15 May 2011, 10:37
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް [އައިއެމްއެފް]ގެ ވެރިޔާ ޑޮމިނިކް ސްޓްރައުސް ކާން އަންހެނަކާ ގަދަކަމުން ބަދުއަހުލާގީ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި އެމެރިކާގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
ނިއުޔޯކް އަދި ނިއުޖާޒީގެ ޕޯޓްސް އޮތޯރިޓީގެ އޮފިޝަލުން އޭނާ ހައްޔަރުކޮށް ނިއުޔޯކް ފުލުހުންނާ ހަވާލުކުރީ އެމެރިކާގެ ނިއުޔޯކުން ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް ފުރާ ވަޑައިގަތުމަށްޓަކައި މަތިންދާބޯޓްގައި އިންނަވަނިކޮށެވެ.
ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓްގެ ސްޕޯކްސްމަން ޕައުލް ޖޭ ބްރައުންއާ ހަވާލާދީ އަލްޖަޒީރާ އިން ބުނި ގޮތުގައި ކާން ހައްޔަރުކުރީ އޭނާ ހުންނެވި ހޮޓަލުގެ އަންހެން މުވައްޒަފަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގަ އެވެ.
ނިއުޔޯކް ފުލުހުން ބުނި ގޮތުގައި ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓްގެ ސްޕެޝަލް ވިކްޓިމްސް އޮފީހުން ދަނީ ކާންއާ ސުވާލުކުރަމުންނެވެ. ޑޮމިނިކް ވަނީ ހަނުހުރުމުގެ ހައްގު ބޭނުންކޮށްފަ އެވެ.
ނިއުޔޯކްގެ މެންހާޓަން ސްކޮޔާގެ ކައިރީގައި ހުންނަ ސޮފިޓެލް ނަމަކަށް ކިޔާ ހޮޓަލެއްގައި މަސައްކަތްކުރާ އުމުރުން 32 އަހަރުގެ އަންހެން މީހާ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް އަލްޖަޒީރާ ބުނަނީ ޑޮމިނިކް ހުންނަވާ ކޮޓަރިއަށް އޭނާ ވަނީ ހޮނިހިރު ދުވަހު ހަވީރު ނިއުޔޯކްގަޑިން ހަވީރު 4.00 ޖަހާކަންހާއިރު ކޮޓަރި ސާފުކުރަން ކަމަށާއި އެ ވަގުތު ޑޮމިނިކް ބަރަހަނާކޮށް ހުންނެވި ކަމަށެވެ. އަދި އޭނާ ބިންމައްޗަށް ވައްޓާލައި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރެއްވި ކަމަށެވެ.
އަންހެން މީހާ ބުނެފައިވާ ގޮތުގައި ޑޮމިނިކްގެ އަތްދަށުން ސަލާމަތްވެގެން ގޮސް އޭނާ ހޮޓަލުގެ އެހެން މުވައްޒަފުންނަށް އެކަން އެންގި އެވެ. އަދި ފުލުހުންނަށް ގުޅީ އެމީހުންނެވެ.
ފުލުހުން އައި އިރު ޑޮމިނިކް ވަނީ އޭނާގެ މޯބައިލް ފޯނާއި އަމިއްލަފުޅު ބައެއް އެހެން ތަކެތި ވެސް ކޮޓަރިއަށް ދޫކުރައްވައި ވަޑައިގެންފަ އެވެ. އަދި އޭނާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެނގުނީ ނިއުޔޯކްގެ އެއާޕޯޓަށް ވަޑައިގެން ހުންނެވި ކަމެވެ. އެހިސާބުން ފުލުހުން ޕޯޓްސް އޮތޯރިޓީއާ ގުޅައިގެން ކުރި މަސައްކަތުން ޑޮމިނިކް ހައްޔަރުކުރީ މަތިންދާ ބޯޓްގައި އިންނަވަކޮށެވެ.
ކާން ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ އެ ސަރަހައްދުގައި ހުރި ހޮސްޕިޓަލަކަށް އެ އަންހެން މީހާ ގެންގޮސް ފަރުވާ ދީފަ އެވެ.
އުމުރުން 62 އަހަރުގެ ޑޮމިނިކް ސްޓްރައުސް ކާންގެ މައްސަލައާ ބެހޭ ގޮތުން އައިއެމްއެފުން އަދި ވަކި އެއްޗެއް ބުނަން ބޭނުން ނޫން ކަމަށް އެމެރިކާގެ ވޮޝިންޓަންގައި ހުރި އެ އިދާރާގެ ސްޕޯކްސްމެން ވިލިއަމް މުރޭ ވިދާޅުވި އެވެ.
އައިއެމްއެފްގެ ވެރިޔާގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ކާން ވަނީ ފަރަންސޭސިވިލާތުގެ ނެޝަނަލް އެސެމްބްލީގެ މެމްބަރެއްގެ މަގާމާއި އެގައުމުގެ އިންސްޓްޓިއުޓް ޑި އެޓޫޑެސް ޕޮލިޓިކްސް ޑި ޕެރިސްގައި އިކޮނިމިކްސް ޕްރޮފެސަރެއްގެ މަގާމް ވެސް އަދާ ކުރައްވައިފަ އެވެ.
އަދި ފަރަންސޭސިވިލާތުގެ މިނިސްޓަރު އޮފް އިކޮނޮމީގެ މަގާމް 1997 އިން 1999 އަށް ކާން އަދާކުރައްވާފައިވެ އެވެ.
ކުރިއަށް އޮތް ފަރަންސޭސި ރިޔާސީ އިންތިހާބުގައި ސޯޝަލިސްޓް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަމަށް ބެލެވިފައި ވަނީ ވެސް ކާން އެވެ.