01 Jun 2016, 11:10
ދުބާއީ (ޖޫން 1): ޗައިނާއިން ޔޫއޭއީއަށް ދިޔަ އެމިރޭޓްސް ފްލައިޓެއްގެ ކާގޯ ރައްކާކުރާ ބައިގެ ތެރޭގައި ފިލައި އޮތް ޗައިނާގެ ކުއްޖަކު ފެނިއްޖެ އެވެ.
ހުކުރު ދުވަހު އެކުއްޖާ ފެނިފައި ވަނީ ފްލައިޓް އީކޭ303 އިން ކަމަށާއި މިހާރު އެ ކުއްޖާ ދުބާއީގެ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމިރޭޓްސް އިން އިއްޔެ އާއްމު ކުރި ބަޔާނެއްގައިވެ އެވެ. އެމިރޭޓްސް އިން އެކުއްޖާގެ މައުލޫމާތު ހާމަ ނުކުރި ނަމަވެސް ޗައިނާގެ މީޑީއާތަކުން ބުނާ ގޮތުގައި އެއީ 16 އަހަރުގެ ކުއްޖެކެވެ.
"އަޅުގަނޑުމެން ދަނީ ދުބާއީގެ ކަމާބެހޭ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުން. ނަމަވެސް، މިއީ ފުލުހުން ބަލަމުންދާ މައްސަލައެއް ކަމުން އަޅުގަނޑުމެންނަށް އިތުރު މައުލޫމާތު ދެވޭކަށް ނެތް،" އެމިރޭޓްސްގެ ބަޔާނުގައިވެ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ނުވަ ގަޑިއިރު ވަންދެން އެކުއްޖާއަށް ކާއެއްޗެއް ނުލިބުނު ނަމަވެސް އޭނާ ވަނީ ފްލައިޓުގެ ކާގޯ ބަހައްޓާތަން "ވަރަށް އަރާމު" ކަމަށް ބުނެފަ އެވެ. އެކުއްޖާ ޔޫއޭއީއަށް ދިޔައީ އެގައުމުން ސަލާން ޖަހާ މީހުންނަށް ވެސް ގިނަ އަދަދަކަށް ފައިސާ ލިބޭ ކަމަށް އޭނާއަށް އަޑުއިވިފައި ވާތީ ކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓުކުރި އެވެ.
އަދި އޭނާ ޝަންހާއީ އެއާޕޯޓަށް ވަދެފައި ވަނީ ފެންސެއް މަތިން ފުއްމާލައިގެން ކަމަށާއި ފްލައިޓުގެ ކާގޯ ރައްކާ ކުރާ ބަޔަށް ވަދެފައި ވަނީ ސެކިއުރިޓީ ގާޑުން ސަމާލުކަން ނުދީ ތިބި ގަޑިއެއް ބަލާފައި ކަމަށް އެކުއްޖާ ބުނެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ޔޫއޭއީގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓުން ދަނީ މިހާރު މައްސަލަ ބަލަމުންނެވެ. (ބީބީސީ)