ކޮމަން އެލާޓިން ޕްރޮޓޮކޯލް (ސީއޭޕީ) މިންގަނޑުގެ ދަށުން ތައްޔާރުކޮށްފައިވާ ސޮފްޓުވެއާ އަށް މުވައްސަސާތައް އަހުލުވެރިކުރުވަން ވޯކްޝޮޕެއް ފަށައިފި އެވެ.

ސީއޭޕީ އަކީ ދުނިޔޭގެ މުވާސަލަތީ ޖަމިއްޔާ (އައިޓީޔޫ) އާއި ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާ ވޯލްޑް މީޓިއޮރޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ކަނޑައަޅާފައިވާ، ގުދުރަތީ އަދި އިންސާނީ އަމަލުތަކުން ދިމާވާ ކާރިސާތަކަށް އަދި ގިނަ މުވާސަލާތީ އާލާތްތަކަށް ބޭނުންކުރެވޭނެ ގޮތަށް އެލާޓް ފޮނުވުމަށް ތައްޔާރު ކޮށްފައިވާ މިންގަނޑެކެވެ.

އެ މިންގަނޑަށް އެލާޓް މެސެޖްތައް ފަސޭހަކަމާ އެކު ތައްޔާރުކޮށް ފޮނުވުމަށް ޓަކައި ޔުނެސްކެޕްގެ ފަރާތުން އޭޝިއާ ޕެސިފިކް ސަރަހައްދުގެ ތިން ގައުމެއްގައި ދަނީ ވޯކްޝޮޕްތަކެއް ހިންގަމުންނެވެ.

"ކެޕް އޮން އަ މެޕް"ގެ ނަމުގައި ކުރިއަށް ގެންދާ އެ ވޯކްޝޮޕްގައި ރާއްޖޭގައި ކުރިއަށް ގެންދަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުންނެވެ.

މިއަދު ފެށި ވޯކްޝޮޕަކީ އެ ޕްރޮޖެކްޓުގެ ދަށުން އޭޝިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އޭއައިޓީ)އާ ސަހާނާ ފައުންޑޭޝާންގެ ފަރާތުން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާ، (ސެމްބުރޯ) ރާއްޖޭގެ ކަމާ ގުޅުންހުރި އިދާރާތަކުން ބޭނުންކުރާނެ ގޮތް ކިޔައިދިނުމަށް ހިންގާ އެއް ދުވަހުގެ ވޯކްޝޮޕެކެވެ.

ސަހާނާ ފައުންޑޭޝަން ގެ ފަރާތުން ސެމްބުރޯ ސޮފްޓްވެއާ ހެދުމުގައި ހަރަކާތްތެރިވާ ފަންނީ މާހިރެއްގެ އިތުރުން މެޓް އޮފީހުގެ ފަންނީ މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ އެ ވޯކްޝޮޕްގައި ނުވަ މުވައްސަސާއަކުން 17 ބައިވެރިން ބައިވެރިވެ އެވެ.

ސެމްބުރޯ ސޮފްޓްވެއާ ބޭނުންކުރާނެ ގޮތް ފުރަތަމަ ކިޔައިދީފައިވަނީ، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ގެ ބޭފުޅުންނަށެވެ. އެގޮތުން އެ ދެ މުވައްސަސާގެ އަށް އެ ސޮފްޓްވެއާ ދަސްކޮށްދިނުމުގެ ގޮތުން މިމަހުގެ 29 އިން 31 އަށް ވަނީ ވޯކްޝޮޕެއް ހިންގާފައެވެ.