ސައުދީ އަރަބިއްޔާއާ އިރާނާ ދެމެދު ސިޔާސީ ގޮތުން މައްސަލައެއް ޖެހި، އެކަމުގެ ނުފޫޒު، ހައްޖުގެ މަތިވެރި އަޅުކަމަށް މި ވަނީ ފޯރާފަ އެވެ. ސައުދީއިން އިރާނާ އެކު ޚާރިޖީ ގުޅުން ކަނޑާލި ނަމަވެސް، އިރާނުން ސައުދީ އަރަބިއްޔާއާ ކޮންމެވެސް ސިފައެއްގައި ގުޅުން ބާއްވަން ޖެހެ އެވެ.

ސަބަބަކީ، އިރާނަކީ ވެސް އިސްލާމީ ގައުމެކެވެ. އެގައުމުގެ މުސްލިމުން ވެސް ހައްޖުގެ އަޅުކަން އަދާކުރަން ޖެހެ އެވެ. އެކަން ކުރުމަށް ދަތުރު ހަދާފައި ދާން ޖެހޭ މާތްވެގެންވާ މައްކާ އޮންނަނީ، ގުޅުން ކަނޑާލާފައިވާ ގައުމެއްގެ އިހްތިސާސްގެ ތެރޭގަ އެވެ.

އިރާނުގެ އާބާދީގައި 79.2 މިލިޔަން މީހުން ހިމެނޭ އިރު، އޭގެ ތެރެއިން 90 ޕަސަންޓަކީ ޝީޢީ މުސްލިމުންނެވެ. ސުންނީ މުސްލިމުންނަކީ އަށް ޕަސަންޓެވެ. ސައުދީ އަރަބިއްޔާއަކީ ސުންނީ މުސްލިމު ރަސްކަމެއް ކުރާ ގައުމެކެވެ. މައްސަލަގަނޑު އުފެދުނީ، ޝީޢީ ދީނީ އިލްމުވެރިޔާ ނިމްރު ބާގިރު އަލް ނިމްރުގެ މައްޗަށް ސައުދީ އަރަބިއްޔާއިން މަރުގެ ހުކުމް ތަންފީޒު ކުރި ހިސާބުންނެވެ.

އެއާއި އެކު، އިރާނުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރެވުނެވެ. އަދި އިރާނުގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީއަށް ބަޔަކު ހަމަލާ ދިނުމުގެ ސަބަބުން، ސައުދީއިން ވަނީ އިރާނުގައި ތިބި ޑިޕްލޮމެޓުން އެނބުރި ގައުމަށް ގެނެސް، އިރާނާ ޚާރިޖީ ގުޅުން ކަނޑާލައިފަ އެވެ.

ޝައިޚް ނިމްރުގެ ޕޯސްޓަރެއް ކައިރީގައި އިރާނުގެ ދެ ޒުވާނަކު: އިރާނާ ސައުދީއާ ދެމެދު މައްސަލަ އުފެދުނީ ޝައިޚް ނިމްރު ގަތުލުކުރުމާ ގުޅިގެން --

ސައުދީގެ ފަހަތުން، އެގައުމަށް ވާގިވެރިވާ މުސްލިމު ގައުމުތަކެއް ވެސް އިރާނާ ގުޅުން ކަނޑާލި އެވެ. އޭގެ ތެރޭގައި ބަހްރައިން، ސޫދާން، އަދި ދިވެހި ރާއްޖެ ވެސް ހިމެނެ އެވެ. އޭގެ އިތުރުން، ޔޫއޭއީއިން ވަނީ އިރާނުގައި ތިބި އެގައުމުގެ ޑިޕްލޮމެޓުން ގައުމަށް ގެނެސް، ޚާރިޖީ ގުޅުންތައް ދަށް ކޮށްފަ އެވެ.

ކޮންމެއަކަސް، މި މައްސަލައާ ހެދި އިރާނުން އެވަނީ، އެގައުމުގެ ރައްޔިތުން ހައްޖު ވުމަށް ސައުދީ އަރަބިއްޔާގެ އިހްތިސާސްގެ ތެރެއަށް ނުފޮނުވުމަށް ނިންމައިފަ އެވެ. އިރާނު ރައްޔިތުން ސައުދީއަށް އެތެރެވުން ސައުދީއިން މަނާކުރީ ނޫނެވެ. އިރާނުން އެކަން ނުކުރުމަށް ނިންމީ އެވެ.

އިރާނަކީ މުސްލިމުން ގިނަ ގައުމަކަށް ވާ އިރު، އެގައުމަށް ދޫކޮށްފައިވާ ހައްޖު ކޯޓާ ވެސް ބޮޑެވެ. މިދިޔަ އަހަރު ސައުދީއިން އިރާނަށް 65،000 ހާޖީންގެ ހައްޖު ކޯޓާއެއް ދިން އިރު، މި އަހަރަށް އިރާނަށް ކަނޑައެޅި ހައްޖު ކޯޓާއަކީ 75،000 އެވެ.

ކޮންމެ އަހަރަކު ވެސް މިލިޔަނަކަށް ވުރެ ގިނަ މުސްލިމުން އެކި ގައުމުތަކުން ސައުދީއަށް ހައްޖު ވުމަށް ދަތުރުކުރާ އިރު، ހައްޖު ޓުއަރިޒަމްއަކީ ސައުދީ އަރަބިއްޔާއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ދާއިރާ އެވެ. އަދި ސައުދީގެ ތެލުގެ ވިޔަފާރިން ލިބޭ އާމްދަނީ ދަށް ވަމުން ދާތީ، ހައްޖާއި އުމްރާ ވުމަށް އެގައުމަށް އަންނަ ބޭރު މީހުންނަށް ޚިދުމަތްތައް ފޯރުކޮށްދީގެން އާމްދަނީ އިތުރުކުރުމަށް ސައުދީއިން މި އަހަރު ނިންމި އެވެ.

ސައުދީ އަރަބިއްޔާ އަށް ފަތުރުވެރިކަމުން މިދިޔަ އަހަރު 22.6 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އިރު، މީގެ ތެރެއިން 12.6 ބިލިޔަން ޑޮލަރަކީ ހައްޖާއި އުމްރާ ވުމަށް އަންނަ މީހުންގެ ފަރާތުން ލިބުނު އާމްދަނީ އެވެ.

މިދިޔަ އަހަރު ސައުދީއަށް 1.3 މިލިޔަން ހައްޖާޖީން، ބޭރު ގައުމުތަކުން ޒިޔާރަތް ކުރި އެވެ. އެހެންކަމުން މިދިޔަ އަހަރު އެވަރޭޖްކޮށް އެއް ހައްޖާޖީގެ ފަރާތުން ސައުދީއަށް 9،000 އަށް ވުރެ ގިނަ ޑޮލަރު ގެނެސްފައި ވެ އެވެ.

މަސްޖިދުލް ހަރަމް --

މި އަހަރު ހައްޖަށް ދާނެ ކަމަށް ބެލެވޭ މިލިޔަނެއްހާ ހައްޖާޖީންގެ ތެރެއިން، އިރާނުން ހައްޖަށް ފޮނުވަން އޮތް 75،000 ހައްޖާޖީން މަދު ވާނެ އެވެ. އިރާނުގެ ހައްޖާޖީންގެ ފަރާތުން ސައުދީއަށް ލިބެން އޮތް އާމްދަނީ ކެނޑި، ސައުދީގެ އިގްތިސާދުން އެކަން ދައްކާނެ ކަމަށް ބެލެވެ އެވެ.

އިރާނުން ބުނަނީ، ހައްޖަށް ގޮސް އުޅޭ އިރާނުގެ ރައްޔިތުންނަށް ކޮންސިއުލާ ޚިދުމަތެއް ނުވަތަ ރައްކާތެރިކަމެއް ދޭނެ ކަމުގެ ޔަގީންކަމެއް، ސައުދީއިން ނުދިން ކަމަށެވެ.

"މި މައްސަލަ ވަނީ ކޮޅެއްގައި ނުޖެހި ހުއްޓިފައި. އިރާނުގެ ވަކި ސަރަހައްދެއްގެ ރައްޔިތުންނަށް ވިސާ ނުދޭން ސައުދީއިން ނިންމާފައި ވަނީ. މިކަމާ ގުޅިގެން އިރާން އެއާގެ ފްލައިޓުތަކުން ފަސިންޖަރުން ވެސް ސައުދީއަށް ނުގެންދެވޭނެ،" އިރާނުގެ ހައްޖާ ބެހޭ ޖަމާޢަތުން ބުންޏެވެ.