ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ ދެވަނަ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީގެ ހައި ލެވެލް ސެގްމަންޓްގައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވާހަކަ ދައްކަވައިފި އެވެ.

އެ އެސެމްބްލީ ކުރިއަށްގޮސްފައި ވަނީ "2030 ގެ ނިޔަލަށް ހާސިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުން" މައުޟޫގެ ދަށުންނެވެ.

އެ އެސެމްބްލީގައި 170 ގައުމަކުން 2400 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރެއިން 75 ގައުމަކުން ވަޒީރުންގެ ފެންވަރުގައި އެ އެސެމްބްލީގައި ވަނީ ބައިވެރިވެފަ އެވެ.

އެސެމްބްލީގައި ބައިވެރިވި ދިވެހި ރާއްޖޭގެ ވަފުދުގެ އެންމެ އިސްވެރިއެއްގެ ގޮތުން، އެސެމްބްލީގެ ބައިވެރިންނާ މުހާތަބުކުރައްވައި މިނިސްޓަރު ދެއްކެވި ވާހަކައިގައި 2015 ވަނަ އަހަރާއި ހަމައަށް ހާސިލު ކުރުމަށް ކަނޑައެޅި ސާސްކަފް ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ދިވެހިރާއްޖެ އިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ.

އެގޮތުން 2015 ވަނަ އަހަރު އައުމުގެ މާ ކުރިން ދިވެހިރާއްޖެ އިން ސާސްކަފް ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ އަށް ލަނޑުދަނޑީގެ ތެރެއިން ފަސް ލަނޑުދަނޑި ހޯދުމަކީ ފަހުރުވެރިވާ ކާމިޔާބެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ކާމިޔާބީގެ މައްޗަށް ބިނާކޮށް 2030 ވަނަ އަހަރާއި ހަމަޔަށް ހާސިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ދިވެހިރާއްޖެ އިން އަތުކުރި އޮޅާލައި މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތްތަކުގެ ތެރޭގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމާއި ގުޅިގެން ކުރަމުން އަންނަ ލަނޑުދަނޑިތަކާއި ގުޅޭ ގޮތުން މިހާތަނަށް މިނިސްޓްރީތަކުގެ ފެންވަރުގެ ބައްދަލުވުން ތަކާއި ގައުމީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް ބޭއްވުނުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މެއި މަހުގެ 23 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ކުރިއަށް ދިޔަ އެސެމްބްލީ އަށް 28 ގަރާރެއް ހުށަހެޅުނު އިރު، އެސެމްބްލީގައި ބައިވެރިވި ގައުމުތަކުގެ އިއްތިފާގުން 27 ގަރާރެއް ވަނީ ފާސްކޮށްފަ އެވެ. ޔުނެއާ-2 އަށް ހުށަހެޅުނު 28 ގަރާރުގެ ތެރޭގައި، ޕެރިސް އެގްރިމެންޓަށް ތާއީދު ކުރުމަށް ބާރުއަޅާ ގަރާރަކާއި ތިމާވެއްޓާއި ގުޅުން ހުރި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް ބާރުއަޅާ ގަރާރަކާއި ހަމަނުޖެހުން ހިނގަމުންދާ ފަލަސްތީނުގެ ގައްޒާއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަށް ބެލުމަށް ފީލްޑް އެސެސްމަންޓެއް ހެދުމަށް ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމަށް ބާރުއަޅާ ގަރާރަކާއި ކަނޑުތަކަށް ޕްލާސްޓިކް ފަދަ ކުނި އެޅުން ހުއްޓުވުމަށް ބާރުއަޅާ ގަރާރެއް ހިމެނެ އެވެ.

ހަމައެއާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ފަރުތައް ބަލަހައްޓައި ހިމާޔަތް ކުރުމަށް ބާރުއަޅާ ގަރާރެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އިންޑޮނޭޝިއާ އިން ހުށަހެޅި އެ ގަރާރަށް ދިވެހިރާއްޖެ އިން ވަނީ ތާއީދުކޮށް ކޯސްޕޮންސާ ކޮށްފަ އެވެ.

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީގެ ތިން ވަނަ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ 2017 ވަނަ އަހަރު އެވެ.