02 Jun 2016, 08:57
ބޮލީވުޑުގެ ކާމިޔާބު ދެ ތަރިން ކަމުގައިވާ ކެޓްރީނާ ކައިފް އަދި ރަންބީރު ކަޕޫރުގެ ލޯބީގެ ގުޅުން ނިންމާލި ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. ދެމީހުން ރުޅިވެފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ.
އެއަށް ފަހު ދެ މީހުންގެ ދެމެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އެކުގައި މަސައްކަތް ކުރި އިރު ވެސް ދެ މީހުން ވަނީ އެކަކު އަނެކަކާ ވާހަކަދައްކަން އިންކާރުކޮށްފަ އެވެ.
ދެމީހުން ރުޅިވުމަށް ފަހު މީޑިއާ އާ މާގިނަ ވާހަކަތަކެއް ދެތަރިން ވެސް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް ކެޓްރީނާ މިވަނީ ރަންބީރު އާ ރުޅިވުމަށް ފަހު އޭނާގެ ހަޔާތަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ބުނެފަ އެވެ.
އެގޮތުން ބައެއް މީހުންނަށް، އެހެން މީހުންނާ ކަންކަން ހިއްސާ ކުރަން ފަސޭހަ ވިޔަސް، އެއީ އޭނާ އަށް އެއްގޮތަކަށް ވެސް ފަސޭހާ ކަމެއް ނޫން ކަމަށް، ވޯގް އަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.
އަދި ރަންބީރު އާ ރުޅިވުމަށް ފަހު، ފިލްމީ ދާއިރާ އާއި އެ ދާއިރާގައި އުޅޭ މީހުންނާ މެދު އޭނާ ދެކޭގޮތް ވެސް މުޅިން ބަދަލުވެއްޖެ ކަމަށް ކެޓްރީނާ ވަނީ ބުނެފަ އެވެ.
"މިހާރު އެކުވެރިންނާ މާ ގާތްވެ، އެމީހުންނާ ކަންކަން ހިއްސާކޮށް، އެމީހުންނަށް ބަރޯސާ ނުވާން ވިސްނިއްޖެ. މިއީ ފިލްމީ ދާއިރާ. މިއީ މަސައްކަތުގެ ދާއިރާ އެއް. ބައެއް ފަހަރު އަހަރުމެންނަށް ޕްރޮފެޝަނަލް އަދި އަމިއްލަ ދިރިއުޅުން އެއްކޮށްލެވެނީ،" ކެޓްރީނާ ބުނެފައިވެ އެވެ.