01 Jun 2016, 20:04
އާސްޓްފެލްޑް(ޖޫން 1): ސްވިޓްޒަލޭންޑުގައި ކޮންސްޓްރަކްޝަން މަސައްކަތް ފެށިތާ 17 އަހަރު ފަހުން ދުނިޔޭގެ އެންމެ ދިގު އަދި އެންމެ ފުންކޮށް ކޮނެފައިވާ ރޭލު ޓަނެލް މިއަދު ހުޅުވައިފި އެވެ.
އަލްޕްސް ފަރުބަދަތައް ކަނޑައިގެން 57 ކިލޯމީޓަރުގެ ދިގު މިނާއި 2.3 ކިލޯމީޓަރުގެ ފުން މިން ހުންނަ ގޮތަށް ހަދާފައިވާ ގޮޓްހާޑް ބޭސް ޓަނެލް ހުޅުވުމުން ޔޫރަޕުގެ ދެކުނާއި އުތުރަށް ހައިސްޕީޑް ރޭލުން ދަތުރު ކުރެވޭނެ އެވެ. މީގެ ކުރިން އަލްޕްސް ފަރުބަދަތައް ހުރަސްކޮށް މުދާ ގެންދަނީ ކޮންމެ އަހަރަކު އެތައް ހާސް ލޮރީ ބޭނުންކޮށްގެންނެވެ.

ގޮޓްހާޑް ޓަނެލް ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ރޮއިޓާސް
މީގެ ކުރިން ދުނިޔޭގެ އެންމެ ދިގު ޓަނެލްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޖަޕާނުގެ 53.9 ކިލޯމީޓަރު ދިގު ސެއިކަން ޓަނަލެވެ.
ނަވާރަސަތޭކަ ސާޅީސް ހަތެއްގައި ޓަނެލްގެ ޑިޒައިން ކުރަހާފައިވީ ނަމަވެސް ޓަނެލް ހެދުމުގެ މަސައްކަތް ފެށީ 1999ގަ އެވެ. ޓަނެލް ބިނާ ކުރުމަށް 12 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ އިރު ފަރުބަދައިން 28 މިލިއަން ޓަނުގެ ހިލަ ކަނޑާ ނަގާފައިވެ އެވެ.
ޓަނެލް ހުޅުވުމަށް ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޔޫރަޕްގެ ގައުމުތަކުގެ އިސް ވެރިންގެ ތެރޭގައި ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް، ފްރާންސުގެ ރައީސް ފުރާންސުވާ ހޮލާންޑް އަދި އިޓަލީގެ ބޮޑުވަޒީރު މަޓެއޯ ރެންޒީ އަދިި އޮސްޓްރިއާގެ ޗާންސެލަރު ކްރިސްޓިއަން ކާން ހިމެނެ އެވެ.

ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް، ފްރާންސުގެ ރައީސް ފުރާންސުވާ ހޮލާންޑް އަދި އިޓަލީގެ ބޮޑުވަޒީރު މަޓެއޯ ރެންޒީ އަދި ސްވިޓްޒަލޭންޑުގެ ރައީސް ޔޯހަން ޝްނައިޑާ އަމާން ރޭލު ތެރޭގައި -- ފޮޓޯ: ޓްވިޓާ
ޑިސެމްބަރު މަހު ޓަނެލްގެ ހިދުމަތް ދޭން ފެށުމުން ސްވިޓްޒަލޭންޑުން އިޓަލީއަށް ކުރާ ދަތުރުގެ ދިގު މިން ދެގަޑި އިރާއި 40 މިނިޓަށް ކުރުވާނެ އެވެ. މިހާރު ދެގައުމުގެ ދޭތެރޭ ކުރާ ދަތުރަށް ގާތްގަނޑަކަށް ހަތަރު ގަޑިއިރު ނަގަ އެވެ.
ސްވިސް ރެއިލްވޭ ސާވިސް އިން ލަފާ ކުރާ ގޮތުގައި މިހާރު ދުވާލަކު 9000 މީހުން ރޭލުން ދަތުރު ކުރާ އިރު، ގޮޓްހާޑް ޓަނެލް ހުޅުވުމުން، 2020 އަންނަންވާ އިރަށް އެއަދަދު 15،000ށް އަރާނެ އެވެ. (އޭޕީ)