ވޭތުވެދިޔަ ތަނަށްވުރެ ފުރިހަމަގޮތުގައި ކުރިއަށް އޮތް ތަނުގައި ސާކުގެ ޙަރަކާތްތައް ހިނގާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްކުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހެއްގައި ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގައި މިއަދު ބޫޓާންގެ ވެރިރަށް ޓިމްޕީގައި ހުންނަވައިގެން ނިމިގެން ދިޔަ ސާކް ސަމިޓްގެ މައްޗަށް ބައްލަވާލައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސާކް ސަމިޓް އަބަދުވެސް ފާހަގަވެފައި މިއޮންނަނީ މާބޮޑު ނަތީޖާތަކެއް ނުނެރެވި، ވަރަށްގިނަ ވާހަކަތަކެއް ދެކެވޭ ޖަމާއަތެއްގެ ގޮތުގައި ކަމަށާއި، އެހެންނަމަވެސް، ސާކް ސަމިޓަކީ، ސާކުގެ ޤައުމުތަކުގެ ރައްޔިތުންނަށް ފައިދާކުރަނިވި ކަންތައްތަކެއް ހިންގާ ޖަމާޢަތަކަށް ހެދުމަށް މި ފަހަރު ވަރަށް މަސައްކަތް ކުރެއްވި ކަމުގައި ވިދާޅުވި އެވެ.


މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަމިޓުގައި އަދި ސާކުގެ ޤައުމުތަކުގެ މެދުގައި ތަރައްޤީގެ މަޝްރޫޢުތަކާއި، ވިޔަފާރީގެ އެންމެހައި ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި އެންމެ މުހިންމު ގޮތެއްގައި ޙައްލެއް ހޯދަން ޖެހިފައި އޮތީ، އިންޑިއާއާއި ޕާކިސްތާނާ ދެމެދުގައިހުރި މައްސަލަތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ސަމިޓް ބޭއްވޭނީ، ދިވެހިރާއްޖޭގައި ކަމަށްވުމާއެކު، ޚާއްޞަގޮތެއްގައި މަސައްކަތްކޮށްގެން، ރާއްޖޭގައި ބޭއްވޭ ސަމިޓަކީ، މުޅި ސާކުގެ ހިންގުމަށް ބަދަލެއް ގެންނަ ސަމިޓަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ. އަދި އެމަގަށް ވަރަށްބޮޑަށް މަސައްކަތްވެސް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.   


ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ހިތާބުގައި ސާކް ސަމިޓަށްފަހު އެމަނިކުފާނު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، ޗައިނާއާއި ދިވެހިރާއްޖެއާ އޮންނަ ގުޅުންތައް ރަނގަޅު ކުރުމަކީ، އަދި ބަދަހިކުރުމަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް މުހިންމުކަމެއް ކަމުގައި ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވަމުން ގެންދަވާ އެކި ދަތުރުފުޅުތަކުގެ ބޭނުންފުޅުގެ މައްޗަށްވެސް މިއަދުގެ ރޭޑިއޯ ޚިޠާބުގައި އެމަނިކުފާނު ބައްލަވާލެއްވި އެވެ. ރާއްޖެއަށް ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ހޯދުމަށްޓަކައި އަޅުގަނޑުމެން ނުފޮރޮޅާ އެއްވެސް ގަލެއް ބާއްވައިގެން ނުވާނެ ކަމަށާއި، ރާއްޖެއަށް ފައިސާ ހޯދުމަށްވެސް، މަޝްރޫޢުތައް ހޯދުމަށްވެސް، އެހީތެރިކަން ލިބުމަށްވެސް، އެކި ތަންތަނަށް ދަތުރުކުރައްވައި، ލައްކަ ގިނަ މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކުރައްވަން ނުޖެހޭ ކަމެއް އެމަނިކުފާނުގެ އަމިއްލަފުޅު ބޭނުންފުޅަކަށްޓަކައި ދުވަހަކުވެސް ނުކުރައްވާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ގިނަ ފިރިހެނުންތަކެއް އެއްވެ، އަންހެނަކާއެކު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގި ވާހަކައިގެ ޚަބަރެއް މިދިޔަ ހަފްތާގައި އެމަނިކުފާނު އެއްސެވި ކަމަށް ވިދާޅުވެ، އެބާވަތުގެ ކަންތައްތައް ހިނގާ މިންވަރު، ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަކުރެއްވި އެވެ. ނަމަވެސް، އެބާވަތުގެ ކަންކަން ހިނގާދިޔުމުން، އެކަމާ އަޅާނުލައްވާ ސަރުކާރުން ދޫކޮށްނުލާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވި އެވެ. އަދި އެމަނިކުފާނު ބޭނުންފުޅަކީ، އަދި އެމަނިކުފާނުގެ އުންމީދަކީ، ރާއްޖެއަކީ، އަންހެނުންނަށްވެސް، ފިރިހެނުންނަށްވެސް، ޒުވާނުންނަށްވެސް، ދޮށީޢުމުރުގެ މީހުންނަށްވެސް، އެންމެންނަށްވެސް އުފާވެރިކަމާއެކުގައި ދިރިއުޅެވޭ ރާއްޖެއަކަށްވުން ކަމުގައި ވިދާޅުވި އެވެ.