01 Jun 2016, 09:01
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮވި މައްސަލައާ ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ އަޑުއެހުން ކެންސަލް ކުރީ ދައުވާ ލިވޭ މއ. ސިގްމާ، ހަސަން ރިކާޒުގެ ގާނޫނީ ވަކީލު މައުމޫން މޫސާ މާލޭގައި ނޫޅުއްވާތީ އެވެ.
މައުމޫން މިއަދު ސަން އަށް ވިދާޅުވީ އިއްޔެގެ އަޑުއެހުން ކެންސަލްވިކަން ކްރިމިނަލް ކޯޓުން އެންގުމާ އެކު އެ ކޯޓުގެ ހުއްދައާ އެކު ށ. ފުނަދޫ އަށް ވަޑައިގަތުމަށް އޭނާ ފުރި ކަމަށެވެ. ފުނަދޫއަށް ވަޑައިޑަންނަވަނީ އެރަށު ކޯޓުގައި މިއަދާއި މާދާމާ އަށް ތަވަލްކޮށްފައިވާ މައްސަލައެއްގެ އަޑުއެހުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކްރިމިނަލް ކޯޓުގެ ހުއްދައާ އެކު އަޅުގަނޑު މާލެއިން ފުރައިގެން ކާށިދޫ ކަނޑާ ހިސާބަށް އެރިތަނާ ރޭ ކްރިމިނަލް ކޯޓުން އަޅުގަނޑަށް ގުޅައިފި. ގުޅާފަ ދެންނެވީ މިއަދު 10:00 އަށް އަޑުއެހުން ތާވަލްކުރި ކަމަށް. އަޅުގަނޑު ދެންނެވިން މިހުރީ ކަނޑުމަތީގައޭ މި ބޯޓު މިދަނީ ށ. ފުނަދުއާ ދިމާލަށޭ. އެހެންވީމަ މިއަދު ހެނދުނު ބާއްވާ އަޑުއެހުމަށް މާލެ ނާދެވޭނެއޭ،" މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އޭނާ އަށް ގުޅައި މާދަމާ 10:00 އަށް ޝަރީއަތަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އެގޮތަށް އެންގުމުން މާދަމާ ފުނަދޫ ކޯޓުގައި އޮތް އަޑުއެހުމަކަށް ވެސް ވަޑައިގަންނަވަންޖެހޭކަން އަންގާފައިވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި އެމަނިކުފާނުގެ ދެ ބޮޑީގާޑުން ކަމުގައިވާ ލ. ދަނބިދޫ، އަފްޒާ އަހްމަދު އާމިރާއި މއ. ސިގްމާ ހަސަން ރިކާޒް -- ސަން ފައިލް ފޮޓޯ
"އަޅުގަނޑުދެންނެވިން މާދަމާ ފުނަދޫ ކޯޓުގައި ވެސް އަޅުގަނޑު ހާޒިރުވާންޖެހޭ މައްސަލައެއް އެބައޮތޭ. ދެން ވިދާޅުވީ ތިމަންނަމެން އެ މައްސަލަ ކެންސަލްކޮށްދޭނަމޭ. މާލެ ވަޑައިގަންނަވާށޭ،" މައުމޫން ވިދާޅުވި އެވެ.
މިހާތަނަށް ވެސް އޭނާ ވަނީ ކްރިމިނަލް ކޯޓަށް އެއްބާރުލުންދީފައި ކަމަށާއި އެ ކޯޓަށް އެއްބާރުލުން ދިނުމުގެ ގޮތުން މާލެ ވަޑައިގަތުމަށް މިއަދު ފުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
ރިކާޒުގެ އިތުރުން އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި އެމަނިކުފާނުގެ ކުރީގެ ދެވަނަ ބޮޑީގާޑު ލ. ދަނބިދޫ އަފްޒާ، އަހުމަދު އާމިރުގެ މައްޗަށެވެ.
އެ މައްސަލައިގައި ދެން އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމެވެ.