31 May 2016, 20:08
ބްރެސިލިއާ (މޭ 31): ބްރެޒިލްގެ އެންމެ ބޮޑު ކޮރަޕްޝަން މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން އުޅުނު ކަމަށް ލީކުވި އޯޑިއޯއަކުން ދޭހަ ވުމުން ބްރެޒިލްގެ ޓްރާންސްޕޭރެންސީ މިނިސްޓަރު، ފަބިއާނޯ ސިލްވޭރާ އިސްތިއުފާ ދެއްވައިފި އެވެ.
ސިލްވޭރާ އަކީ ދައުލަތުގެ ތެޔޮ ކުންފުނި، ޕެޓްރޯބްރާސްގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން އުޅުނު ކަމަށް ތުހުމަތު ކުރުމުން އިސްތިއުފާ ދެއްވި ދެ ވަނަ މިނިސްޓަރެވެ. ބްރެޒިލްގެ މީޑިއާއެއް ކަމަށްވާ ގްލޯބޯ އިން ލީކު ކޮށްލި އޯޑިއޯތަކާ ގުޅިގެން ފުރަތަމަ އިސްތިއުފާ ދެއްވީ އެ ގައުމުގެ ޕްލޭނިން މިނިސްޓަރު، ރޮމޭރޯ ޖުކާ އެވެ.
ސިލްވޭރާގެ އޯޑިއޯއިން އިވިގެންދަނީ ކޮރަޕްޝަނުގެ މައްސަލާގައި ތުުހުމަތު ކުރެވޭ އެ ގައުމުގެ ސެނެޓުގެ ރައީސަށް އޭނާ ގާނޫނީ ލަފާ ދެއްވާ އަޑާއި، މައްސަލައިގެ ތަހުގީގަށް ސިލްވޭރާ ފާޑު ވިދާޅުވާ އަޑެވެ.
މީގެ އިތުރުން، ގްލޯބޯއިން އާއްމު ކުރި ރިޕޯޓެއްގައިވާ ގޮތުން ސިލްވޭރާ ވަނީ ޕެޓްރޯބްރާސްގެ މައްސަލާގައި ސެނެޓުގެ ރައީސްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް މައްސަލަ ތަހުގީގު ކުރާ ފަރާތްތަކަށް ތަކުރާރުކޮށް ގުޅާފަ އެވެ. ނަމަވެސް، މައްސަލައާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އޭނާއަށް ނުލިބުނު ކަމަށް ވެސް ގްލޯބޯގެ ރިޕޯޓުގައިވެ އެވެ.
މީގެ 16 ދުވަސް ކުރިން ބްރެޒިލްގެ ޓްރާންސްޕޭރެންސީ މިނިސްޓަރު ކަމަށް ސިލްވޭރާ އައްޔަން ކޮށްފައި ވަނީ އެ ގައުމުގެ ވަގުތީ ރައީސް، މިޝޭލް ޓެމާ އެވެ. ބްރެޒިލްގެ ވެރިކަމާ ޓެމާ ހަވާލުވެވަޑައިގެންފައި ވަނީ ހިޔާނާތުގެ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް ބްރެޒިލްގެ ސެނެޓުން ގައުމުގެ ރައީސާ، ޑިލްމާ ރޫސްފް މަގާމުން ސަސްޕެންޑު ކުރުމުންނެވެ. (އަލްޖަޒީރާ)