15 May 2011, 10:02
ޑޮލަރު ރޭޓް 10.28ރ. އާއި 15.42ރ. އާ ދެމެދުގެ ބޭންޑެއްގައި ފްލޯޓްވުމަށް ދޫކޮށްލީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު ކާބޯތަކެތީގެ ގިނަ ބާވަތްތަކުގެ އަގު ގާތްގަނޑަކަށް 20 ޕަސެންޓަށް މައްޗަށް ޖެހިލި އެވެ.
ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ކަމަށް ބުނެ ސަރުކާރުން އެޅި ފިޔަވަޅާ މެދު ބައެއް މީހުން ހިތްހަމަ ނުޖެހުނަސް، ގިނަ ބަޔަކު އުއްމީދު ކުރީ ތަކެތީގެ އަގު އުފުލުން އެހިސާބަށް ހުއްޓޭނެ ކަމަށެވެ. އެއީ ބޭންކްތަކުން ޑޮލަރު ވިއްކާ އަގު ގޮސް ހުއްޓޭނެ ވަކި ރޭޓެއް ކަނޑައަޅާފައި އޮތީމަ އެވެ.
"އަޅުގަނޑު ހީކުރީ ޑޮލަރު ރޭޓް މަތިވުމާ ގުޅިގެން ތަކެތީގެ އަގު އުފުލޭނީ އެއްފަހަރު ކަމަށް،" ރެސްޓޯރެންޓެއްގައި ކޮފީ ބޯން އިން ނ. ކުޑަފަރީ ހުސައިން ޔޫސުފް ބުންޏެވެ.
ގިނަ މީހުންގެ އުއްމީދު އެގޮތަށް ހުއްޓަސް ކަން ވެގެން ދިޔައީ މުޅިން އެހެން ގޮތަކަށެވެ. ޑޮލަރު ރޭޓް މަތިވި ފަހުން ފާއިތުވި ކޮންމެ ދުވަހަކު ވެސް ތަކެތީގެ އަގުތައް ދިޔައީ އުފުލެމުންނެވެ.
ޑޮލަރު ރޭޓް މަތިވި ފަހުން ތަކެތީގެ އަގަށް ބަދަލުގެނައީ ކިތައް ފަހަރުތޯ އަހާލުމުން މައްޗަން ގޮޅީގައި ހުންނަ ފެމިލީ މާޓްގެ ވެރިޔާ އަދި ސޭޓް މުހައްމަދުފުޅު ބުނީ އަގަށް ބަދަލު ގެނައީ ނޫން ކަމަށާއި "އަގަށް ބަދަލު ގެންނަން މަޖުބޫރު ވަނީ ހޯލްސޭލްކުރާ މީހުން ކޮންމެ ދުވަހަކު ހެން އަގު ބަދަލުކުރާތީ" ކަމަށެވެ.
އޭނާ ބުނީ ޑޮލަރުގެ ރޭޓް މަތިކުރި ފަހުން ބައެއް ތަކެތީގެ އަގު ހޯލްސޭލަރުން ބަދަލު ކުރި އަދަދު ވެސް ކުއްލިއަކަށް ބުނަން ނޭނގޭ ކަމަށެވެ. އޭނާ ބުނީ ބައެއް ތަކެތީގެ އަގަށް ކޮންމެ ދުވަހަކު ވެސް ބަދަލު އަންނަ ކަމަށާއި ހާއްސަކޮށް ކޮންމެ ހުކުރު ދުވަހަކު ގިނަ މީހުން ގަންނަ އެއްބާވަތެއް ކަމަށްވާ ކުކުޅު މަހުގެ އަގު ކޮންމެ ބުރާސްފަތި ދުވަހަކު ބޮޑުވާ ކަމަށެވެ.
ް
މައްޗަން ގޮޅީގެ އެހެން ފިހާރައެއް ކަމަށްވާ އެޕްރިކޮޓް ފިހާރައިގެ ސޭޓް ވެސް ބުނީ ހޯލްސޭލަރުން ތަކެތީގެ އަގު ކޮންމެ ދުވަހަކު ވެސް ބޮޑުކުރާ ކަމަށެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މީ ޑޮލަރާ ގުޅުން ހުރި ކަމެއް ކަމަކަށް. ޑޮލަރުގެ ރޭޓް މަތިވީ އެއްފަހަރު ނޫންތޯ؟ ދެން ކީއްވެތޯ ކޮންމެ ދުވަހަކު ތަކެތީގެ އަގު ފުލެންވީ؟" އޭނާ ސުވާލު ކުރި އެވެ. އޭނާ ބުނީ ތަކެތީގެ އަގު މިހާރު އުފުލެމުންދާ ސަބަބު އިނގޭނީ ހަމަ ހޯލްސޭލަރުންނަށް ކަމަށެވެ.
ޑީޝޮޕް ނަމަކަށް ކިޔާ ފިހާރައިގެ ވެރިޔާ އަދި ސޭޓް ބުނީ ތަކެތީގެ އަގުތައް އުފުލެމުން މިދާ ދިއުން ހުއްޓޭނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރާ ކަމަށެވެ. އަދި އެކަން އެ ހިނގަނީ ސުވާލު އުފެދޭ އެތަށް ގޮތަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.
"މިކަމުގައި މިހާރު ގޮތްނޭނގޭ ސިއްރު ތަކެއް އެބަ އުޅޭ. ހޯލްސޭލަރުން އެއް ފަހަރު ގެންނަ ޝިޕްމަންޓް ވެސް ވިއްކަނީ އެތައް އަގެއްގައި" ނަން ނުޖެހުމަށް އެދި ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
ރަމަތަ ފިހާރައިގެ ވެރިޔާ ބުނީ އަދި ތަފާތު ވާހަކައެކެވެ. އޭނާ ބުނީ ހޯލްސޭލް ކުރާ މީހުން ތަކެތީގެ އަގު ދުވާލަކު އެއްފަހަރު ބަދަލުކުރަނީ ގަންނަ މީހުންގެ ފަރާތުން އެއްވެސް ސުވާލެއް ކުރިމަތި ނުވެ، ވަރަށް ހަމަހިމޭންކަމުހައި ފިލާ ތިބެވޭތީ ކަމަށެވެ.
"ގަންނަ މީހުންނާ ކުރިމަތިލާން މިޖެހެނީ އަޅުގަނޑުމެން ކުދި ފިހާރަތަކުގެ މީހުންނަށް. ހޯލްސޭލް ކުރާ މީހުންނާ ސުވާލުކުރާނެ ފުރުސަތެއް އަޅުގަނޑުމެންނަކަށް ނެތް. އެއީ ކޮން ބައެއް ކަން ވެސް އަޅުގަނޑުމެން ގިނަ މީހުންނަކަށް ނޭނގޭ. ފިހާރައިން ދިމާ ވަނީ ވަޒީފާގައި އުޅޭ މީހުންނާ، އެމީހުން ބުނަނީ އަގަށް މިވާ ގޮތެއް އެނގޭނީ ހަމަ ވެރިޔާއަށް ކަމަށް،" ރަމަޔަ ފިހާރައިގެ ވެރިޔާ އަދި ސޭޓް އެއްނޭވާއިން ބުނެ ނިންމާލި އެވެ.
އޭނާ ބުނީ ޑޮލަރުގެ ރޭޓް މަތިވި ފަހުން މިހާތަނަށް ގާތްގަނޑަކަށް ހުރިހާ ބާވަތަކުން 30 ޕަސެންޓް އަގު ބޮޑުވެފައިވާ ކަމަށެވެ.
މާފަންނުގެ ކުދި ފިހާރަތަކުގެ ވެރިންނާއި ސޭޓުން ވެސް ދެއްކީ މައްޗަން ގޮޅީގެ ސޭޓުންނާ ތަފާތު ވާހަކައެއް ނޫނެވެ. މާލޭގައި އެއްފަސްކޮށް އޮތް ހަތަރު އަވަށުގެ ގާތްގަނޑަކަށް 25 ފިހާރައިގެ ސޭޓުން ނާއި އޭގެ ތެރެއިން ބައެއް ފިހާރަތަކުގެ ވެރިން ވެސް ދައްކަނީ ހަމަ އެއް ވާހަކައެކެވެ. އެމީހުންގެ ޝަކުވާއަކީ ޑޮލަރު ރޭޓް އެއް ފަހަރު ބަދަލުވިޔަސް ތަކެތީގެ އަގު ހޯލްސޭލަރުން ކޮންމެ ދުވަހަކު ބޮޑު ކުރާ ކަމުގެ ޝަކުވާ އެވެ. އަދި އެއީ އެކަން ވާން ޖެހޭ ގޮތް ކަމަށް އެއްގޮތަކަށް ވެސް ގަބޫލު ނުކުރާ ކަމަށް ވާހަކަ ދައްކާލި ސޭޓުންގެ 95 ޕަސެންޓް އެއްބަސް ވެ އެވެ.
"މިހާ ވަރަށް ތަކެތީގެ އަގު އުފުލެން ފެށީމާ މިހާރު ކަސްޓަމަރުން އުޅެނީ ވަރަށް ބޮޑަށް ހިފަހައްޓައިގެން، އެހެންވެ ވިޔަފާރި މިހާރު ވަރަށް ދަށް" މިދާ ގޮތަށް ދަންޏާ އަޅުގަނޑުމެންނަށް މިމަސައްކަތެއް ނުކުރެވޭނެ،" ރަމަތަ ފިހާރައިގެ ވެރިޔާ ބުންޏެވެ. ރަމަތަ ފިހާރައިގެ އިތުރުން އެހެން ހުރިހާ ފިހާރައަކުން ވެސް ބުނީ ވިޔަފާރި ދަށްވެފައިވާ ކަމަށެވެ.
ނަވަމެވެސް މާފަންނުގައި ހުންނަ ޑާޓާ ފިހާރައިގެ ވެރިޔާ ބުނީ ވިޔަފާރިއަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ.
"ވިޔަފާރިއަށް ދެން މާބޮޑު ބަދަލެއް ނާންނާނެތާ ދޯ، އަހަރެމެން މިވިއްކަނީ ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ވިއްޔާ" އޭނާ ބުންޏެވެ.
އޭނާ ބުނީ އަގު ބޮޑުވާ ތަކެތީގެ ތެރެއިން އެންމެ ބޮޑަށް އަގުތައް އުފުލެނީ ވެސް އެންމެ އަސާސީ ތަކެތިން ކަމަށެވެ.
ސޭޓާ ސުވާލުކުރުމުން އޭނާ ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑުއަހަން ހުރި ކަސްޓަމަރަކު ބުނީ ތަކެތީގެ އަގު އުފުލެމުންދާއިރު އޭނާ އެންމެ ހައިރާންވާ ކަމަކީ ކައިރި ކައިރީގައި ހުންނަ ދެ ފިހާރައިގެ އަގުތައް ތަފާތު ކަމުންނެވެ.
"އަޅުގަނޑު މިގަންނަ 900 ގްރާމްގެ ނީޑޯ ކިރުދަޅު ގޭކައިރި ހުރި ފިހާރައިން ގަންނަނީ 103.ރ އަށް. އެކަމަކު އެފިހާރައިން އިއްޔެ ކިރުދަޅު ހުސްވެގެން ރެޑްވޭވް ފިހާރައިން މިގަތީ 128 ރުފިޔާ އަށް. ދެން އޭގެ ފަހުން އަނެއްކާ ގޭކައިރި ފިހާރައަށް ކިރުދަޅު ގެނައިމަ އަގު ބެލި އިރު ހަމަ 103.ރ އަށް މިއީ ދެން އަޖައިބެއް،" އޭނާ ބުންޏެވެ.
ކުދި ފިހާރަތަކުގެ މީހުންގެ ވާހަކަތައް އެގޮތަށް ހުރި އިރު ހޯލްސޭލަރުން ދެއްކީ މުޅިން ތަފާތު ވާހަކަ އެކެވެ.
ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި ހޯލްސޭލް ކުރާ މީހަކު ވިޔަފާރީގެ ނަން ވެސް އަދި އޭނާގެ ނަން ވެސް ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނީ ޑޮލަރުގެ ރޭޓް ސަރުކާރުން ބަދަލު ކުރިޔަސް ބޭންކުން ޑޮލަރު ނުލިބޭ ކަމަށެވެ.
"އަހަރެމެން މިހާރު ވެސް ޑޮލަރު ގަންނަނީ ކަޅުބާޒާރުން، 16.ރ އަށް 17.ރ އަށް ޑޮލަރެއް މިގަންނަނީ، އެހެންވެ ތަކެތީގެ އަގު ބޮޑުކުރަން ޖެހެނީ،" އޭނާ ބުންޏެވެ.
ކަޅުބާޒާރުގައި ޑޮލަރުގެ އަގު ކޮންމެ ދުވަހަކު ބޮޑުވޭތޯ އަހާލުމުން އޭނާ ބުނީ އެގޮތަށް އެކަން ނުހިނގާ ކަމަށެވެ.
"ސަރުކާރުން 15.42ރ. އަށް ޑޮލަރުގެ ރޭޓް ހެދި ދުވަހު ނޫން އަނެއް ދުވަހު 16ރ. އަށް 17ރ. އަށް ޑޮލަރެއް ވިއްކަން ފެށީ. އޭގެ ފަހަކުން އަދި ބަދަލެއް ނާދޭ،" އޭނާ ބުންޏެވެ. ދެން އެހެން ވިއްޔާ ތަކެތީގެ އަގު މިހާ އަވަހަށް ބަދަލު ކުރަނީ ކީއްވެތޯ އެހުމުން މާ ސާފު ޖަވާބެއް ދޭކަށް އޭނާ އަކަށް ނޭނގުނެވެ.
ތާޒާ މޭވާ އާއި ތަރުކާރީގެ އިތުރުން އެއްގަމު މަހުގެ ބާވަތްތައް ވިއްކާ ފެންޓަސީ ސްޓޯރުން ބުނީ ޑޮލަރު ރޭޓް ބަދަލުކުރި ފަހުން އެކަމާ ގުޅިގެން އަގުތަކަށް ބަދަލު ގެނައީ އެންމެ ފަހަރަކު ކަމަށެވެ. އެހެން ނަމަވެސް ކޮންމެ އައު ޝިޕްމަންޓެއް ލިބެނީ ތަފާތު އަގެއްގައި ކަމަށާއި އެހެންވެ އާ ޝިޕްމަންޓް އައުމުން އަގު ބަދަލުވާ ކަމަށް ވެސް ފެންޓަސީ ފިހާރައިން ބުންޏެވެ.
ހޯލްސޭލް ފިހާރައެއް ކަމަށްވާ ގޮވެލި ފިހާރައިން ވާހަކަ ދެއްކި ނަސީހު މުހައްމަދު ބުނީ ތަކެތީގެ އަގު ބަދަލު ކުރަން ޖެހެނީ ޑޮލަރުގެ އަގު ބޮޑުކުރީމާ ކަމަށެވެ.
"ސަރުކާރުން ޑޮލަރުގެ އަގަށް ބަދަލު ގެނަޔަސް ބޭންކުން ޑޮލަރެއް ނުލިބޭ. ގަންނަން ޖެހެނީ ކަޅު ބާޒާރުން 16ރ. އަށް 17ރ. އަށް. އެހެންވެ އަގުބޮޑު ކުރަން ޖެހެނީ،" ނަސީހު ބުންޏެވެ.
ސަރުކާރުން ޑޮލަރު ރޭޓަށް ބަދަލު ގެނައި ފަހުން ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބަދަލުވީ ކިތައް ފަހަރުތޯ އެހުމުން އޭނާ ބުނީ އެއް ފަހަރު ކަމަށެވެ. ދެން އެހެންވިއްޔާ ތަކެތީގެ އަގު އަވަސް އަވަހަށް ބަދަލު ކުރަނީ ކީއްވެތޯ އަހާލުމުން ބުނީ އެއީ ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީ ކަމަށެވެ.
"ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީ އަޅުގަނޑުމެންނަށް ޝިޕްމަންޓްތައް ގެންނަން ޖެހެނީ ވަރަށް ކުޑަކޮށް، މަދު އެތިކޮޅެއްވީމާ ލިބެނީ އަގުބޮޑުކޮށް." އޭނާ ބުންޏެވެ.