އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ފްރާންސް އިން ޔޫރޯ އަށް ނެގި ފައިނަލް ސްކޮޑުން ކަކުލަށް ލިބުނު އަނިޔާއެކާ ގުޅިގެން މިޑްފީލްޑަރު ލަސާނޯ ޑިއާރޯ ބައިކީކޮށްފި އެވެ.

ޗެލްސީ އާއި އާސެނަލް އަދި ރެއާލް މެޑްރިޑަށް ވެސް ކުޅެ މިހާރު ފްރާންސް ލީގްގައި ކުޅެމުން އަންނަ އުމުރުން 31 އަހަރުގެ ޑިއާރޯ ފްރާންސް ސްކޮޑުން ބައިކީ ކުރިއިރު އޭނާގެ ބަދަލުގައި ޓީމަށް ނެގީ މެންޗަސްޓާ ޔުނައިޓެޑްގެ ޑިފެންސިވް މިޑްފީލްޑަރު މޯގަން ޝުނައިޑާލިން އެވެ.

ފްރާންސްގެ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާން ކުރި ފަހުން މިއީ އަނިޔާގެ ސަބަބުން ސްކޮޑަށް ބަދަލު ގެންނަ ތިން ވަނަ ފަހަރު ކަން ފާހަގަ ކޮށްލެވެ އެވެ. އެންމެ ފުރަތަމަ ސްކޮޑުން ބައިކީ ކުރީ މި ސީޒަނުގައި ރެއާލް މެޑްރިޑްގެ ފަހަތުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ސެންޓަރ ބެކް ރަފޭލް ވެރާން އެވެ. ތިން ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހުނު ވަރޭންގެ ބަދަލުގައި ސްކޮޑުން ޖާގަ ދިނީ ސެވިއްޔާގެ ޑިފެންޑަރު އެޑިލް ރަމީ އަށެވެ.

ވެރާން އަށް ފަހު ދެން ފްރާންސް ސްކޮޑުން ބައިކީ ކުރީ ބާސެލޯނާ އަށް ކުޅެމުންދާ ޖެރެމީ މެތިއު އެވެ. އޭނާގެ ބަދަލުގައި ސްކޮޑަށް ނެގީ ލިޔޯންގެ ޑިފެންޑަރު ސެމިއުލް އުމްޓިޓީ އެވެ.

ޔޫރޯގައި ފްރާންސް ހިމެނުނީ ގްރޫޕް އޭގަ އެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ، ސްވިޒަލޭންޑާއި ރުމޭނިއާގެ އިތުރުން އަލްބޭނިއާ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 10 ވަނަ ދުވަހު ފްރާންސް ބައްދަލުކުރާނީ ރުމޭނިއާއާ އެވެ.