15 May 2011, 10:39
ވެރިއަކަށް ހުންނަ ފަރާތަކީ ވެސް ގާނޫނަށް ތަބާވާން ޖެހޭ ފަރާތެއް ކަމަށްވާ އިރު ގާނޫނާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރައްވާފައިވާ ކަންތައްތަކުގެ ޒިއްމާ އެމަނިކުފާނު އުފުއްލަވައި ހައްގު އަދަބު ތަޙައްމަލް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
ރައީސް ނަޝީދު ގާނޫނާ ހިލާފް އެތައް ކަމެއް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވައި ގައުމީ ޕާޓީން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ހިފަހައްޓައި އެ ހައްގުތަކަށް ރައީސް ނަޝީދުގެ ސަރުކާރުން އަރައިގަންނަމުން ދާކަމީ ހަގީގަތެއް ކަމަށެވެ.
އަދި ދިރިހުރުމާއި ހަމަހަމަކަމާއި، އުގެނުމާއި އަނިޔާވެރިކަމުން ސަލާމަތްވުމާއި ތިމާގެ އަބުރު ހިމާޔަތްކުރުމުގެ ހައްގެކޭ އެއްފަދައިން ހިޔާލު ފާޅުކުރުމާއި، ހަބަރާއި މައުލޫމާތު ފެތުރުމާއި ފޯރުކޮށްދިނުން ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާއިރު، އެ ހައްގުތައް ހަމަހަމަކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސް ނަޝީދު ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މިނިވަން ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ގާނޫނުގެ ދަށުން އެމްއެންބީސީގެ ޑިރެކްޓަރުންގެ ބޯޑެއް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ނަމަވެސް ސަރުކާރުން ވަނީ ދައުލަތުގެ މީޑިޔާ މިނިވަން ނުކުރާނެކަމަށް ފާޅުގައި ބުނެފައެވެ. ގާނޫނުގެ ދަށުން ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑަކީ އެމްބީސީގެ މުދާކަމަށް ބަޔާންކޮށްފައިވާއިރު ވެސް ވެރިކަމުގައި ހުންނެވި ގ. ކެނެރީގެ މުހައްމަދު ނަޝީދު ވަނީ އެހައްގުތައް ދިނުމަށް އިންކާރުކޮށް، އެހައްގުން ދިވެހިން މަހްރޫމްކުރާނެކަމަށް ވިދާޅުވެފަ އެވެ." ނޫސްބަޔާނުގައިވެ އެވެ.
ވެރިކަމަށް ވަޑައިގެންނެވީއްސުރެ ރައީސް ނަޝީދު ތަކުރާރުކޮށް ގާނޫނު "މުގުރާ" ލައްވަމުން ގެންދެވުމުގެ އިތުރުން ގުނާ އަދަދު ނުކުރެވޭފަދަ ގިނަ ކޮރަޕްޝަންގެ އަމަލްތައް ހިންގަވާފައިވާ ކަމަށް ވެސް ގައުމީ ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ ތެރޭގައި މާލޭ ބައިނަލް އަގްވާމީ ވައިގެ ބަނދަރާއި، ރާއްޖޭގެ ފަޅުރަށްތަކުގެ ނީލަންކިއުމާއި، ދައުލަތުގެ ކުންފުނިތައް ވިއްކުމާއި އެކިނަންނަމުގައި ރައްޓެހިންނަށް ފަހިކުރުމަށްޓަކައި ޕްރޮޖެކްތައް އުފައްދައި 21 މިލިއަން ޑޮލަރުން ފެށިގެން އެކި އަދަދުގެ ޕްރޮޖެކްޓްތައް ރައީސް ނަޝީދަށް ހިއްސާވާގޮތަށް ރައްޓެހިންނަށް ދެއްވާފައިވާ ކަމަށް ވެސް ގައުމީ ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ.
ގައުމީ ޕާޓީން ބުނެފައި ވަނީ ޕާޓީ މީހުންނަށްޓަކައި ގައުމު ހިންގުމުގެ ނަމުގައި ރައީސް ނަޝީދު ކުރައްވާ ކޮންމެކަމަކީ ޣައިރު ގާނޫނީ ކަމެއްކަން ޝަރުއީ ހުކުމްތަކުން ސާބިތު ވަމުންދާ ކަމަށެވެ.
"އެ ގޮތުން އެންމެފަހުން ފާހަގަވެގެންދިޔަ ދެކަމަކީ، ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަދޭންޖެހޭނެކަމަށް ހައިކޯޓުން ނިންމި ނިންމުމާއި، ދައުލަތުގެ މީޑިއާ ހިފަހައްޓާފައިވަނީ ޣައިރުގާނޫނީގޮތުގައިކަން ސިވިލްކޯޓުން ކަނޑައެޅުމެވެ." ގައުމީ ޕާޓީގެ ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.