ރާއްޖޭގެ ބާޒާރުގައި މިއިން ޒަމާނަކު ވެސް ބިހުގެ އަގު ނޫފުލޭވަރަށް މިއަދު ބިހުގެ އަގު އުފުލިއްޖެ އެވެ. ކުދި ފިހާރަތަކުން ބުނީ މިއަދު ހޯލްސޭލްކުރާ ފިހާރަތަކުން ބިސްކޭހެއް ލިބެނީ 550.ރ އަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު މިލިބުނީ 550.ރ އަށް [ބިސް] ކޭހެއް. ދެން ހަރަދު ކަނޑާފައި އަޅުގަނޑުމެންނަށް ވިއްކޭނީ 600.ރ އަށް ކޭހެއް. އެހެންވީމާ ބިހެއް ވަކިން މި ވިއްކަނީ 2.85.ރ އަށް،" ކުޑަ ފިހާރައެއްގެ ސޭޓަކު ބުންޏެވެ.

އޭނާ ބުނީ މި އަހަރު ފެށުނު އިރު ވެސް އެ މީހުން ބިހެއް ވިއްކަމުން އައީ 1.25.ރ އަށް ކަމަށެވެ.
ބިހުގެ އިތުރުން ކާބޯތަކެތީގެ އެހެން ގިނަ ބާވަތްތަކުގެ އަގު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެގޮތުން ކުރިން 18.ރ. އަދި 20ރ. އަށް ވިއްކަމުން އައި ބޮޑު ޕާނެއް މިހާރު ވިއްކަނީ 24.ރ އަށެވެ. އަދި މިދިޔަ އަހަރު 18.ރ އަށް ވިއްކަމުން ދިޔަ ކެރެޓް ކިލޯއެއްގެ މިހާރުގެ އަގަކީ 40.ރ އެވެ. އަދި 30.ރ އަށް ވިއްކަމުން ދިޔަ ކެބެޖް ކިލޯއެއްގެ މިހާރުގެ އަގަކީ 60.ރ އެވެ.

"ކެބެޖް ކިލޯއެއް މިހާރު 60.ރ އަށް. ވިޔަފާރިކުރަން އަންނަ މީހުން ބުނަނީ ދެން ތަރުކާރީ ކެއުން ހުއްޓާލަން ވީ ކަމަށް،" ވިޔަފާރި ދަށް ވެގެން ހިތްހަމަ ނުޖެހިފައި އިން ސޭޓަކު ބުންޏެވެ.

މިހާރު އަގަށް މާބޮޑު ބަދަލެއް ނައިސް ހުރި ދެ ބާވަތަކީ އަލުތްވާއި ފިޔައެވެ. އެގޮތުން އަލުވި ކިލޯއެއް އަދި ފިޔާކިލޯއެއްގެ އަގަކީ 20.ރ އެވެ. ކުދި ފިހާރަތަކުން ބުނީ ކާބޯތަކެތީގެ ހުރިހާ ބާވަތަކުގެ އަގު އެވްރެޖްކޮށް 30 ޕަސެންޓް އުފުލިފައިވާ ކަމަށެވެ.