01 Jun 2016, 12:37
އިންޓަނޭޝަނަލް ފުޓްސަލް އާލިއަންސްގެ މެންބަރެއް ކަމަށްވާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ގޯލްޑަން ފުޓްސަލް ޗެލެންޖް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މުބާރާތުގެ ހުރިހާ މެޗެއް މާލޭގައި ކުޅެން ހަމަޖެހިފައިވާ އެ މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާފައި ވަނީ މި މަހުގެ 29 އާ ހަމައަށެވެ. މުބާރާތުގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 9994470 އަށް ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މައުލޫތު ދެއެވެ.
މި އަހަރު ކުރިއަށްދާ އެ މުބާރާތުގައި މާލެ ސިޓީ އާއި ޏ. ފުވައްމުލައް ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއް ޓީމު ބައިވެރި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ ރަށެއްގެ ޓީމަކަށް ކުޅެވޭނީ އެ ރަށެއްގެ ރަޖިސްޓަރީގައި ހިމެނޭ ކުޅުންތެރިންނަށް އެކަންޏެވެ.
ޏ. ފުވައްމުލަކުގެ ކޮންމެ އަވަށަކުން އެއް ޓީމު އެ މުބާރާތުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވާ އިރު، ފުވައްމުލަކުގެ ކޮންމެ އަވަށެއްގެ ޓީމަކަށް ކުޅެވޭނީ އެ އަވަށެއްގެ ރަޖިސްޓަރީގައި ހިމެނޭ ކުޅުންތެރިންނަށް އެކަންޏެވެ. މާލޭގެ ކޮންމެ އަވަށަކުން ވެސް ބައިވެރިވާ ޓީމުތަކަށް ކުޅެވޭނީ އެ އަވަށެއްގެ ރަޖިސްޓަރީގައި އޮންނަ ކުޅުންތެރިންނާއި، ދަފްތަރު، ވިލިމާލެ ނުވަތަ ހުޅުމާލޭގެ ރަޖިސްޓަރީގައި އޮންނަ ކުޅުންތެރިންނަށެވެ. މާލޭ ސިޓީން ބައިވެރިވާން އެދޭ ހުރިހާ ޓީމަކަށް އެ ފުރުސަތު ދޭގޮތަށް އެ އެސޯސިއޭޝަނުން ނިންމާފައިވެ އެވެ.
އެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދާނީ ކޮންމެ އެތޮޅެއް ވަކި ގްރޫޕެއްގެ ގޮތުގައި ބަލައި، ގްރޫޕުގައި ހިމެނޭ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް އަތޮޅު ޗެމްޕިއަނުންގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރާ ގޮތަށެވެ. އަދި މާލޭގެ އަވަށްތައް ވަކި ގްރޫޕެއްގެ ގޮތުގައި ބަލައި، ގްރޫޕުގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް އަވަށު ޗެމްޕިއަނުންގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރާ ގޮތަށެވެ.
ދެވަނަ ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަށް ޒޯނަށް ބަހައި، އެ ޒޯނެއްގައި ހިމެނޭ ޓީމުތައް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ޒޯން ޗެމްޕިއަނުންގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ހުށަހަޅައި އެ މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 4000 ރުފިޔާ އެވެ. ކޮންމެ ރަށަކުންވެސް ބައިވެރިވުމަށް އެދި ފުރަތަމަ ހުށަހަޅާ ޓީމަކަށް އެ ފުރުސަތު ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ގޯލްޑަން ފްޓްސަލް ޗެލެންޖް 2016 ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެ މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "ސަން އޮންލައިން" އެވެ.