01 Jun 2016, 11:12
އިންޓަނެޓު ބޭނުންކޮށްގެން، ވިލާތުގެ އިއްތިހާދުގެ ގައުމުތަކުގެ މެދުގައި ފިތުނަވެރިކަމަށާއި ރުޅިވެރިކަން އުފެދޭ ގޮތަށް ފަތުރާފައިވާ ކޮންޓެންޓު ރިމޫވް ކުރުމަށް ދުނިޔޭގެ ހަތަރު ޓެކްނޮލޮޖީސް ޖަޔަންޓުން އެއްގަލަކަށް އަރައިފި އެވެ.
ޔޫރަޕިއަން ކޮމިޝަނުން އެކުލަވާލި އިންޓަނެޓް ކޯޑް އޮފް ކޮންޑަކްޓަށް އަމަލުކޮށް، "ހޭޓް ސްޕީޗު" ނުވަތަ ފިތުނަވެރިކަމާއި ރުޅިވެރިކަން ޕްރޮމޯޓު ކުރާ ކޮންޓެންޓް އިންޓަނެޓުން ރިމޫވް ކުރަން އެއްބަސްވި ހަތަރު ފަރާތަކީ ފޭސްބުކް، ޓްވިޓާ، ގޫގްލްގެ ޔޫޓިއުބް އަދި މައިކްރޮސޮފްޓެވެ.
ޔޫރަޕިއަން ކޯޑް އޮފް ކޮންޓެންޓު ބުނާ ގޮތުގައި، ބުނެވި ދިޔަ އައިޓީ ކުންފުނިތަކުގެ ވެބްސައިޓުތަކުގައި މީހުން ޕޯސްޓުކުރާ ތަކެތި ރިވިއުކޮށް ބަލައި، އެތަކެއްޗަކީ ފިތުނަވެރިކަން ޕްރޮމޯޓުކުރާ "ހޭޓް ސްޕީޗު" ކަމުގައިވާ ނަމަ، އެތަކެތި ޕޯސްޓު ކުރާތާ 24 ގަޑިއިރު ތެރޭގައި ރިމޫވް ކުރަން ޖެހެ އެވެ.
ޓެރަރިސްޓް ޖަމާޢަތް އައިއެސްއިން ދަނީ، ސޯޝަލް މީޑިއާގެ ބޭނުން ހިފައިގެން، އެ ޖަމާއަތަށް ހަނގުރާމަވެރިން ރެކްރޫޓް ކުރުމުގެ މަސައްކަތް ކޮށްފަ އެވެ. އަދި ހަނގުރާމަ އާއި ފިތުނަވެރިކަމާއި ރުޅިވެރިކަމަށް ހިތްވަރުދޭ އެތަކެއް ކޮންޓެންޓެއް، އައިއެސްއާ ގުޅުންހުރި ފަރާތްތަކުން ފޭސްބުކާއި ޓްވިޓާ ފަދަ ނެޓްވޯކްތަކުގައި ފަތުރާފައިވާ އިރު، އެފަދަ އަމަލުތައް ހިންގައި، އައިއެސްއާ ގުޅުންހުރި ކަމަށް ބެލެވޭ 125،000 އަށް ވުރެ ގިނަ ޓްވިޓާ އެކައުންޓް މިދިޔަ އަހަރުގެ މެދާ ހަމައަށް ޑިސްއޭބަލް ކުރެވިފައި ވެ އެވެ.
"އެންމެ ފަހުން ދިން ޓެރަރިސްޓް ހަމަލާތަކުން ވެސް އަންގައިދެނީ، އޮންލައިން ހޭޓް ސްޕީޗާ ދެކޮޅަށް އަހަރެމެން މަސައްކަތް ކުރަންޖެހޭކަން. ސޯޝަލް މީޑިއާއަކީ ޒުވާނުން މަގުފުރެއްދުމަށް ވެސް އެމީހުން ބޭނުންކުރާ ވަސީލަތެއް،" އީޔޫ ކޮމިޝަނާ ފޯ ޖަސްޓިސް، ކޮންސިއުމާސް އެންޑް ޖެންޑާ އީކުއަލިޓީ ވީރާ ޔޫރުވާ ވިދާޅުވި އެވެ.