31 May 2016, 18:38
ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ވ. ފުލިދޫ ތައްޔާރުވަމުން އަންނަ އިރު، އެ ރަށުގައި ހުރި ކުނި އިއްޔެ އެ ރަށުން ބޭރުކޮށްފި އެވެ.
ފުލިދޫ ކައުންސިލުގެ ރައީސް މޫސާ ފާއިޒު މިއަދު ސަން އަށް ވިދާޅުވީ އިއްޔެ އެ ރަށުން 100 ފޫޓުގެ ބޮޑު ދޯންޏެއް ފުރާ ކުނި ތިލަފުށްޓަށް ގެންގޮސްފައިވާ ކަމަށެވެ.
ފާއިޒު ވިދާޅުވީ އެ ރަށުން ކުނި ބޭރުކުރުމަކީ ކޮންމެ ހަ މަހަކުން ހަ މަހުން ކުރަމުން އަންނަ ކަމަށާއި، ނަމަވެސް މިހާރު އެ ރަށުން ކުނި ބޭރު ނުކުރާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
ފުލިދޫ އިން ކުނި ބޭރު ކުރުން -- ފޮޓޯ: ކައުންސިލް
އެހެންކަމުން ތިމާވެށީގެ ދުވަހަށް ތައްޔާރުވުމުގެ ގޮތުން، ފުރަތަމަ ކުރިއަށް ގެންދިޔައީ އެރަށުން ކުނި ބޭރު ކުރުން ކަމަށާއި އެ ދުވަހާ ގުޅުވައިގެން އަދިވެސް ތަފާތު ހަރަކާތްތަކެއް ރާވާފައިވާ ކަމަށް ފާއިޒު ވިދާޅުވި އެވެ.
އޭގެ ތެރޭގައި ފަޅުތެރެ ސާފު ކުރުމާއި މަގުމައްޗަށް ވާގޮތަށް ހުރި ގަސްތައް ކޮށައި މަގުތައް އަލި ކުރުމާއި ކުންޏާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް ފާއިޒު ވިދާޅުވި އެވެ.
ފުލިދޫ އިން ކުނި ބޭރު ކުރުން -- ފޮޓޯ: ކައުންސިލް
އެ ބައްދަލުވުމުގައި ކުންޏާ ބެހޭ ގޮތުން ރަށު ފެންވަރުގައި މައުލޫމާތު ދިނުމާއި، ކުނީގެ މައްސަލަތައް ދެނެގަނެ އެ މައްސަލަތަކަށް ހައްލު ހޯދުމާއި، ކުނީގެ އެކި އެކި ގާނޫނާއި ގަވާއިދުތަކައް ހޭލުންތެރިކުރުވުމުގެ އިތުރުން އިގުރާރެއްގައި ސޮއި ކުރުން ހިމެނެ އެވެ.