31 May 2016, 19:51
ސައުދީ އަރަބިއްޔާއާއި އިރާނާ ދެމެދު ޖެހިފައިވާ ސިޔާސީ މައްސަލައިގެ ސަބަބުން، އިރާނުގެ ރައްޔިތުން މި އަހަރު ހައްޖުވުމަށް ސައުދީއަށް ނުފޮނުވަން އިރާނުން ނިންމައި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުން އެ ގައުމުގެ ރައްޔިތުން މަހުރޫމުކޮށްފި އެވެ.
ސައުދީ އަރަބިއްޔާ އާއި އިރާނާ ދެމެދު މައްސަލަ ޖެހުނީ، އިރާނުގެ ޝީޢީ ލީޑަރެއް ކަމުގައިވާ ނިމްރު އަލް ނިމްރުގެ މައްޗަށް ސައުދީ އަރަބިއްޔާއިން މަރުގެ ހުކުމް އިއްވައި، އެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެންނެވެ. މި މައްސަލައާ ހެދި، އިރާނުގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީއަށް ވަނީ ބަޔަކު ހަމަލާ ވެސް ދީފަ އެވެ.
އެމްބަސީއަށް ހަމަލާ ދިން މައްސަލައިގައި ސައުދީ އަރަބިއްޔާއިން ވަނީ އިރާނާ އެކު ޚާރިޖީ ގުޅުން ކަނޑާލައިފަ އެވެ. އަދި ސައުދީ އަރަބިއްޔާއަށް ވާގިވެރިވާ، އަރަބި އިސްލާމީ އެހެނިހެން ގައުމުތަކުން ވެސް ވަނީ އިރާނާ އެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފަ އެވެ.
އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުސައިން ޖާބިރީ އަންސާރީ، އެ ގައުމުގެ ޓީވީ ސްޓޭޝަނަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، އިރާނުން ސައުދީ އަރަބިއްޔާއަށް، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދާ ހައްޖާޖީންނަށް ކޮންސިއުލާ ސަޕޯޓާއި، ނަފްސީ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެކަމުގެ ޔަގީންކަމެއް ސައުދީއިން ނުދޭ ކަމަށެވެ.
އިރާނުގެ ހައްޖު ޖަމިއްޔާއިން ބުނީ، ހައްޖުގެ އަޅުކަމަށް އިހުތިރާމު ކުރާ ކަމަށާއި، ނަމަވެސް ސައުދީ އަރަބިއްޔާއާ އެކު ބާއްވަމުން އަންނަ މަޝްވަރާތަކުން އަލި މަގެއް ފެނިފައި ނުވާ ކަމަށެވެ.
"މި މައްސަލަ ވަނީ ކޮޅެއްގައި ނުޖެހި ހުއްޓިފައި. އިރާނުގެ ވަކި ސަރަހައްދެއްގެ ރައްޔިތުންނަށް ވިސާ ނުދޭން ސައުދީން ނިންމާފައި ވަނީ. މިކަމާ ގުޅިގެން އިރާން އެއާގެ ފްލައިޓުތަކުން ފަސިންޖަރުން ވެސް ސައުދީއަށް ނުގެންދެވޭނެ،" އެ ޖަމިއްޔާއިން ބުނެ އެވެ.
އެހެން ނަމަވެސް ސައުދީއިން ތުހުމަތު ކުރަނީ، މިކަމުގައި އިރާނުގެ އެހެން މަގުސަދެއް އޮންނަ ކަމަށެވެ.
"އިރާން ހައްޖު ޖަމިއްޔާއިން ވަނީ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އަންނަން ދެކޮޅު ހަދާފައި. އެ މީހުން ދަނީ ހައްޖުގެ އަޅުކަން ސިޔާސީ ކުރަމުން،" މަދީނާ ސަރަހައްދުގެ ކޯޓެއްގެ ވެރިޔަކަށް ހުންނެވި ޑރ. ސާލިހް އަބްދުލްރަހްމާން ބިން ސުލައިމާން މުހައްމަދު ވިދާޅުވި އެވެ.