ކޯޓުތަކުގެ ގާނޫނަށް 2014 ވަނަ ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ދެ ގޮފި ގާއިމް ކުރުމަށް ގާނޫނު ލާޒިމް ކުރެ އެވެ. ގާނޫނުގައި ބުނެފައި ވަނީ ގާނޫނު ފާސްކޮށް ގެޒެޓުގައި ޝާއިއުކުރާތާ 90 ދުވަސްތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފި ގާއިމް ކުރަން ޖެހޭނެ ކަމަށެވެ. ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީގައި މިހާރު ހައި ކޯޓުގެ ގޮތްޕެއް ގާއިމުކޮށްފައިވާ އިރު އުތުރު ގޮފި ގާއިމްކުރަން ނިންމާފައިވާ ހދ. ކުޅުދުއްފުށީގައި އެ ގޮފި މިހާތަނަށް ވެސް ގާއިމްކޮށްފައެއް ނުވެ އެވެ.

ހައިކޯޓުގެ އުތުރު ގޮފީގެ ޕްރޮސެސް ކުރިއަށްދާ ކަމަށާއި ފަނޑިޔާރުން ހަމަޖައްސައި ހުރިހާ ކަމެއް ނިމުމުން ލަސްތަކެއް ނުވެ އުތުރު ގޮފި ގާއިމް ވެގެންދާނެ ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވި އެވެ.

ކޯޓުތަކާ ބެހޭ ގާނޫނުގެ 35 ވަނަ މާއްދާ:ހައިކޯޓު ހިންގުމާއި ހައކޯޓުގެ ގޮފިތައް ކަނޑައެޅުން

  • (ހ) އާންމު އުސޫލެއްގެ ގޮތުން ހައިކޯޓު ހިންގަމުންދާނީ މާލޭގަ އެވެ.

  • (ށ) މިމާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ގާނޫނު ނަމްބަރު 22/20110 ( ކޯޓުތަކުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރާތާ 90 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދެއްގައި ހައިކޯޓުގެ ދެގޮފި ގާއިމްކޮށް އެސަރަހައްދުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ އިންތިޒާމު ހަމަޖައްސަން ވާނެ އެވެ.

ފަނޑިޔާރުންގެ މަހާސިންތާގައި ހައިކޯޓުގެ ބައެއް ފަނޑިޔާރުން ބައިވެރިވެ ވަޑައިގަންނަވަނީ -- ސަން ފައިލް ފޮޓޯ

ހައިކޯޓުގެ ގޮފިތައް އުތުރާއި ދެކުނުގައި ގާއިމްކުރަން ނިންމީ އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ފަސޭހައިން އިސްތިއުނާފްގެ ފުރުސަތު ދޭނެ ކަމަށް ބުނެ އެވެ. ގޮފި އުފައްދަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހެޅުމުން ބަހުސް މަރުހަލާގައި މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ވިދާޅުވެފައި ވަނީ އެ ކޯޓުތައް ގާއިމު ކުރުމުން އިންސާފުގެ މަރުހަލާގައި މުހިންމު ކޯޓު ކަމުގައިވާ ހައިކޯޓާ ހަމައަށް މައްސަލަތައް ފުނިޖެހެމުންދާ މިންވަރާއި އުތުރާއި ދެކުނުން ބޭފުޅުން މާލެ އައިސް މައްސަލަ އިސްތިއުނާފު ކުރުމަށް އުފުލަން ޖެހޭ ތަކުލީފިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ހާއްސަކޮށް އިސްތިއުނާފު މަރުހަލާގައި އެންމެ މުހިންމު ކޯޓު ކަމުގައިވާ ހައިކޯޓާ ހަމައިން މައްސަލަތައް ފުނިޖެހެމުންދާ މިންވަރާއި އަދި ހައިކޯޓަށް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެހެނިހެން ރަށްރަށުން. އުތުރާއި ދެކުނުން އަދި މެދުރާއްޖެ ތެރޭގެ ސަރަހައްދުތަކުން ވެސް އައުމަށް އިންނަ ދަތިތަކާއި އެ ތަކުލީފުތަކުގެ މައްޗަށް ވިސްނާ ވަޑައިގެން ސަރުކާރުގެ ޕޮލިސީ އާއި އަދި ހާއްސަކޮށް ދައުލަތުގެ މި ޕޮލިސީގެ ތެރެއަށް ދިވެހިރާއްޖޭގެ އުތުރާއި އަދި ދެކުނުގައި ގޮފި ގާއިމްކޮށްފި ނަމަ މިމައްސަލައަށް ހައްލެއް ލިބިގެންދާނެ ވާހަކައަކީ އަޅުގަނޑުމެންނަށް އަޑުއިވޭ ވާހަކަ އެއް" ނިހާން ވިދާޅުވެފައިވެ އެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން -- ފޮޓޯ// މަޖިލިސް

ގޮފިތައް އުފައްދަން ގާނޫނުގައި ދިން މުއްދަތު ހަމަވިތާ ދޮޅު އަހަރުވެފައިވާ އިރު މިހާތަނަށް ވެސް އުތުރު ގޮފި ގާއިމް ނުވާތީ އުތުރު ގޮފީގެ އިހްތިސާސް ހިނގާ ސަރަހައްދުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ބައެއް މައްސަލަތައް ވަގުތީ ގޮތުން ބަލަމުންދަނީ މާލޭގެ ހައި ކޯޓުންނެވެ.

ދެން އޮތީ މިހާރު މަސައްކަތް ފަށާފައިވާ ދެކުނު ގޮފީގެ ވާހަކަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އައްޑޫގައި ގާއިމްކޮށްފައިވާ ދެކުނު ގޮފީގައި ބަލާ ގިނަ މައްސަލަތައް ކުރިއަށް ގެންދަންޖެހެނީ މާލޭގެ ހައި ކޯޓާއި ވީޑިއޯ ކޮންފަރެންސް ހަދައިގެންނެވެ. ސަބަބަކީ އެ މައްސަލަތަކުގައި ދައުވާ ކުރާ ފަރާތް ނުވަތަ ދައުވާ ރައްދުވާ ފަރާތްތައް މާލޭގައި ދިރިއުޅުމެވެ.

ދެން އޮތީ ރައްޔިތުން އެކަމަށް ކުރަން ޖެހޭ ޚަރަދުތަކުގެ ވާހަކަ އެވެ. މިސާލަކަށް ގދ. އަތޮޅުގައި ހުންނަ މީހަކު މައްސަލަ އިސްތިއުނާފް ކުރަން ދާންޖެހޭނީ އައްޑުއަށް ކަމަށް ވާއިރު އެ ދެ އަތޮޅުގެ ދެމެދުގައި ފެރީގެ ނިޒާމެއް ނެތެވެ. ދެން ޖެހެނީ އުޅަނދެއް ކުއްޔަށް ހިފައިގެން އައްޑުއަށް ދާށެވެ. އެގޮތަށް ދަތުރު ކުރަން ޖެހުމުން އައްޑުއަށް ދިއުމަށް ވުރެ މާލެއަށް އައުން ވެސް ބައެއް ފަހަރު ޚަރަދު ކުޑަވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން: ގޮފިތައް އުފެއްދުމާ އަލީ ހުސައިން ދެކޮޅު -- ފޮޓޯ// މަޖިލިސް

މީގެ އިތުރުން ގިނަ ގާނޫނީ ވަކީލުން މަސައްކަތް ކުރަނީ މާލޭގައި ކަމުން ވަކީލު ފީގެ އިތުރަށް ދަތުރު ހަރަދާއި ހުރުމުގެ ހަރަދު ދިނުމަށް ފަހު މާލެއިން ވަކީލުން ގެންދަން ޖެހުމަކީ ވެސް ރައްޔިތުން ކުރަންޖެހޭ ބޮޑު ހަރަދެކެވެ.

" އަޅުގަނޑު ހަމަ ފާހަގަކޮށްލަން ރާއްޖޭގައި ގިނަ ވަކީލުން މިއުޅެނީ މާލޭގައި. ދެން ރަނގަޅު ވަކީލަކު ބޭނުންވެގެން އައްޑޫ ހައިކޯޓު ގޮފީގައި މައްސަލަ އިސްތިއުނާފުކުރާ ފަރާތުުން އެބަޖެހޭ ދަތުރުގެ ހަރަދާއި ހުރުމުގެ ހަރަދާއި ވަކީލުފީގެ އިތުރުން ދޭން. މިއީވެސް ހަމަ ކުރަން ޖެހޭ ބޮޑު ހަރަދެއް"އަލީ ހުސައިން

ހައިކޯޓުގެ ގޮފިތައް ގާއިމްކުރަން ގާނޫނަށް އިސްލާހު ގެނައީ ހައިކޯޓުގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރުވުމަށްޓަކައި ކަމަށް ބައެއް ގާނޫނީ ވަކީލުން ތުހުމަތު ކުރައްވަ އެވެ.

މާލޭގައި މަސައްކަތް ކުރަން ވަޒީފާއަށް އެދި ހުށަހަޅައިގެން މާލެއިން ފަނޑިޔާރުކަމުގެ ވަޒީފާ ދިނުމަށް ފަހު ދެން އެ މީހުން އައްޑޫއަށް ނުވަތަ އެހެން ގޮތްޕަކަށް ބަދަލު ކުރުމަކީ އިންސާފެއް ނޫން ކަމަށް ބައެއް ވަކީލުން ފާހަގަ ކުރައްވަ އެވެ. އޭގެ ސަބަބެއްގެ ގޮތުން ތައުލީމީ ކަމަށް ގާބިލު ފަނޑިޔާރުން މަގާމު ދޫކޮށް ދާން ޖެހުމަކީ ކުރިމަތިވާ ކަމެއް ކަމަށް ވަކީލުން ފާހަގަކުރެ އެވެ. އަދި ގޮފިތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ވެސް އަމަލުކުރާ އުސޫލާ މެދު ގިނަ ވަކީލުންގެ ކަންބޮޑުވުން އެބަހުއްޓެވެ. ގޮފިތަކަށް ފަނޑިޔާރުން އައްޔަން ކުރާނަމަ އަލުން އެކަމަށް އިއުލާނުކޮށްގެން ފަނޑިޔާރުން އައްޔަން ކުރުމަކީ ރަނގަޅު އުސޫލަކަށް ވެގެންދާނެ ކަމަށް ގާނޫނީ ބޭފުޅުން ދެކިވަޑައިގަންނަވަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުން މަގާމާ ހަވާލުވި ރަސްމިއްޔާތުގައި އެ ކޯޓުގެ ފަނޑިޔާރު އަޒްމިރަލްޒާ ޒާހިރު: އަޒްމިރަލްދާ ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައި -- ސަން ފައިލް ފޮޓޯ

ހައިކޯޓުގެ ދެކުނު ގޮތްޕަން އައްޔަންކުރި ފަނޑިޔާރުންގެ ތެރެއިން ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވާފަ އެވެ. އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އެކަމަނާ ވިދާޅުވެފައި ވަނީ "އިސްތިއުފާ ދިނުމަށް އަމަލީ ގޮތުން މަޖުބޫރު ކުރުވާފައިވާތީ" ކަމަށެވެ. އަދި ފަހަކަށް އައިސް ހަދާ ގާނޫނުތަކާއި ގަވާއިދުތަކަކީ ވަކި ވަކި ފަރުދުންނަށް އަމާޒުކޮށްގެން ހަދާ އެއްޗެހިތަކެއް ކަމަށް އަޒްމިރަލްދާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"މި ގައުމަށް އިހްލާސްތެރިކަމާ އެކު ހިދުމަތް ކުރުމަށް އަޅުގަނޑު ދެމިހުންނަން ބޭނުންވި ނަމަވެސް އަޅުގަނޑުގެ ހިދުމަތެއް މި ގައުމަށް މިއަދު ބޭނުންވާ ކަމުގެ އެއްވެސް އުންމީދެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުލިބުނު،" އަޒްމިރަލްދާ ވިދާޅުވި އެވެ.

ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލާގައި ގިނަ ކަންބޮޑުވުންތަކެއް ހުރި އިރު ގޮފިތައް އެކުލަވާލުމުގެ މައްސަލާގައި މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން މަކުނޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ދެއްކެވި ވާހަކަފުޅު ހަނދާނަށް ގެންނަން ޖެހެ އެވެ.

އެކަމަނާ ވިދާޅުވެފައި ވަނީ "ފަނޑިޔާރުން ވެސް ހަގީގަތުގައި އެ ބޭފުޅުންނަށް އެބޭފުޅުންގެ ވަޒީފާގެ ބިރުއޮންނަކަން ފާހަގަކުރެވޭ" ކަމަށެވެ.

ގޮފިތައް އެކުލަވާލައި ގޮފިތަކަށް ފަނޑިޔާރުން އައްޔަން ކުރެއްވީ ފަނޑިޔާރުންގެ ހިޔާލު ހޯދުމެއް ނެތި ކަމަށް އަނާރާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮންމެ މީހަކަށް ވެސް ވަޒީފާ އަދާކުރެވޭނީ އެމީހަކު ހިތްހަމަ ޖެހޭ މާހައުލެއްގައި ކަމުން އެފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު: ފޮޓޯ/ މަޖިލިސް

"ހައިކޯޓުގެ ގޮފިތައް ގާއިމް ކުރެވި، ވަޒީފާގެ ފުރުސަތުގައި ހަމައުޅެމުންދާ ފަނޑިޔާރުން ހަމަ އެބޭފުޅުންގެ ހިޔާލެއް އެހުމެއް ނެތި އެހެނިހެން ކޯޓުތަކަށް ބަދަލުކުރެވިފައި އެބަހުރި. މިއީ ވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް. ހަގީގަތުގައި ކޮންމެ މީހަކަށް ވެސް އެއީ ފަނޑިޔާރެއް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނަމަވެސް އަދި ސަރުކާރުގެ މުވައްޒަފެއް ނަމަވެސް ވަޒީފާ އަދާކުރެވޭނީ އެބޭފުޅުންނަށް ވެސް ހިތްހަމަޖެހޭ މާހައުލެއްގައި،" އަނާރާ ނައީމް ވިދާޅުވެފައިވެ އެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުން އުތުރާއި ދެކުނުގައި ގޮފިތައް ގާއިމް ނުކުރި ނަމަވެސް ހަރަދުކުޑަކޮށް އެކަން ހައްލުކުރެވޭނެ އެހެން ގޮތް އެބަހުއްޓެވެ. އެގޮތުން އެކި ކަންކޮޅުތަކަށް ދަތުރުކޮށް މައްސަލަތައް ބަލާނެ ބެންޗެއް އެކުލަވާލުމަކީ ހަރަދު ކުޑަވެފައި ފަނޑިޔާރުންނަށް ވެސް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ވަކީލަކު ނަން ހާމަނުކުރުމަށް އެދި ވިދާޅުވި އެވެ.

މިހާރަށްވުރެ ފަސޭހަވާނެ ގޮތަކަށް ހައިކޯޓު ގޮފިތަކުގެ ކަންކަން ހަމަޖެއްސުމުގައި ވިސްނަންޖެހެ އެވެ. ހަރަދު ކުޑަވެފައި މައްސަލަތައް އަވަސް ކުރެވޭނެ ގޮތްތަކެއްވެސް ކަނޑައަޅަން ޖެހެ އެވެ. އެކަމަކު އެކަން ވެސް ކުރަންޖެހޭނީ ހަމަޖެހޭ އަދި ދައުލަތާއި ރައްޔިތުންނަށް ވެސް ފަސޭހަވާނެ އުސޫލަކުންނެވެ. ރައްޔިތުން ބޭނުންވަނީ އަދުލު އިންސާފުގެ ދާއިރާ އެއްދުވަހުން އަނެއް ދުވަހަށް ހަރުދަނާވެ ހިދުމަތް ލިބުން ފަސޭހަވެގެން ދިއުމެވެ.