ބެއިޖިންގް (ޖޫން 1) : ޗައިނާއާއި ފިލިޕީންސްގެ ގޯސްވެފައިވާ ގުޅުންތައް އަލުން ރަނގަނޅުކުރަން ބޭނުންވާކަން ޗައިނާ އިން ހާމަކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ ޗައިނާގެ ރައީސް ޝީޖިންޕިން ފިލިޕީންސްގެ އައު ރައީސް ރޮޑްރިގޯ ޑުޓާރޓޭ އަށް ފޮނުއްވި ސިޓީ އެއްގައެވެ. މިސިޓީގާއި ޝީޖިންޕިން ވިދާޅުވެފައި ވަނީ ޗައިނާއާއި ފިލިޕީންސަކީ ދެ އަވަށްޓެރިންކަމަށާއި ދެގައުމުގެ ސިޔާސީ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތަކުގެ ދިގު ތާރީޚެއްވާ ކަމުގަ އެވެ. އެހެންކަމުން މަގުން ކައްސާލާފައިވާ ދެ ގައުމުގެ ގުޅުންތައް އަލުން ރަނގަނޅު މަގަށް އަޅުވަން ޗައިނާގެ އެއްބާރުލުން ލިބޭނެކަން މިސިޓީގައި ޗައިނާގެ ރައީސް ޝީޖިންޕިން ހާމަކުރައްވާފައިވެ އެވެ.

ޝީޖިންޕިން މިސިޓީ ފޮނުއްވީ ފިލިޕީންސްގައި ދާދިފަހުން ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ޑުޓާރޓޭ އެގައުމުގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމާ ގުޅިގެން އޭނާއަށް ތަހްނިޔާ ވިދާޅުވުމުގެ ގޮތުން ކަމަށް ޗައިނާގެ ޚާރިޖިއްޔާއިން ބުނެ އެވެ. މިގޮތުން ފިލިޕީންސްގެ އައު ރައީސް ރޮޑްރިގޯ ޑުޓާރޓޭގެ ޒައާމަތުގައި ދެގައުމުގެ ގުޅުންތައް ރަނގަނޅުވާނެކަމަށް އުންމީދުކުރައްވާކަން އެސިޓީގައި ޝީޖިންޕިން ވިދާޅުވެފައިވާ ކަމަށް ޗައިނާގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވެ އެވެ.

ޗައިނާއާއި ފިލިޕީންސްގެ ގުޅުންތައް ގޯސްވެފައި ވަނީ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލާގައި ޗައިނާ ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުންނެވެ. ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބައެއްގެ މިލްކުވެރިކަމަށް ޗައިނާ ދައުވާކުރުމުން ފިލިޕީންސް ވަނީ އެކަމާދެކޮޅަށް އަޑުއުފުލާފަ އެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ފިލިޕީންސުން ވަނީ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލައިގާ، ދަ ހޭގަ ގައި ހުންނަ ބައިނަލްއަގްވާމީ އިންސާފުގެ ކޯޓަށް ދައުވާވެސް އުފުލާފައެވެ. މިއީވެސް ޗައިނާ ރުޅިއައި ކަމެކެވެ. ޗައިނާ ދެކޭގޮތުގައި މިމައްސަލަ ހައްލުކުރަންޖެހޭނީ ދެގައުމު ވާހަކަ ދައްކައިގެންނެވެ. އަދި މިމައްސަލާގައި ޗައިނާއާދެކޮޅަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް ފިލިޕީންސުން ތާއީދުކޮށް އެއްބާރުލުން ދެމުން ގެންދިޔުމަކީ ވެސް ޗައިނާ ހިތްހަމަނުޖެހޭ ކަމެކެވެ. އެމެރިކާ މިމައްސަލައިގެ ތެރެއަށްވަންނަނީ ދެކުނު ޗައިނާ ކަނޑުގައި ހިނގާ ބައިނަލްއަގްވާމީ ދަތުރުފަތުރުތައް ޙިމާޔަތް ކުރުމުގެ ނަމުގަ އެވެ. އަދި ސަރަހައްދީ މިއަރާރުމުގެ ތެރެއަށް އެމެރިކާވަދެ ޗައިނާއާ ދެކޮޅަށް ސަރަހައްދުގެ ގައުމުތަކަށް ވާގިވެރިވެ ހިއްވަރުދިނުމަށް ވެސް އެމެރިކާ ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބައެއްގެ މިލްކުވެރިކަމަށް ޗައިނާ ދައުވާކުރުމާ ގުޅިގެން އެކަނޑާ ގުޅިފައިވާ އެހެންގައުމުތަކުން ވެސް ކަންބޮޑުވާކަން ހާމަކޮށްފައިވެ އެވެ. ފިލިޕީންސުން ހުށަހެޅި މައްސަލާގެ ހުކުމް ބައިނަލްއަގްވާމީ ކޯޓުން މިއަހަރު ތެރޭގައި ނެރޭނެކަމަށް ބެލެވިފައިވާ އިރު ޕިލިޕީންސްގެ ކުރީގެ ސަރުކާރުން ވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ގެންގުޅޭ ސިޔާސަތުތަކަށްވެސް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. (ރޮއިޓާސް)