މާޗު މަހާ އަޅާބަލާ އިރު ފާއިތުވި އޭޕްރީލް މަސް ނިމުނު އިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހަތް ޕަސެންޓު އިތުރުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއްޔެ އާންމު ކުރި އިގްތިސާދީ ރިވިއުގައި ވާގޮތުން، ފާއިތުވި އޭޕްރިލް މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 707.2 މިލިއަން ޔޫއެސް ޑޮލަރެވެ.

އެއީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާ އިރު ހަ ޕަސެންޓު އިތުރު އަދަދެކެވެ. އަދި ފާއިތުވި މާޗު މަހާ އަޅާބަލާ އިރު ހަތް ޕަސެންޓު އިތުރު އަދަދެކެވެ.

އޭޕްރީލް މަސް ނިމުނު އިރު ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 230/8 މިލިއަން ޔޫއެސް ޑޮލަރެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 13 ޕަސެންޓު އިތުރު އަދަދެކެވެ. ނަމަވެސް މަހުން މަހަށް ބަލާއިރު ފަސް ޕަސެންޓު ދަށް އަދަދެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އޭޕްރީލް މަސް ނިމުނު އިރު ރާއްޖޭގެ އިގްތިޞާދުގައި ހުރީ 6.32 ބިލިއަން ރުފިޔާ އެވެ.

އަހަރުން އަހަރަށް ބަލާ އިރު ޖުމްލަ ފައިސާ އިތުރުވި މިންވަރު މިދިޔަ މާޗު މަހު ހުރީ 15 ޕަސެންޓުގަ އެވެ. ނަމަވެސް އޭޕްރީލް މަހު އެ މިންވަރު ވަނީ ނުވަ ޕަސެންޓަށް ވެއްޓިފަ އެވެ.

އެމްއެމްއޭ އިން ބުނީ އެ މިންވަރު ދަށްވެފައި ވަނީ އަހަރުން އަހަރަށް ބަލާ އިރު، ބޭންކިންގް ނިޒާމުގެ ނެޓް ޑޮމެސްޓިކް އެސެޓްސް އިތުރުވި މިންވަރު މަޑުޖެހުމާއި ނެޓް ފޮރިން އެސެޓްސް ދަށްވުމުގެ ސަބަބުން ކަމަށެވެ.