01 Jun 2016, 09:25
ބޮލީވުޑުގެ ދެ ތަރިން ކަމުގައިވާ ރިތޭޝް ދޭޝްމުކް އަދި އޭނާގެ އަންހެނުން ޖެނީލިއާ ޑިސޫޒާ އަށް ދެވަނަ ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
ރިތޭޝް ވަނީ ޓުވިޓާ މެދުވެރިކޮށް ޖެނީލިއާ މިއަދު ފިރިހެން ކުއްޖަކު ވިހާފައި ވާކަން އިއުލާނުކޮށްފަ އެވެ.
ދެމީހުންގެ ފުރަތަމަ ދަރިފުޅު، ރިއާންގެ ފޮޓޯ އަކާ އެކު ރިތޭޝް ކުރި ޓުވީޓުގައި ރިތޭޝް ބުނެފައި ވަނީ ރިއާންގެ ހުރިހާ ކުޅޭ އެއްޗެއް ކޮއްކޮ އަށް ދީފައިވާ ކަމަށެވެ.
Hey guys, my Aai & Baba just gifted me a little brother. Now all my toys are his...- Love Riaanpic.twitter.com/H8JSKE0A3d
— Riteish Deshmukh (@Riteishd)June 1, 2016
ރިތޭޝްގެ ދެމަފިރިންނަށް އިތުރު ކުއްޖަކު ލިބިފައިވާ އިރު ބޮލީވުޑުގެ ގިނަ ފަންނާނުންތަކެއް އަންނަނީ އެ ދެ މީހުންނަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރު، ފަރާ ޚާން އަދި ލާރާ ދައްތާ ހިމެނެ އެވެ.
ޖެނީލިއާ އަދި ރިތޭޝް ދެމީހުންގެ ފުރަތަމަ ދަރިފުޅު ރިއާން އާއެކު: ދެ މީހުންނަށް މިއަދު ވަނީ އިތުރު ކުއްޖަކު ލިބިފައި --
ޖެނީލިއާ އާއި ރިތޭޝް ކައިވެނި ކުރީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެ ކައިވެންޏަށް މިއަދު ދެ ކުދިން ލިބިފައިވާ އިރު، އަންނަ ނޮވެމްބަރު މަހު ދޮށީ ދަރިފުޅަށް ދެ އަހަރު ވާނެ އެވެ.
ދެ މީހުން ލޯބީގެ ގޮތުން ގުޅިފައި ވަނީ ދެހާސް ތިން ވަނަ އަހަރު ރިލީޒްކުރި ފިލްމް "ތުޖޭ މޭރީ ކަސަމް" އަށް ފަހު އެވެ.

ތެރެ ނާލް ލަވް ހޯގަޔާ ގެ މަންޒަރެއްގައި ރިތޭޝް އަދި ޖެނީލިއާ ---
އެ ފިލްމަށް ފަހު ދެ މީހުން އެކުގައި "މަސްތީ" އަދި "ތެރެ ނާލް ލަވް ހޯގަޔާ" އިން ވަނީ ފެނިގެން ގޮސްފަ އެވެ.