ޔޫރަޕްގެ ގައުމުތައް ވައްޓާލުމަށް ފަހު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ ގައުމަކަކަށް ޗައިނާ ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 53 ޕަސެންޓް އިތުރަށް ޗައިނާ އިން ރާއްޖެ އަށް ޓޫރިސްޓުން އައިސްފައިވެ އެވެ.

މިއަހަރުގެ މިހާތަނަށް ޗައިނާ އިން ރާއްޖެ އަށް 39000 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިނާ އިން 114000 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ 15 ޕަސެންޓެވެ.

ބައިނަލްއަގުވާމީ ބައެއް މީޑިޔާތަކާ ބައްދަލުކުރައްވައި ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ މިދިޔަ ހަފްތާގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓަކީ ފަތުރުވެރިކަން ކަމަށާއި ރާއްޖެއަށް އެންމެ ގިނަ ލާރި ވަންނަނީ ވެސް ޗައިނާގެ މާކެޓުން ކަމަށެވެ. އަދި މި އަހަރު ވެސް ޗައިނާ އިން ރެކޯޑް އަދަދަކަށް ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމައް އަންދާޒާ ކުރެވޭ ކަމަށް ވެސް ޒުލްފާ ވަނީ ވިދާޅުވެފަ އެވެ.

ޗައިނާ އަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓަށް ޗައިނާ ވެފައިވާ އިރު ޒުލްފާ ވަނީ ޗައިނާގެ ޓޫރިޒަމްގެ މާކެޓް ރާއްޖޭގައި ފުޅާވަމުން އަންނަ ގޮތުގެ މައްޗަށް ވެސް އަލިއަޅުވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ޒުލްފާ ފާހަގަކުރައްވާފައި ވަނީ ޗައިނާގެ އިގްތިސޯދީ ދުވެލި ހަލުއިވުމާއި ރާއްޖެ އަށް ވިސާ ލިބުން ފަސޭހަ ވުމުގެ އިތުރަށް ޗައިނާގެ ފަތުރިވެރިން ގަޔާވާ ފަދަ ކަންތައްތައްތަކެއް ދިވެހި ރިސޯޓްތަކުގައި ހުރުމަކީ ޗައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވާ ސަބަބު ކަމަށެވެ.

"ޗައިނާގައި ރާއްޖޭގެ މަގުބޫލް ކަން ބޮޑުވުމުން ރާއްޖޭގައި ޗައިނާގެ ރައްޔިތުންނަށް ހުރި ފަސޭހަތައް އެނގޭ." ޒިންހުއާ ނިއުސް އެޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި ޒުލްފާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފުޅާވަމުން އަންނަ ޗައިނާގެ ޓޫރިސްޓު މާކެޓަށް އަމާޒުކޮށްގެން ޗައިނާގެ ބައެއް ހިސާބުތަކަށް ޑައިރެކްޓް ފުލައިޓްތަކެއް އޮޕަރޭޓް ކުރުމުގެ އިންތިޒާމުތަކެއް ހަމަޖެއްސޭތޯ ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.