01 Jun 2016, 09:20
ލިޔުނީ: މައުމޫން ޢަބްދުލްޤައްޔޫމް
ކޮންމެ އަހަރަކުވެސް ރަމަޟާންމަސް ކައިރިވުމާއެކު މަސް ފެށުމާއެކު ވަރަށް ގިނަ ބަޔެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. މި ޝަޢުބާން މަސް ވާނީ އޮނަތިރީސް ދުވަހުގެ މަހަކަށް ބާއެވެ؟ ނުވަތަ ތިރީސް ދުވަހުގެ މަހަކަށް ބާއެވެ؟ އޮނަތިރީސް ދުވަހުގެ މަހެއްނަމަ ތިރީސްވަނަރޭ ހަނދު ފެންނާނެ ބާއެވެ؟ ނުވަތަ ޖެހޭނީ ތިރީސް ދުވަސް ހަމަކުރަން ބާއެވެ؟
މި ސުވާލަކީ، ޙަޤީޤަތުގައި ޖަވާބުދޭން މާއުނދަގޫ ސުވާލެއް ނޫނެވެ. ޚާއްޞަކޮށް މިޒަމާނުގައި އިރާއި ހަނދުގެ ޙަރަކާތްތައް ވަރަށް ދުރާލާ ވަރަށް ބަރާބަރުކޮށް ހިސާބުކުރެވޭ ގޮތްތަކާއި ވަޞީލަތްތައް ހުރުމާއެކު، ވަކި ރެޔަކު ދުނިޔޭގެ އެކި ހިސާބުތަކަށް ހަނދުފެނުމާއި ނުފެނުމަކީ ކުރީއްސުރެ ހިސާބުކުރުން އެއްގޮތަކަށްވެސް ދަތިކަމެއް ނޫނެވެ.
އެހެންނަމަވެސް، ބަރަކާތްތެރި ރަމަޟާންމަހުގެ ފެށުމާއި، ޝައްވާލްމަހުގެ ފެށުމާއި، ޛުލްޙިއްޖާމަހުގެ ފެށުމާއި މިނޫންވެސް އިސްލާމީ މުނާސަބަތުތައް އެއްގޮތްކުރުން، ޒަމާނުއްސުރެ ވެފައި މިވަނީ ވަރަށް ދަތި އުނދަގޫ މައްސަލައަކަށެވެ. އެއީ، ދީނީ ފިޤްހީ މައްސަލައަކަށްވުމުގެ އިތުރުން، މިވަނީ އިޖްތިމާޢީ އަދި ސިޔާސީ މައްސަކައަކަށްވެސް ވެފައެވެ. އެކަން އިޖްތިމާޢީ މައްސަލައަކަށްވާ ސަބަބަކީ، ބަރަކާތްތެރި ރަމަޟާންމަހަކީ އެކި މުސްލިމް ޤައުމުތަކުގައި އާދަކާދައިގެ ގޮތުން ތަފާތު ގޮތްގޮތަށް ކަންތައްތައް ކުރެވޭ މަހަކަށްވާތީ، އެކަންކަމަށް ތައްޔާރުވުމުގައިވެސް ރަމަޟާންމަސް ފެށޭ ދުވަސް ދުރާލާއެނގުން މުހިންމު ކަމަކަށް ވާތީއެވެ. ސިޔާސީ މައްސަލައަކަށްވަނީ، ބައެއް މުސްލިމް ޤައުމުތަކަށް ވަކި ރެޔަކު ރަމަޟާންމަހުގެ ހަނދު ފެނުނު ކަމުގައިވިޔަސް، ކޮންމެވެސް ސިޔާސީ މައްސަލައަކާހުރެ އެހެން ބައެއް ޤައުމުތަކުން އެކަން ޤަބޫލުނުކުރާތީއެވެ.
ހަނދުފެނުމާއި ނުފެނުން، ނުވަތަ ހަނދު ސާބިތުކުރުމާއި ނުކުރުން، ފިޤްހީ މައްސަލައަކަށްވަނީ، އެކަމާމެދު ވާރިދުވެފައިވާ ޝަރްޢީ ދަލީލުތައް މާނަކުރެއްވުމުގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވާތީއެވެ.
އަލްބުޚާރީއާއި މުސްލިމް ރިވާކުރެއްވިحديثއެއްގައިرسول اللّه صلّى اللّه عليه وسلّمވިދާޅުވެފައިވެއެވެ. [صُوْمُوا لِرُؤْيَتِهِ ، وَأَفْطِرُوْالِرُؤْيَتِهِ] މާނައީ: [އެހަނދު ފެނިއްޖެނަމަ (އެބަހީ:رمضانމަހަށް ހަނދުފެނިއްޖަނަމަ) ތިޔަބައިމީހުން ރޯދަ ހިފާށެވެ! އަދި އެހަނދު ފެނިއްޖެނަމަ (އެބަހީ:شوّالމަހަށް ހަނދު ފެނިއްޖެނަމަ) ތިޔަބައިމީހުން ރޯދަ ހިފުން ހުށްޓާލާށެވެ!]
ކީރިތި ރަސޫލާގެ މިބަސްފުޅުގައި ހަނދުފެނުމުން ތިޔަބައިމީހުން ރޯދަހިފާށޭ، އަދި ހަނދުފެނުމުން ތިޔަބއިމީހުން ރޯދަހިފުން ހުށްޓާލާށޭ، މިހެންحديثކުރައްވާފައިވުމުގެ މާނައަކީ، ހަނދު ހަމަލޮލަށް ފެނުންތޯއެވެ؟ ނުވަތަ އެނޫން ގޮތަކުންނަމަވެސް އެރޭ އިރުއޮއްސުމަށްފަހު އުދަރެހުގައި ހަނދު ހުންނާނެކަން އެނގުންތޯއެވެ؟ މިނުކުތާގައި ޢިލްމުވެރިންގެ ރައުޔު ތަފާތުވެފައިވެއެވެ.
ޢަރަބި ބަހުގައިرُؤْيَةُމި ލަފްޒުގެ ޙަޤީޤީ މާނައަކީ، ލޮލަށް ފެނުމެވެ. އެހެންނަމަވެސް، ބުއްދިއަށް ފެނުމުގެ މާނައިގައިވެސް، ޢަރަބި ބަހުގައި މިލަފުޒު މަޖާޒީގޮތުން ބޭނުންކުރެވެއެވެ. މިސާލަކަށް، ތިޔަ މައްސަލައިގައި އަހަރެންނަށް ފެންނަނީ މިވެނިގޮތަކަށޭ ބުނުމުން، އޭގެމާނައަކީ، ލޮލަށް ފެންނަ ވާހަކައެއް ނޫނެވެ. އެމީހެއްގެ ބުއްދިއަށް ފެންނަގޮތުގެ ވާހަކައެވެ.
އެހެންކަމުން، ޢިލްމުވެރިންގެ ތެރެއިން ގިނަمُحَقِّقން ވިދާޅުވާގޮތުގައި، ޝަޢުބާންމަހުގެ ތިރީސްވަނަރޭ ހަނދު ލޮލަށް ފެންނަން ހުރުމަކީ، ރަމަޟާންމަސް ފެށުމުގައި ލާޒިމް ކަމެއް ނޫނެވެ. އެރޭ ހަނދު ހަމަލޮލަށް ނުފެނުނަސް، އިރުއޮއްސުމަށްފަހު ހަނދު ނޯއްސި ކިތަންމެ ކުޑައިރުކޮޅަކު ނަމަވެސް އުދަރެހުގައި ހުންނާނެކަން ޔަޤީންކުރެވިއްޖެނަމަ، ބަލަންޖެހޭނީ، އެއީ ރަމަޟާންމަހުގެ އެއްވަނަރޭ ކަމުގައެވެ. އިރުއަރާ ވަގުތާއި، އިރުއޮއްސޭ ވަގުތާއި، ހަނދުއަރާ ވަގުތާއި ހަނދުއޮއްސޭ ވަގުތު ކިތަންމެ ދުރާލާ ނަމަވެސް ބަރާބަރުކޮށް ހިސާބުކުރުމަކީ، މިޒަމާނުގައި ވަރަށް ފަސޭހަކަމެކެވެ. އެހެންކަމުން، އެއަހަރެއްގެ ރަމަޟާންމަސް ފެށޭނެ ދުވަހަކާއި ޝައްވާލް މަސް ފެށޭނެ ދުވަހެއް ކުރިއްސުރެ ކަނޑައެޅުމަކީ، އެއްވެސް ދަތިކަމެއް ނޫނެވެ.
މިހެން ދެންނެވި ނަމަވެސް، މައްސަލައަކީ ހަނދުބެލުމާއި ހަނދު ސާބިތުކުރުމުގެ ކަންތައްތަކާ ބައެއް އިސްލާމީ ޤައުމުތަކުގައި ޙަވާލުވެފައިވާ ފަރާތްތަކަށް މިކަން ޤަބޫލުނުކުރެވޭކަމެވެ. ހަމަލޮލަށް ފެނުނީމާ ނޫނީ ހަނދު ސާބިތު ނުކުރާކަމެވެ. މީގެކުރިން ބޭއްވިފައިވާ އެކިއެކި އިސްލާމީ ޖަލްސާތަކުގައި ކަމާބެހޭ މާހިރުން ރަމަޟާން މަސް ފެށޭ ދުވަހާއި، ޝައްވާލް މަސް ފެށޭ ދުވަހާއި، ޛުލްޙިއްޖާ މަސް ފެށޭ ދުވަސް މުޅި ދުނިޔޭގައިވެސް އެއްގޮތް ކުރުމަށް ނިންމަވާފައި އޮތްނަމަވެސް، އަދިވެސް ބައެއް ޤައުމުތަކުން އެގޮތަކަށް އަމަލެއް ނުކުރެއެވެ.
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭ ދުވަހަކީ، ފަލަކީ ހިސާބުން ދައްކާގޮތުގައި، މި ޖޫން މަހުގެ 6 ވާ ހޯމަ ދުވަހެވެ. އެހެނީ އޭގެ ކުރީދުވަހު (ޝަޢުބާންމަހުގެ 29 ވާ އާދީއްތަދުވަހު) އިރުއޮއްސުމުގެ ފަހުން، ދުނިޔޭގެ ގިނަ އިސްލާމީ ޤައުމުތަކަށް 14 މިނެޓާއި 25 މިނެޓާ ދެމެދުގެ މިންވަރަކަށް ހަނދު ނޯއްސި ހުރެއެވެ.
ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމަށްފަހު، މާލެއަށް ހަނދު އޮއްސޭނެކަމަށް ފަލަކީ ހިސާބުން ދައްކަނީ 20 މިނެޓް ފަހުންނެވެ. އިސްލާމީ ޤައުމުތަކުގެ އެންމެ އިރަށް އޮންނަ އިންޑޮނީޝިއާގެ ޖަކާޓާއަށް އެރޭ ހަނދު އޮއްސެނީ، އިރުއޮއްސުމުގެ 19 މިނެޓް ފަހުންނެވެ. މައްކާއަށް ހަނދު އޮއްސެނީ، އިރުއޮއްސުމުގެ 22 މިނެޓް ފަހުންނެވެ. ޤާހިރާއަށް ހަނދު އޮއްސެނީ، އިރުއޮއްސުމުގެ 18 މިނެޓް ފަހުންނެވެ. އިސްލާމީ ޤައުމުތަކުގެ ތެރެއިން އެންމެ އުތުރުގައިވާ ޤައުމު ކަމުގައިވާ ތުރުކީވިލާތުގެ އިސްތަންބޫލަށް ހަނދު އޮއްސެނީ، އިރުއޮއްސުމުގެ 14 މިނެޓް ފަހުންނެވެ. އިސްލާމީ ޤައުމުތަކުގެ ތެރެއިން އެންމެ ހުޅަނގުގައިވާ ޤައުމު ކަމުގައިވާ މޮރޮކޯއަށް ހަނދުއޮއްސެނީ، އިރުއޮއްސުމުގެ 25 މިނެޓް ފަހުންނެވެ.
މިދެންނެވި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ދަންނަވަންޖެހެނީ، މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމުގައި މާބޮޑު މައްސަލައެއް ދިމާވާނެކަމަށް ލަފާނުކުރެވޭ ވާހަކައެވެ. ޔަޤީނާ ގާތަށް ބުރަވެވޭގޮތުގައި، މިއަހަރުގެ ރަމަޟާންމަހުގެ އެއްވަނަ ދުވަސް ދިމާވާނީ ޖޫން މަހުގެ 6 ވާ ހޯމަ ދުވަހާއެވެ.
___________________________
ނޯޓު؛ މިއީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް، އަންނަ ރޯދަ މަހުގެ ހަނދާ ބެހޭ ގޮތުން ސަން އޮންލައިނަށް ފޮނުއްވި ލިޔުމެކެވެ.