މި އަހަރުގެ ފުރަތަމަ ކުއާޓާގައި، މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ލިބުނު ފައިދާ، މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާ ބަލާއިރު 35.7 ޕަސަންޓު ދަށްވެއްޖެ އެވެ.

އެމްޓީޑީސީން ނެރެފައިވާ އެ ކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ މާލީ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ ކުންފުންޏަށް މި އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 3.4 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

ނަމަވެސް އެ ކުންފުނީގެ ކޮސްޓް އޮފް ސޭލްސްގެ ގޮތުގައި 1.8 މިލިޔަން ޑޮލަރާއި އިދާރީ ޚަރަދަށް ދެ ލައްކައެއްހާ ޑޮލަރު ކެނޑުމަށް ފަހު، ފުރަތަމަ ކުއާޓާގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1.3 މިލިޔަން ޑޮލަރެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެމްޓީޑީސީއަށް 2.9 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އަދި ކޮސްޓް އޮފް ސޭލްސްގެ ގޮތުގައި ފަސް ލައްކައެއްހާ ރުފިޔާ އާއި، އިދާރީ ޚަރަދުގެ ގޮތުގައި ނުވަ ލައްކަ ރުފިޔާ ޚަރަދު ކުރި ނަމަވެސް، ޓެކްސް ކްރެޑިޓްގެ ގޮތުގައި ހަތް ލައްކައެއްހާ ޑޮލަރު ލިބިފައި ވާތީ، އެމްޓީޑީސީއަށް 2015 ވަނަ އަހަރުގެ ފަހު ކުއާޓާގައި 2.06 މިލިޔަން ޑޮލަރުގެ ފައިދާއެއް ލިބުނެވެ.

ދެހާސް ފަނަރައިގެ ތިންވަނަ ކުއާޓާގައި އެމްޓީޑީސީގެ ފައިދާ ހުރީ 1.7 މިލިޔަން ޑޮލަރުގަ އެވެ. އަދި އޭގެ ކުރީ ކުއާޓާގައި ހުރީ 1.1 މިލިޔަން ޑޮލަރުގަ އެވެ.

އެމްޓީޑީސީއިން މި މަހު ބޭއްވި، މިދިޔަ އަހަރުގެ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ނިންމީ، ހިއްސާދާރުންނަށް ހިއްސާ ނުބެހުމަށެވެ. އެމްޓީޑީސީގެ ހިއްސާދާރުންނަށް ހިއްސާ ނުބަހާތާ މިހާރު ހަތް އަހަރު ވެފައި ވެ އެވެ.

އެމްޓީޑީސީއަށް 2014 ވަނަ އަހަރު ފައިދާގެ ގޮތުގައި 13.6 މިލިޔަން ރުފިޔާ ލިބުނު ނަމަވެސް، މިދިޔަ އަހަރު އެ ކުންފުންޏަށް 93.7 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އެމްޓީޑީސީން ބުނީ، އެ ކުންފުނީގެ ފައިދާ އިތުރުވީ، އެ ކުންފުންޏަށް ގެއްލުންވަމުން ދިޔަ މަޝްރޫއުތަކެއް ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ.

އެމްޓީޑީސީއަށް މި ހިނގާ އަހަރު ލިބޭނެ ފައިދާ، މިދިޔަ އަހަރުގެ ފައިދާއާ އަޅާ ބަލާއިރު އިތުރުވާނެ ކަމަށް ބެލެވެ އެވެ.