31 May 2016, 17:15
މާދަމާއިން ފެށިގެން މެލޭޝިއާއަށްދާ ދިވެހީންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
މެލޭޝިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ މުހައްމަދު ފަހުމީ ހަސަން "ސަން" އަށް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މެލޭޝިއާއަށް މި އަހަރުގެ މާޗު މަހު ކުރެއްވި ދަތުރުފުޅުގައި، މެލޭޝިއާއަށް ދާ ދިވެހީންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވި ކަމަށެވެ.
"އެފަހަރު މެލޭޝިއާއިން ބުނި، ދިވެހީންނަށް 90 ދުވަސް ހަމަޖައްސައިދޭނަމޭ. އެކަމާ ގުޅޭގޮތުން މެލޭޝިއާ ސަރުކާރުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށް ފަހު މިއަދު އެ ހާމަކުރެއްވީ އެކަން،"
"މާދަމާއިން ފެށިގެން މިގޮތަށް އަމަލު ކުރެވޭނެ، އިރާދަކުރެއްވިއްޔާ،" ފަހުމީ ސަން އަށް ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ، މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހީން އުޅޭ ކަމަށެވެ. އެގޮތުން، މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދާ އިރު، އެ ކުދިން ކައިރީގައި ތިބުމަށް ބެލެނިވެރިއަކަށް ވެސް ފުރުސަތު ދޭ ކަމަށް ފަހުމީ ވިދާޅުވި އެވެ.
މީގެ އިތުރުން، އެއާ އޭޝިއާއިން، ރާއްޖެއާ މެލޭޝިއާއާ ދެމެދު ސީދާ ދަތުރުތައް ބާއްވައި، ސްރީލަންކަން އެއާލައިންސްއާއި ސިންގަޕޫރު އެއާލައިންސްއިން ރާއްޖެއާ މެލޭޝިއާއާ ދެމެދު ދަތުރުކުރަމުންދާ ކަމަށާއި އެ ފްލައިޓުތަކުގައި ވެސް ގިނަ އަދަދެއްގެ ދިވެހީން މެލޭޝިއާއަށް އަންނަ ކަމަށް ފާހަގަ ކުރައްވަމުން، ފަހުމީ ވިދާޅުވީ މެލޭޝިއާ ސަރުކާރުން މިގޮތަށް ނިންމުމަކީ ދިވެހީންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއީ ދިވެހި ސަރުކާރާ މެލޭޝިއާއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން ހާމަކޮށްދޭ ކަމެއް ކަމަށާއި، އެއީ ރާއްޖެއިން ވަރަށް ބަލައިގަންނަ ކަމެއް ކަމަށެވެ.
ރައީސް ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ފެއްޓެވީ، "ޕަމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓްމޯރޯ" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ. އާދީއްތަ ދުވަހުގެ ރޭ ރައީސްގެ ދެކަނބަލުން މެލޭޝިއާއަށް ވަޑައިގެންނެވި އިރު، އެދެކަނބަލުން ވަނީ އެ ދަތުރުފުޅު ނިންމަވާލައްވައިފަ އެވެ.