01 Jun 2016, 11:23
މޯލްޑިވްސް ރޯޑް ޑީވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުރި މ. ބާރަނާގެއާގެ، އިމްތިޔާޒު ހުސައިން 2014 ވަނަ އަހަރު އެމަގާމުން ވަކިކޮށްފައި ވަނީ ވަޒީފާއަ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ އަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
އިމްތިޔާޒުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފައި ވަނީ އޭނާ ވަޒީފަ އިން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އަލުން އަނބުރާ ވަޒީފާ އަށް ނެރުމަށާއި، ވަޒީފާ އަނބުރާދޭ ދުވަހާ ހަމައަށް ގެއްލިފައިވާ މުސާރަ އާއި އިނާޔާތް އެކީ އެއްފަހަރާ ހޯދައިދިނުމަށް އެދި އެވެ.
އެމައްސަލާގައި މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އިމްތިޔާޒު ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާއަކީ ވަޒީފާގައި ދެމި ހުރި މީހެއް ކަމުގައި ބެލުމަށް ކޯޓުން ވަނީ އެމްއާރުޑީސީއަށް އަންގައިފަ އެވެ.
އޭގެ އިތުރުން އިމްތިޔާޒަށް ލިބެން ޖެހޭ މުސާރައާ އިނާޔަތުގެ ތެރެއިން މިހާތަނަށް ނުލިބިވާ ފައިސާ އޭނާ އަށް ދިނުމަށާއި އޭނާ ކުރިން އަދާކުރި ވަޒީފާ ނުވަތަ އެއާ އެއްފަދަ ވަޒީފާއެއް މަގާމުގެ ކުރިއެރުން ހައްގުވާ ނަމަ އެކުރިއެރުމަކާ އެކު މިމަހު 30 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހަމަ ޖެއްސުމަށް އެމްއާރުޑީސީ އަށް ވަނީ އަންގައިފަ އެވެ.