01 Jun 2016, 13:25
ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓާި މޯބައިލް ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް ރަމަޟާން މަހުގެ މުނާސަބަތުގައި ދިރާގުން ޚާއްސަ ހަދިޔާއެއްގެ ގޮތުން، ބޭނުންކުރާ ޕެކޭޖުގެ ޑޭޓާ އެލަވަންސުގެ އިތުރުން، އެ އެލަވަންސްގެ 50 ޕަސަންޓު ހިލޭ ދިނުމަށް ދިރާގުން ނިންމައިފި އެވެ.
ދިރާގުން މައުލޫމާތު ދޭ ގޮތުގައި، 50 ޕަސަންޓު ހިލޭ ޑޭޓާ ލިބޭ ފަރާތްތަކުގެ ތެރޭގައި ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ފިކްސްޑް ލައިން ބްރޯޑްބޭންޑް މެދުވެރިކޮށް އިންޓަނެޓު ބޭނުންކުރާ ޔޫޒަރުން ހިމެނޭނެ އެވެ.
އެގޮތުން، ދިރާގުގެ ޕޯސްޓްޕެއިޑް ޕްލޭނެއްގެ ދަށުން ލިބޭ ޑޭޓާ އެލަވަންސާއި، ޕްރީޕެއިޑް ކަސްޓަމަރުން އެޑްއޮން ޕެކޭޖުގެ ގޮތުގައި ބޭނުންކުރާ ޑޭޓާ ޕެކޭޖުތަކުގެ އިތުރުން ދިރާގު ފިކްސްޑް ލައިން ބްރޯޑްބޭންޑް ބޭނުންކުރާ ފަރާތްތަކަށް ވެސް، އެ ޕެކޭޖަކާ އެކު ލިބޭ ޑޭޓާ އެލަވަންސުގެ 50 ޕަސަންޓު އިތުރަށް، ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.
މިކަމާ ގުޅޭ ގޮތުން ދިރާގުގެ މެނޭޖާ މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، މިއީ ދިރާގުން ކަސްޓަމަރުންނަށް ދޭ ރޯދަ ހަދިޔާތަކުގެ ތެރެއިން އެއް ކަންތައް ކަމަށެވެ.
އަދި ކުރިޔަށް އިތުރު ހަދިޔާތަކެއް ދިނުމަށާއި އިތުރު ކަންކަން ކުރުމަށް ރާވާފައިވާ ކަމަށާއި، އެކަންކަމުގެ މައުލޫމާތު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް މިރުޝާން ވިދާޅުވި އެވެ.