31 May 2016, 16:39
މޯލްޑިވް ގޭސް އިން ވިއްކަމުން އަންނަ 10 ކިލޯގެ ކައްކާ ގޭސް ފުޅިއެއްގެ އަގު ރޯދަމަހާ ދިމާކޮށް 10 ރުފިޔާ ހެޔޮކޮށް ފުޅިއެއް 200 ރުފިޔާ އަށް އަގުހެޔޮކޮށްފި އެވެ.
މީގެކުރިން މޯލްޑިވް ގޭސް އިން ގޭސް ފުޅިއެއް ވިއްކަމުން އައީ 210 ރުފިޔާ އަށެވެ. ނަމަވެސް މިހާރު ގޭސް ފުޅިއެއް ވިއްކަނީ 200 ރުފިޔާ އަށެވެ.
އެ ކުންފުނިން ވިއްކަމުން އައި ގޭހުގެ އަގު އެންމެ ފަހުން ހެޔޮކޮށްފައި ވަނީ މި އަހަރު އޭޕްރީލް މަހުގެ އެއްވަނަ ދުވަހު އެވެ. އެގޮތުން އެފަހަރު 225 ރުފިޔާއަށް ހުރި ގޭސްފުޅިއެއްގެ އަގު ވަނީ 210 ރުފިޔާ އަށް ތިރިކޮށްފަ އެވެ.
މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު) މިއަދު ސަން އަށް ވިދާޅުވީ "މޯލްޑިވް ގޭހުގެ އަގަށް މި ބަދަލު ގެނެސްފައި ވަނީ ރޯދަމަހު ގޭހުގެ ޑިމާންޑް މަތިވުމުން،" ކަމަށެވެ.
މާނު ވިދާޅުވީ އަގަށް ގެނައި ބަދަލާ އެކު ރަށްރަށުގައި ގޭސް ސަޕްލައިކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން އަގުތައް ހެޔޮކުރާނެ ކަމަށެވެ.