31 May 2016, 16:30
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުއްޓައި ހ. ހަންޑްރެޑް ފްލާވާސް ހުސައިން ރަޒީން (ރަބަރޭ) މަރާލުމަށް ޚަރަދުކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދަށް އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފި އެވެ.
ސަން އަށް އެނގިފައިވާގޮތުގައި އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ރ. ކަނދޮޅުދޫ، ފީރޯޒުގޭ އިބްރާހީމް އަބްދުއްރަހުމާނެވެ.
އޭނާގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
އެމީހާގެ ފޯނަށް ރަބަރޭ މަރާލުމަށްފަހު ވޭން ތެރޭގައި ނަގާފައިވާ ފޮޓޯތައް ވަގުތުން ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ޖެހިގެން އައި ދުވަހު ހެނދު ފޮޓޯ އަލުން ފޮނުވުމުން، ކުޑައިރުކޮޅެއްގެ ތެރޭގައި ރަބަރޭ މަރާލިކަމުގެ ތުހުމަތުގައި ސްރީލަންކާގައި ހައްޔަރުކޮށްފައިވާ ފިރިހެން މީހާގެ ބޭންކް އެކައުންޓަށް މާލެއިން އޭނާ ފައިސާ ޓްރާންސްފާ ކޮށްފައިވާކަން ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
"އެމައްސަލާގައި މިހާތަނަށް ސްރީލަންކާގެ ފުލުހުން ވެސް މީގެ ކުރިން ގިނަ މަޢުލޫމާތުތަކެއް ހާމަކޮށްފައިވާ ކަމަށާއި މައްސަލަ ތަޙްގީގު ކުރުމުގައި ދިވެހި ފުލުހުންގެ ފުރިހަމަ އެހީތެރިކަން ސްރީލަންކާގެ ފުލުހުންނަށް ދަނީ ދެމުން،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރަބަރޭގެ މަރާގުޅިގެން މީގެކުރިން ސްރީލަންކާ ފުލުހުން ވެސް ވަނީ ގިނަ މައުލޫމާތުތަކެއް އާންމުކޮށްފަ އެވެ. އެގޮތުން ރަބަރޭގެ މަރާގުޅިގެން ލަންކާ އިން ހައްޔަރުކުރި ބިލާލުއާ އިތުރަށް ސުވާލުކުރުމުން އެނގުނު ގޮތުގައި، އެ ވިޔަފާރިވެރިޔާ ރަބަރޭ މަރާލަން ބޭނުންވީ، އޭނާ އެވިޔަފާރިވެރިޔާގެ ކޮއްކޮ އަކު މަރާލާފައިވާ ކަމުގެ ތުހުމަތުގަ އެވެ. އަދި ރަބަރޭ މަރާލަން އެންމެ ފުރަތަމަ މަސައްކަތްކުރީ ވިޔަފާރިވެރިޔާ އަމިއްލަ އަށް ކަމަށާއި އެކަން ކާމިޔާބު ނުވުމުން ފައިސާދީގެން އެކަންކުރާން އޭނާ ނިންމީ ކަމަށް ލަންކާ ފުލުހުން ބުނެފައިވެ އެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ، އެ ގައުމުގެ އޮންލައިން ނޫހެއް ކަމަށްވާ 'ސަންޑޭޓައިމްސް'ގައި ބުނެފައި ވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު ފަސް ވަނަ ދުވަހު ޕިލިއަންދަލާގެ ތަމްބޯވިލާ ބްރިޖް ކައިރީގައިވާ ދަނޑެއްގެ ތެރެއަށް މަރާލުމަށް ފަހު އެއްލާލާފައި އޮއްވައި ފެނުނު ރަބަރޭ މަރާގުޅިގެން ހައްޔަރުކޮށްފައިވާ އޭނާގެ ގާތް ރަހްމަތްތެރިއެއް ކަމަށްވާ ބިލާލް ނަމަކަށް ކިޔާ ދިވެއްސެއްގެ ފަރާތުން އެގުނު ގޮތުގައި، ރަބަރޭ މަރާލުމަށް ދިވެހި ވިޔަފާރިވެރިއަކު އޭނާ އަށް 14 މިލިއަން ރުޕީސް ވަނީ ހުށަހަޅާފައި ކަމަށެވެ.