒީރު ދާތޯ ސްރީ މުހައްމަދު ނަޖީބް ބިން ތުން ހާޖީ އަބްދުލްރައްޒާގާ ބައްދަލުކުރައްވައި ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ރައީސް ޔާމީން ވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވެސް މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.