01 Jun 2016, 11:17
މާލޭ ގެއެއްގެ އެޕާޓްމަންޓެއްގައި ރޭ ރޯވި އަލިފާން، އެ އެޕާޓްމަންޓްގެ ދޮރުހަލާކުކޮށްލައިގެން ފުލުހުން ވަދެ ކޮންޓްރޯލްކޮށްފި އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ރޭ 22:50 އެހާކަންހާއިރު، ގ.ހާމަ ގޭގެ ތިން ވަނަ ފަންގިފިލާގައި ކަމަށެވެ.
ހާދިސާ ހިނގި އިރު، އެ ގޭގައި އެއްވެސް މީހަކު ނެތް ކަމަށާއި ފުލުހުން އެ ގެއަށް ވަނީ ދޮރު ވައްޓާލައިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން، އަލިފާން ރޯވެފައި ވަނީ އެ ގޭގެ އުނދުން މައްޗަށް އުދާފައި ހުރި ތެއްޔެއްގައި ކަމަށް ބެލެވޭ ކަމަށެވެ.
ރޯވި އަލިފާން ފުލުހުން ކޮންޓްރޯލް ކޮށްފައިވާ އިރު، ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފަ އެއް ނުވެ އެވެ.
ފުލުހުން ވަނީ އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން، އެޕާޓްމަންޓް ނުވަތަ ގޭގައި އެއްވެސް މީހަކު ނެތި އެންމެން ނުކުންނަ ނަމަ ނުވަތަ އެންމެން ނިދުމުގެ ކުރިން، އެއްވެސް އެއްޗެއް އުނދުން މައްޗަށް އުދާފައިނެތްކަން ޔަގީން ކުރުމަށާއި އެއްޗެއް ތެލުލުން ފަދަ ކަމެއް ކުރާ ނަމަ ބަދިގޭގައި އަބަދުވެސް ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ގޭގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:
ހޫނު އުފެދޭ ތަންތަނުގެ ކައިރީގައި ފަސޭހައިން އަލިފާންހިފާ ޒާތުގެ ތަކެތި ނުބެހެއްޓުން. އަދި އެފަދަ ތަކެތި ރައްކާތެރިތަނެއްގައި ބެހެއްޓުން
- ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން (ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެކެވެ)
- އަލިފާނުގެ ނުރައްކާތެރިކަމާ ބެހޭ ގޮތުން ކުޑަކުދިންނާ ވާހަކަ ދެއްކުން. އަދި ލައިޓަރާއި އަލިފާންފޮށި ފަދަ ތަކެތި އެކުދިންނަށް އަތްނުފޯރާފަށުގައި ބެހެއްޓުން
- ސްމޯކް އެލާމް ހަރުކުރުން
- ކަރަންޓު އާލާތްތައް ބޭނުންކުރުމަށް ފަހު ޕްލަގު ނައްޓާލުން. އެއް ސޮކެޓެއްގައި ބައިވަރު އާލާތްތައް ބޭނުން ނުކުރުން
- އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އަމަލުކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލައި ޕްލޭނާ ބެހޭ މައުލޫމާތު ގޭގައި ދިރިއުޅޭ އެންމެނަށް ދިނުން