އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށްގެން އިމާރާތް ކުރާ ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަންގެ ބިންގާ މިއަދު އަޅައިފި އެވެ.

އެ ރަށުގައި އޮތް ރަސްމިއްޔާތެއްގައި އެ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފު އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.

މިއަދު ބިންގާ އެޅި ޕޮލިސް ސްޓޭޝަންގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން އިން އެއްބަސްވެފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގަ އެވެ.

ހޯރަފުށި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ މެއި 24 ވަނަ ދުވަހު އެވެ.

ހޯރަފުށީގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކީ ޑިވިޜަން ލެވަލްގައި ގާއިމު ކުރާ ސްޓޭޝަނެއް ކަމަށާއި އެ ސްޓޭޝަން އިމާރާތް ކުރެވޭނީ ޒަމާނީ ފެންވަރަކަށް ޒަމާނީ ވަސީލަތްތަކާ އެކު ކަމުގައި ކަމަށް ސީޕީ އަރީފް ވަނީ ކުރިން ވިދާޅުވެފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގައި ދެ ބުރީގެ އޮފީސް އިމާރާތަކާއި ތިން ބުރީގެ އެކަމަޑޭޝަން އިމާރާތެއްގެ އިތުރުން ގޮޅިބަރިއަކާއި ވެހިކަލް ޕާކްކުރާނެ ޝެޑެއް ހިމެނެ އެވެ.

ހޯރަފުށި ޕޮލިސް ސްޓޭޝަންގައި ހިމެނޭ އެކަމަޑޭޝަން އިމާރާތުގައި އެކަމަޑޭޝަންގެ އިތުރުން ބަދިގެއަކާއި މެސްރޫމާއި ސްޓޯރޭޖް ރޫމަކާއި ލޯންޑްރީ ރޫމަކާއި ރެކްރިއޭޝަން ރޫމަކާއި ނަމާދުކުރާނެ ކޮޓަރިއެއް ހުންނާނެ އެވެ. އަދި އޮފީސް އިމާރާތުގައި އެޑްމިނިސްޓްރޭޝަނާއި އިންވިއު ރޫމްތަކާއި ރިސެޕްޝަނާއި މީޓިންގް ރޫމަކާއި ކުލާސް ރޫމަކާއި އިންޗާޖް އޮފީހަކާއި އޮޕަރޭޝަން ރޫމެއް ވެސް ހިމެނެ އެވެ.