02 Jun 2016, 09:15
އެއީ އަޖާއިބުކުރުވަނިވި ފުރިހަމަ ޕާކެކެވެ. މުޅި ސަރަހައްދުގައި ފެހިކުލައިގެ ދޫލައެއް އަޅާލާފައިވާ ކަހަލައެވެ. ހިޔާދޭ ގަސްތައް ގިނައެވެ. ކޮންމެ ގަހެއްގެ ދޮށުގައި އިށީނދެލާނެ އައްޓެއް ހަދާފައިވާ އިރު ޕާކުގެ އެކި ސަރަހައްދުތަކުގައި އިށީނދެ ތިބެލާނެ ގޮނޑިތައް ވަނީ ބަހައްޓައިފަ އެވެ. އެ ޕާކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދަނީ ހަދާފައިވާ ފެންގަނޑާއި ހިތްގައިމު ބުރިޖުންނެވެ. މިވާހަކަތަކުން ސިފަ ވަނީ ރާއްޖެ އިން ބޭރުގެ ގައުމެއް ދެއްތޯ؟ ނަމަވެސް އެނގޭހެއްޔެވެ. މިދައްކަނީ ތޮއްޖެހިފައިވާ މާލޭގެ ހަ ވަނަ އަވަށްކަމަށްވާ ހުޅުމާލެ ޔޫތު ސިޓީގައި ހަދާފައިވާ ސެންޓްރަލް ޕާކުގެ ފުރިހަމަ ކަމުގެ ވާހަކަ އެވެ. އާދެ ހުޅުމާލޭގައި ތަރައްގީ ކުރާ ސެންޓްރަލް ޕާކުގެ ލެޝާ ޒޯންގެ ހިތްގައިމު މާހައުލުގެ ވާހަކަ އެވެ.
ހުޅުމާލޭ ސެންޓަރަލް ޕާކާއި ގުޅޭ ވީޑިއޯ ރިޕޯޓް--
މީގެ ކުރިން ޖަންގަލި ހެދި، ބަނަވެފައި އޮތް އެ ސަރަހައްދުން މިއަދު ލިބެމުން ދަނީ އުފާވެރިކަމެވެ. އާ ދުވަހަކަށް އިރުއަރަމުން އަންނަނީ އެސަރަހައްދަށް އެއްވެ ކަސްރަތު ކުރާ މީހުންނާ އެކު އެވެ. ހެނދުނު ސައިބުއިމަށް ފަހު ކުޑަކުދިންނާއި ޒުވާނުން އެ ސަރަހައްދަށް ދަނީ ސަކަރާތްޖަހައި ކުޅެހަދާށެވެ. މެންދުރުގެ އަވިގަދަ ވަގުތު އެތައް ބަޔަކު އެޕާކުގެ ހިޔަލުން އުފާހޯދާ އިރު ހަވީރަކީ މުޅި ޕާކަށް ހަލަބޮލިކަން ގެނެސްދޭ އުފާވެރި ވަގުތޮކޮޅެވެ. ރޭގަނޑު އެ ޕާކު ފެނިގެން ދަނީ ލޯބިވެރިންނާއި އެކުވެރިން އެމީހުންގެ ގުޅުންބަދަހި ކުރުމުގެ ބައިވެރިއެއްގެ ގޮތުގަ އެވެ. ކުރިއަށްއޮތްތަނުގައި އެތަނަކީ ހިލޭވައިފައި ލިބޭ ތަނަކަށް ބަދަލުވެގެންދާނެ އެވެ.
"ސެންޓްރަލް ޕާކަކީ ފަހުގެ ވައްޓަފާޅިއަށް ހަދާ، ރެކްރިއޭޝަނަލް ކަންތައްތައްތަކަށް ހުސްވަގުތު ހޭދަކުރުމަށް ހެދޭ ޕާކެއް، މިޒޯން ހާއްސަކޮށްފައި މިވަނީ ޒުވާނުންނާއި އާއިލާތަކުން އައިސް ހިތްހަމަޖައްސާލުމުގެ ވަގުތުތައް ހޭދަކުރާ [ތަނަކަށް]،" އެ ޕާކް ތަރައްގީކުރި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވި އެވެ.

އެޗްޑީސީ މެނޭޖިން ޑިރެކްޓަރު ސައިމަން ސަން އަށް އިންޓަވިއު ދެއްވަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ފެހިކަން ގަދަ އެ ޕާކުގައި ހިތްގައިމު ފެންގަނޑެއް، ފެންފައިބާ ގުޅިއަކާ އެކު ހަދާފައިވާ އިރު އެ ފެންގަނޑު ހުރަސްކުރަން ކުޑަ ބުރިޖެއް ވެސް ވަނީ އަޅައިފަ އެވެ. ހަމައެއާ އެކު މުޅި ޕާކް ފެންނަހެން ބަލާލުމަށް އުސްފާލަމެއް ހަދާފައިވެ އެވެ. މިއީ ކުދިބޮޑު އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ.
އެ ޕާކުން އެތައް ކުޑަކުދިންނެއް އުފާވެރިކަން ހޯދަމުންދާއިރު ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ހަތަރު އަހަރުގެ އައިކް އިސްމާއިލް ބުނަނީ "ކޮއްކޮ ކުރީގައި ގޭގަ ހުންނަނީ، މިހާރު ޕާކަށް އައިސް މަޖާކުރަނީ" ކަމަށެވެ. އޭނާ އަށް ލިބިފައިވާ އެ ހިތްހަމަޖެހުމާ އެކު މައިންބަފައިންނަށް ވެސް ވަނީ އުފާވެރިކަން ލިބިފަ އެވެ. އައިކުގެ ބައްޕަ އިސްމާއިލް ނަސީރު ބުނީ މީގެ ކުރިން އެފަދަ ޕާކްތައް ނެތުމުން ދަރިން ގޮވައިގެން ދާނެ ތަންތަން މަދު ކަމަށާއި އަލަށް ހުޅުވުނު އެ ޕާކާ އެކު އެ އާއިލާއަށް އުފާވެރިކަން ގެނެސްދީފައިވާ ކަމަށެވެ.
"މިއީ ވަރަށް ރަނގަޅުކަމެއް، ދަރިފުޅު ވަރަށް އުފާވޭ މިތަނަށް ގެނައުމުން، މިއީ ވަރަށް ރަނގަޅު ކަމެއް." އިސްމާއިލް ބުންޏެވެ.

މި ޕާކަކީ ވަރަށް ހިތްގައިމު ފެހި ޕާކެއް. ބުރިޖަކާއި ފެން ގަނޑެއްގެ އިތުރުން މީހުން އިށީނދެ ތިބެވޭގޮތަށް ގޮނޑިތައް ބަހައްޓާފައިވޭ.--- ސަން ފޮޓޯ: މުހަންމަދު އަފްރާހް
ދުވާލުގެ ކޮންމެ ވަގުތެއްގައި ދިޔަ ނަމަވެސް އެ ޕާކް ސަރަހައްދުން މީހުން ހިތް އުފާކުރާ މަންޒަރުފެނެ އެވެ. އެއީ މިއަދު ފޮޓޯގްރާފަރުންގެ ނަޒަރު ވެސް އެންމެ ބޮޑަށް ހުއްޓިފައިވާ މަންޒިލެވެ. އާއިލީ ފޮޓޯތަކާއި ލޯބެވެރިންގެ ފޮޓޯތަކުގެ އިތުރުން ކައިވެނީގެ ފޮޓޯތައް ނެގުމަށް އެ ޕާކް އިހުތިޔާރުކުރަނީ ހަމަ އެތަނުގެ ފުރިހަމަ ކަމުންނެވެ.
އަތޮޅުތެރޭ ރަށްރަށުގައި އުމުރުގެ ބޮޑުބައެއް ދިރިއުޅުމަށް ފަހު މަޖުބޫރީ ހާލަތްތަކުގެ ސަބަބުން މާލެ ބަދަލުވާންޖެހިފައިވާ ދުވަސްވީ ފަރާތްތަކަށް ކުރިމަތިވާ އެންމެ ހިތްދަތި ކަމަކީ މާލޭގެ ގޭގައި ބަންދުވެފައި ތިބެން ޖެހޭ ޖެހުމެވެ. ރަށުގައި އުޅުނު ފަދަ މިނިވަން މާހައުލެއް އެފަރާތްކަށް ބޭނުންވެ އެވެ. މި ޕާކުން އެފަރާތްތަކަށް ވެސް އެ އުފާވެރިކަން ގެނެސްދެ އެވެ.
"ވަރަށް އުފާ، ދައްތަ ވަރަށް އުފާ، މިއީ ވަރަށް ރަނގަޅުކަމެއް، އަބަދު މީހުން މިތަނަށް އައިސް ތިބޭ، ވަރަށް އުފާ." ޕާކާ ގުޅޭގޮތުން ގއ. ވިލިގިލި 60 އަހަރުން މަތީގެ އައިމިނަތު ފާން ބުންޏެވެ.

ޕާކުގެ ތަރައްގީ އަދި ކުރިއަށްއޮތީ!
އަށް ހެކްޓަރުގެ ބިމުގައި ހަދާ އެ ޕާކުގެ އަދި ނިމިފައި ވަނީ ކުޑަބައެކެވެ. އޭގެ އިތުރުން އަދި އެތަނަށް ފުރިހަމަ އެތައް ކަމެއް އަންނަންއޮތީ އެވެ. އެކި ޒޯންތަކަށް ބަހާލައިގެން އެޕާކް ތަރައްގީ ކުރާއިރު މިއަހަރަށް ޓާގެޓްކޮށްފައި ހުރި ކަންތަކުގެ ތެރޭގައި ޒުވާނުންނަށް އެތައް ގުނައެއް ބޮޑު އައުޓްޑޯ ޖިމެއް ގާއިމްކުރުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ޒުވާނުންނަށް ހާއްސަ އެކިއެކި ކަންތައްތައް އެޒޯނުގައި ތަރައްގީ ކުރުމަށް ވަނީ ނިންމައިފަ އެވެ.
"މިއީ ދިގު މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ ވަރަށް ބޮޑު ޕުލޭނެއް... ޒުވާނުންނަށް ހާއްސަކޮށް މިއަހަރު ތެރޭގައި އެޒޯނަށް ގެންނަ ކަންތައްތަކުގެ ތެރޭގައި ކްލައިމްބިންވޯލް ސެޓަޕެއް އެތަނުގައި މިއަހަރު ނިމެންވާއިރަށް ހެދުމަށް ޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ." ސައިމަން ވިދާޅުވި އެވެ.

ޒުވާނުންނާއި އާއިލާތަކަށް ހާއްސަކޮށްގެން ޒަމާނީގޮތަކަށް ހަދައި މިދިޔަމަހު 22 ވަނަ ދުވަހު ހުޅުމާލެގައި ހޮޅުވި ހުޅުމާލެ ސެންޓްރަލް ޕާކް. .--- ސަން ފޮޓޯ: މުހަންމަދު އަފްރާހް
އެ ޕާކުގެ މެދަށްވާގޮތަށް އޮންނަ ބޮޑުމަގުގެ ބައެއް މިހާރު ވަނީ ޒުވާނުންނަށް ހާއްސަކޮށްފަ އެވެ. މަގުގެ ދެ ފަރާތުން ހިނގުމަށް ހާއްސަކޮށްފައިވާ އިރު އެމަގުގައި ސްކޭޓް ކުރުމާއި ބައިސްކަލް ދުއްވުން ފަދަ ކަންތައްތަކަށް ވަނީ ހާއްސަކޮށްފަ އެވެ.
އެވަރުން ނިމުނީއެއް ނޫނެވެ. ދެން އޮތް ޒޯނުގައި ބޮޑެތި ފެންއަރުވާވަޑާންތައް ގާއިމް ކުރަންވަނީ ނިންމާފަ އެވެ. އެމަސައްކަތުގެ ބޮޑުބައެއް މިއަހަރު ނިންމުމަށް އަމާޒުކޮށްފައިވާ އިރު އެޒޯނުގައި އިސްލާމިކް ސެންޓަރު ވެސް ގާއިމް ކުރަން ވަނީ ނިންމާފަ އެވެ. އެއީ ދީނީ މައުލޫމާތު ލިބޭނެގޮތަށް އިމާރާތްކުރާ ޒަމާނީ ސެންޓަރެކެވެ.
ހިތްގައިމު އެތައްކަމެއް އެކުލެވިގެން މުޅި ޕާކުގެ މަސައްކަތް 2017 ނިންމުމަށް އަމާޒު ހިފާފައިވާ އިރު މިއަހަރު ތެރޭގައި މަސައްކަތުގެ ބޮޑުބައެއް ނިމޭނެކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ ސެންޓަރަލް ޕާކް-- އެހިތްގައިމު ޕާކް ހިލޭ ވައިފައި ލިބޭގޮތަށް ހަދަން ވަނީ ނިންމާފަ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް
"މުޅި ސެންޓްރަލް ޕާކް އެއްކޮށް ނިމިގެންދާ އިރު އަޅުގަނޑު ދައްނަވާނީ މިރާއްޖޭގައި ހެދޭ އެންމެ ފުރިހަމަ ޕާކަކަށް މިޕާކް އޭރުން ވެގެންދާނެ، މިހާރު ވެސް އަޅުގަނޑު ގަބޫލް ކުރާގޮތުގައި ލެޝާ ޓައިމްސް ސުޕެންޑް ކުރުމަށް ޓަކައި މިހާ އޯޕަން ސްޕޭސް އާ އެކު މިޒޯން ވެސް ވަރަށް ފުރިހަމަ،" ސައިމަން ވިދާޅުވި އެވެ.
ހުސްބިންތައް ހިތްފަސޭހަ މައިދާންތަކަކަށް
އެޗްޑީސީގެ ޓާގެޓަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އާބާދީގެ ނިސްބަތުން މީހަކަށް 2.5 އަކަ މީޓަރުގެ ހުސްބިން ބޭއްވުން ކަމަށް ސައިމަން ވިދާޅުވި އެވެ. އެއީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތައް ކަމަށްވާ ހޮންގޮންގާއި މެލޭޝިއާގެ ވެސް ހުންނަ މިންވަރެވެ. މާލޭގެ އެމިންވަރު ހުރީ 1.3 އަކަ މީޓަރުގަ އެވެ.
އެޗްޑީސީގެ އަމާޒަކީ ހުސްބިންތައް ހިތްފަސޭހަ މައިދާންތަކަކަށް ހެދުމެވެ. ހަމައެއާ އެކު މިހާރު ހަދާފައި ހުރި ޕާކްތަކާއި ކުޅިވަރު ކުޅޭ ތަންތަން އިތުރަށް ތަރައްގީ ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ފުލެޓުތަކުގެ ހުސްބިންތައް ވެސް ޕާކްތަކަށް ހަދަން ވަނީ ނިންމައިފަ އެވެ.

ޒުވާނުންނާއި އާއިލާތަކަށް ހާއްސަކޮށްގެން ޒަމާނީގޮތަކަށް ހަދައި ހުޅުމާލެގައި ހުޅުވި ހުޅުމާލެ ސެންޓްރަލް ޕާކް.--- ސަން ފޮޓޯ: މުހަންމަދު އަފްރާހް
"ފުލެޓުތަކުގައި އެހުރިހާ އޯޕަން ސްޕޭސްތައް ޕާކްތަކަށް ނުވަތަ ސްޕޯޓްސް އެންޑް ރެކިއުރޭޝަންސް ފެސިލިޓީސްގެ ގޮތުގައި ތަރައްގީކޮށް ހުރިހާ އޯޕަން ސްޕޭސްއެއް ކުރަން ނިންމާފައި މި އަހަރުގެ އެޗްޑީސީ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން ދަނީ މަސައްކަތް ކުރަމުން." ސައިމަން ވިދާޅުވި އެވެ.
ދައުލަތުން ބޮޑު ހޭދައެއްކޮށްގެން، މިހާތަނަށް ރާއްޖޭގައި ހަދާފައިނުވާވަރުގެ ނަލަ ހިތްގައިމު ޕާކްތަކެއް ހަދާ އިރު އެތަންތަން ރީތިކޮށް ބެލެހެއްޓުމަށް އެންމެން ވެސް ފަރުދީ ޒިންމާނަގަންޖެހެ އެވެ. އެންމެ މޮޅުމީހަކީ އެންމެ ގިނައިން ތަންތަން ހަލާކުކޮށް ގެއްލުން ދޭ މީހަކަމަށް ގަބޫލްނުކޮށް ރީތިކޮށް އެތަންތަން ބަލަހައްޓަން އިސްކަންދޭންޖެހެ އެވެ. ސާފުތާހިރުކަން އިސްކުރަންޖެހެ އެވެ. ތޮއްޖެހުމާ އެކު ހާސްވެފައިވާ ސިކުނިތަކަށް މިއީ އުފާވެރިކަން ގެނުވި ޕާކެކެވެ.