މި އަހަރު ރާއްޖޭގެ އިގްތިސާދު 6.4 ޕަސެންޓަށް ކުރިއަރާނެ ކަމަށް ސަރުކާރުން ކުރިން ލަފާކޮށްފައިވީ ނަމަވެސް، އިގްތިޞާދީ ދުވެލި އެ މިންވަރަށް ވުރެ ދަށްވެދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން އިއްޔެ އާންމު އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ 2016 ވަނަ އަހަރު ރާއްޖޭގެ އިގްތިޞާދު 6.4 ޕަސެންޓަށް ކުރި އަރާނެ ކަމަށް ލަފާކޮށްފައި ވަނީ މި އަހަރު ފެށުމަށް ހަމަޖެހިފައިވާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާ އެ މުއްދަތުގެ ތެރޭގައި ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭތީ އާއި ފަތުރުވެރިކަމުގެ ދާއިރާ ވެސް 2016 ވަނަ އަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ.

"މިއަހަރުގެ މިހާތަނަށް ލިބިފައިވާ ފަތުރުވެރިކަމުގެ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާ އިރު ކުރިން އަންދާޒާކުރެވިފައިވާ މިންވަރަށް މިދާއިރާ ކުރިއަރާނެ ކަމަށް ލަފާނުކުރެވޭތީ އިގްތިޞާދީ ދުވެލި މިހާރު އަންދާޒާކޮށްފައިވާ މިންވަރަށް ވުރެ ދަށްވުމަކީ އެކަށީގެންވާކަމެކެވެ." އެމްއެމްއޭގެ ރިވިއުގައި ބުނެފައިވެ އެވެ.

އިގްތިޞާދީ ދުވެލި ދަށް ވާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވާ އިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ވަނީ މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 3.5 ޕަސެންޓަށް ކަމަށް ބުނެފަ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށް ފަހު މިމަހުގެ 13 ވަނަ ދުވަހު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގެ އިގްތިސާދު ގިނަ އަހަރުތަކެއް ވަންދެން އަވަށްޓެރި ގައުމުތަކަށް ވުރެ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އައިސް، 2015 ވަނަ އަހަރު އެ ދުވެލި މަޑުޖެހިފައިވާ ކަމަށެވެ.

އެގޮތުން، ފަތުރުވެރިކަމުގެ ސިނާއަތު މިދިޔަ އަހަރު ދަށަށް ދިއުމާ ގުޅިގެން އެ އަހަރު އިގްތިސާދު ކުރިއަރާފައިވަނީ 1.5 ޕަސެންޓް ކަމަށް ބުނެފައިވެ އެވެ.

އައިއެމްއެފް އިން މިއަހަރު ނިމޭ އިރު ގައުމީ އުފެންދުންތެރިކަން 3.5 އިން އިތުރުވާނެ ކަމަށް ލަފާކޮށްފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން ސިނާއަތު ރަނގަޅުވާނެ ކަމަށް ލަފާކޮށްފަ އެވެ.

އެމްއެމްއޭގެ ރިވިއުގައި ވާގޮތުން މިދިޔަ އޭޕްރީލް މަހު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރީންގެ އަދަދަކީ 493,103 އެވެ. އެއީ 2015 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާ އިރު އެއް ޕަސެންޓު އިތުރު އަދަދެއް ނަމަވެސް އެއީ ހުސްވި މާޗު މަހާ އަޅާ ބަލާއިރު 10 ޕަސެންޓު ދަށް އަދަދެކެވެ.

މި އަހަރުގެ އޭޕްރީލް މަހުފަތުރުވެރިކަމުގެ ދާއިރާގެ އޮކިއުޕަންސީ ރޭޓް ވަނީ 73 ޕަސެންޓް އިން 70 ޕަސެންޓް އަށް ދަށަށް ގޮސްފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ އޭޕްރީލް މަހު އޮޕަރޭޓް ކުރެވެނު އެނދުގެ އަދަދު އިތުރުވުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.