ލަންޑަން (މޭ 31) : ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފްގެ ހިތްޕުޅުގެ އޮޕަރޭޝަން ކާމިޔާބު ކަމަށް ޚަބަރުލިބިއްޖެ އެވެ.

ނަވާޒް ޝަރީފްގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް ވިދާޅުވީ ހޮސްޕިޓަލްގައި އެނދުމަތިކުރިއިރުވެސް އެކަމަނާގެ ބައްޕާފުޅުގެ ހިއްވަރާއި ނަފްސާނީ ހާލަތު ރަނގަނޅު ކަމަށާ އަދި އޮޕަރޭޝަން ކާމިޔާބު ކަމަށާ އޮޕަރޭޝަނަށްފަހުވެސް ބައްޕާފުޅުގެ ހާލުކޮޅު ވަރަށް ރަނގަނޅު ކަމުގައެވެ. އަދި ތިއޭޓަރަށް ވެދެވަޑައިގަތް އިރުވެސް ބައްޕާފުޅު ހުންނެވީ އޮޕަރޭޝަން ކާމިޔާބު ވާނެކަމުގެ އުންމީދުގައި މާތް ﷲ އަށް ވަކީލު ކުރައްވައިގެން ކަމަށްވެސް މަރްޔަމް ނަވާޒް ޝަރީފް ވިދާޅުވިއެވެ. ހިތްޕުޅުގެ އޮޕަރޭޝަން ކުރެއްވުމަށްޓަކައި ލަންޑަންގެ މެދުތެރޭގައިވާ ޕްރައިވެޓް ހޮސްޕިޓަލެއްގައި ނަވާޒް ޝަރީފް އެނދުމަތިކުރީ ރޭގެ ވަގުތެއްގައެވެ.

ނަވާޒް ޝަރީފުވަނީ 2011 ގައިވެސް ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރައްވާފައެވެ. މިހާރު ނަވާޒް ޝަރީފުގެ ހިތްޕުޅަށް އެންމެފަހުން ކުރިމަތިވި މައްސަލައަކީ ހިތްޕުޅުގައި ލޯވަޅެއް ހުރުންކަމަށްވެއެވެ. މިއީ 2011 ވަނަ އަހަރު ކުރި އޮޕަރޭޝަންގެ ސަބަބުން ކުރިމަތިވި މައްސަލައެއްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ނަވާޒް ޝަރީފްގެ އޮފީހުން ބުނެފައިވަނީ އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުގައި އަރާމު ކުރެއްވުމަށް ނަވާޒް ޝަރީފު އެނދުމަތިކުރާ ދުވަސްތަކުގައިވެސް ހާލުކޮޅު ރަނގަނޅުނަމަ ވެރިކަމުގެ ޒިންމާތައް އުފުއްލަވާނެ ކަމުގައެވެ. (ރޮއިޓާސް)