ފްރާންސްގައި ފެށުމަށް ތައްޔާރު ވަމުންދާ ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް 'ޔޫރޯ 2016'އާ ދިމާކޮށް ޓެރެރިސްޓް ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ލިބިފައިވާކަމަށް ބުނެ އެމެރިކާއިން އެގައުމުގެ ރައްޔިތުން ސަމާލުވުމަށް އަންގައިފި އެވެ.

މި މަހު 10 އިން ފެށިގެން އަންނަ މަހުގެ 10 އަކާ ހަމައަށް ފްރާންސްގެ އެކި ސަރަހައްދުގައި ޔޫރޯ ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ނެރުނު ޓްރެވަލް އެލާޓްގައި ބުނަނީ ކުރިއަށް އޮތް ހޫނު މޫސުމުގައި އެ ގައުމުގެ ރައްޔިތުން ދަތުރުކުރުމުގައި ގިނައިން މީހުން ދަތުރުކޮށް އުޅޭ ތަންތަނަށް ދިއުމުގައި ސަމާލުވުމަށާއި އެފަދަ ތަންތަނަށް އަމާޒްކޮށް ޓެރެރިސްޓް ހަމަލާތައް ބަޔަކު ދީފާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށެވެ.

"ކުރިއަށް މި އޮތް ހޫނު މޫސުމުގައި ޔޫރަޕްގެ އެންމެ ގިނަ މީހުން ދަތުރު ކުރާނީ ފްރާންސް އަށް. އެ ގައުމަށް ދަތުރުކުރުމުގައި ވަރަށް ބޮޑަށް ސަމާލް ވާން ޖެހޭ. އެންމެ ބޮޑު ސަމާލު ކަމެއް ދޭން ޖެހޭނީ މީހުން ގިނައިން އުޅޭ ތަންތަނަށް ދިއުމުގަ އާއި އާންމު ދަތުރުފަތުރުގެ ނިޒާމް ބޭނުން ކުރުމުގައި،" ޓްރެވަލް އެލާޓްގައި ވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް ކަމަކީ މިދިޔަ އަހަރު ތެރޭގައި ފްރާންސްގެ ގައުމީ ޓީމް މެޗެއް ކުޅެމުން ދަނިކޮށް ދަނޑުން ބޭރުގައި ގޮއްވާލި ބޮމެއްގެ ސަބަބުން 130 މީހުން މަރުވެ އެތަށް ބައެއް ޒަހަމްވުމާ ގުޅިގެންނެވެ.

ފަހުން އެ ހާދިސާ ތަހުގީގުތަކުން ހޯދުނު ގޮތުގައި އަމިއްލައަށް މަރުވެގެން ބޮން ގޮއްވާލި މީހާ މަސައްކަތްކޮށްފައި ވަނީ މެޗު ހިނގަމުން ދިޔަ ވަގުތު ދަނޑަށް ވަދެ ސަޕޯޓަރުންގެ ތެރޭގައި ބޮން ގޮއްވާލަން ކަން ވަނީ އެނގިފަ އެވެ.

ކުރިއަށް އޮތް ޔޫރޯގައި 2.5 މިލިއަން މީހުން މެޗުތައް ބެލުމަށް ދާނެ ކަމަށް އަންދާޒާ ކޮށްފައިވާ އިރު ގައުމުން ބޭރުން އެއް މިލިއަން ފަތުރުވެރިން ހަމައެކަނި މެޗުތަށް ބެލުމަށް އަންނާނެ ކަމަށް ފްރާންސް އިން ވަނީ ބުނެފައެވެ.

އެހެން ކަމުން ފުޓްބޯޅަ ކުޅިބެލުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފްރާންސްއިން ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށް ބުނަމުން އަންނައިރު ހަމަ އެކަނި ޔޫރޯގެ ސަލާމަތީ ކަންތައްތަށް ބެލެހެއްޓުމަށް 90،000 ސެކިއުރިޓީ އޮފިސަރުން ވަނީ ތަމްރީން ކޮށް ނެރެފަ އެވެ.