31 May 2016, 16:43
މިފްކޯއިން ފެލިވަރުގައި ހިންގާ، މަސް ދަޅު ބަންދުކުރާ ފެކްޓަރީއިން، މަސް ބަންދުކުރާ މިންވަރު އިތުރުކޮށް، އެތަން އަޕްގްރޭޑު ކުރުމުގެ ސަބަބުން މަސްވެރިންނަށް އެކަމުގެ ފައިދާ ކުރާނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.
މިފްކޯގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ އަހްމަދު އިއްޔެ ވިދާޅުވީ، ދަޅުގައި މަސް ބަންދުކޮށްގެން އެތަކެތި ވިއްކުމަކީ، ފްރޯޒެން މަހުގެ ގޮތުގައި މަސް ވިއްކުމަށް ވުރެ އާމްދަނީ އިތުރުވާ ކަމެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އަބްދުﷲ ފާހަގަކުރެވީ، ދަޅުގައި މަސް ބަންދުކުރުމަކީ، ޕްރޮޑަކްޓަށް އިތުރު ވެލިއުއެއް އެޑް ވުމެވެ.
"ކުރިން މަސް ބޭރު ކުރަނީ ފްރޯޒެން މަހުގެ ގޮތުގައި. ދަޅަށް އަޅައިގެން ބޭރުކުރީމާ، ލިބޭ މަންފާ އެއަށް ވުރެ އިތުރުވުމުގެ ފުރުސަތު ތަނަވަސްވޭ،" އޭނާ ވިދާޅުވި އެވެ.
އަދި އެކަމުގެ ސަބަބުން މަސްވެރިންނަށް ވެސް އޭގެ ނަފާ ލިބޭނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
މީގެ ކުރިން ފެލިވަރު ފިޝް ކޭނަރީގެ ކެޕޭސިޓީއަކީ 10 ޓަނެވެ. ނަމަވެސް މިހާރު އެތަން އަޕްގްރޭޑްކޮށް ނިމިފައިވާ އިރު، މިހާރު އެތަނުގެ ކެޕޭސިޓީ ފަސް ގުނަ އިތުރުކޮށް، 50 ޓަނަށް އަގްޕްރޭޑް ކުރެވިފައި ވެ އެވެ.
މިފްކޯއިން އިއްޔެ ވަނީ، މަސްވެރިންގެ އަތުން އެކުންފުންޏަށް މަސް ގަންނަ އަގު ބޮޑުކޮށްފަ އެވެ. އެގޮތުން، 1،500 ކިލޯ އަށް ވުރެ އިތުރަށް ކިރުވާ ކޮންމެ ކިލޯއެއް މިފްކޯ އަށް ގަންނާނީ ކިލޯއެއް 21.50 ރުފިޔާގެ މަގުންނެވެ. ނަމަވެސް އަދިވެސް 1،500 ކިލޯ އަށް ވުރެ މަދުން ކިރުވާނަމަ އަގަކީ ކިލޯއެއް 19 ރުފިޔާ އެވެ. މި އަގުގައި މިފްކޯއިން ގަންނަނީ، 1.5 ކިލޯއަށް ވުރެ ބޮޑު، އަދި އައިސް އަޅާފައިވާ މަހެވެ.
މިފްކޯއިން މި ބަދަލު ގެނައީ، ދާދި ފަހުން މޫސުން ގޯސްވެ، މަސްވެރިން މަހަށް ނުކުންނަ މިންވަރު ދަށްވުމުގެ ސަބަބުން، މިފްކޯގެ ޑިމާންޑާ ބައްދަލުވާ ވަރަށް މަސް ނުލިބޭތީ އެވެ. އެގޮތުން، ފެލިވަރު ފިޝް ކޭނަރީއަށް ބޭނުންވާ ވަރަށް މަސް ނުލިބޭ ކަމަށް ވެސް މިފްކޯއިން ބުނެ އެވެ.
މިފްކޯގެ ޑެޕިއުޓީ ސީއީއޯ ވިދާޅުވީ އެތަނުގެ ޕްރޮސެސިންގް ގާބިލިއްޔަތު އިތުރުވުމުން އެތަނުގެ ޚަރަދު ވެސް އިތުރުވާ ފަދައިން، ބޭނުންވާ ވަރަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލުންވެސް ބޮޑުވާނެ ކަމަށެވެ.
"ޕްރޮސެސިންގ އިތުރުވީމަ، އޭރު ހިނގާ ޚަރަދަށް ވުރެ މިހާރު ހިނގާ ޚަރަދު ފަސް ގުނަ އިތުރުވާނެ. އެ އަދަދަށް މަސް ނުލިބެންޏާ ޚަރަދު ވެސް ބޮޑުވާނެ، ވާ ގެއްލުންވެސް ބޮޑުވާނެ. އެ ގެއްލުން ކުޑަކުރުމަށް އަޅުގަނޑުމެން އިތުރަށް މަސައްކަތް ކުރަންޖެހޭ."