15 May 2011, 09:12
ތެހެރާން : ގަލްފާއި ޢަރަބި ކަނޑުގެ އިތުރުން ދުނިޔޭގެ މާކަނޑުތަކުގައި ދަތުރުކުރާ ކަނޑުގެ ސިފައިންގެ ފްލީޓްތަކެއް ބިނާކުރުމުގެ މެގަ ޕްލޭނެއް ތައްޔާރުކުރަމުން ގެންދާކަން އީރާނުން ހާމަކޮށްފިއެވެ.
އީރާނުގެ ދިފާޢީ ވަޒީރު އަޙްމަދު ވަހީދީ އާ ޙަވާލާދީ އެޤައުމުގެ ފާރިސް ނޫސްއެޖެންސީ ބުނިގޮތުގައި ދުނިޔޭގެ މާކަނޑުތަކުގައި ދަތުރުކުރާ ކަނޑުގެ ފްލީޓްތަކެއް ބިނާކުރުމުގެ ބިޔަ ދެމަޝްރޫޢު ރާވައި އޭގެ ތެރެއިން ބައެއްބައިތައް ތަންފީޒުކުރުމުގެ މަސައްކަތް މިހާރުވެސް އީރާން ފަށާފައިވާ ކަމުގައެވެ.
މީގެތެރެއިން އެއްމަޝްރޫޢަކީ ކޮންމެ މޫސުމެއްގައިވެސް ދުނިޔޭގެ މާކަނޑުތަކުގައި ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ ޢަސްކަރީ ބިޔަ މަނަވަރުތަކެއް ބިނާކުރުމުގެ މަޝްރޫޢު ކަމަށާއި އަނެއް މަޝްރޫޢަކީ މިބިޔަ މަނަވަރުތަކުގެ ފަހަތުގައި އެއަށް ބޭނުންވާ ޢަސްކަރީ އެހީތެރިކަމާއި ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދޭނެ އާދައިގެ މަނަވަރުތައް ބިނާކުރުމުގެ މަޝްރޫޢެއް ކަމަށްވެސް ވަޙީދީ ވިދާޅުވިއެވެ.
މާކަނޑުތަކުގައި ދަތުރުކުރުމުގެ ޤާބިލްކަން ލިބިގެންވާ ބިޔަ މަނަވަރުތަކަކީ ހެލިކޮޕްޓަރާއި ޢަސްކަރީ ޖެޓް ޖެއްސުމުގެ ޤާބިލްކަންލިބިފައިވާފަދަ މަނަވަރުތަކެއް ކަމަށާ މިމަސައްކަތް މިހާރުވެސް އީރާނުގެ ހަތިޔާރުގެ އިންޑަސްޓްރީން ފަށާފައިވާކަން ވަޙީދީ ހާމަކުރެއްވިއެވެ.
އީރާނުންވަނީ ޢަސްކަރީ ދެ ސަބްމެރިންވެސް އުުފައްދައި ދާދިފަހުން ޚިދްމަތަށް ނެރެފައެވެ. އަދި ޢަސްކަރީ ޑިސްޓްރޯޔަރފަދަ ކުދިމަނަވަރުތަކާއި ޢަސްކަރީ ހެލިކޮޕްޓަރާއި ފައިޓަރ ޖެޓް އީރާނުން މިހާރުވެސް އުފައްދައެެވެ.
މީގެއިތުރުން އިލެކްޓޯނިކް ހަނގުރާމައަށް ބޭނުންވާ އިލެކްޓޯނިކް ނެޓްވާކްތަކާއި ސްމާޓް ޓެކްނޮލޮޖީގެ ޢަސްކަރީ އާލާތްތަކާއި ބިމުން ބިމަށް ކަނޑުން ކަނޑަށް އަދި ކަނޑުން އެއްގަމަށް ފޮނުވާ ބާވަތުގެ މިސައިލާއި ރޮކެޓްގެ މުޅިން އާ ނިޒާމްތަކެއް ބިނާކުރުމުގެ މަޝްރޫޢެއްވެސް އީރާނުން ތަންފީޒުކުރަމުން ގެންދާކަން އެޤައުމުގެ ދިފާޢީ ވަޒީރު ހާމަކުރެއްވިއެވެ. (އަލްޖަޒީރާ)