ދަރިވަރުންގެ ކުޅިވަރު ހުނަރު ކުރިއެރުވުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ދެންވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށް އެ ވުޒާރާގެ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ވިއެޓްނާމްގެ ހޯޗީމިން ސިޓީ ގައި އޮންނަ 17 ވަނަ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރާ އެތުލީޓުންނާ ބައްދަލުކުރައްވާ މިނިސްޓަރު ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ސްޕޯޓްސް ސްކޮލާޝިޕް ބައިވެރިވުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

ކުޅިވަރުގެ ދާއިރާއިން ތަމްރީން ހަދަން ރާއްޖޭން ބޭރަށް ދާ ދަރިވަރުންގެ ކިޔެވުމުގެ ހަރަދު މިނިސްޓްރީން ދެމުންދާ ކަަމަށާއި ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުގެ ފަރާތުން ދޫކުރާ މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ދޭ ލޯން ސްކީމް ގައި ބައިވެރިވެވޭނެ ކަމަށެވެ.

އަންނަ ޖޫން މަހުގެ ތިނަކުން ހައަކަށް ބާއްވާ 17 ވަނަ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ 20 އަހަރުން ދަށުގެ ޓީމުގައި ތިން އެތިލީޓުން ބައިވެރިވެ އެވެ.

އެއީ އިސްކަންދަރު ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރު އާއިޝަތު ޒާރާ އާތިފް އާއި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ގްރޭޑް 11 ގައި ކިޔަވަމުން އަންނަ ނަޝާ ނިޒާރު އަދި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 11 ގެ ދަރިވަރު މުހައްމަދު އިބްރާހީމް އެވެ.

އެ ތިން އެތުލީޓުން ވެސް ބައިވެރިވަނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުގަ އެވެ.

އެ މުބާރާތުގައި އޭޝިއާ ސަރަހައްދުގެ 45 ގައުމަކުން އެތުލީޓުން ބައިވެރިވާ އިރު، ރާއްޖޭން މުބާރާތުގައި ބައިވެރިވާ ދަރިވަރުން ފުރުމަށް ހަމަޖެހިފައި ވަނީ މިރެއެވެ. ރާއްޖޭން ބައިވެރިވާ ތިން އެތިލީޓުންނާއެކު ތިން އޮފިޝަލުން ބައިވެރިވެއެވެ.