31 May 2016, 16:42
މިއަހަރު ރޯދަމަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގިނަ ވަގުތުތަކެއްގައި ހިދުމަތް ދިނުމަށް އެ ބޭންކުން ނިންމައިފި އެވެ.
އެކަން ހާމަކޮށް ބީއެމްއެލް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ރޯދަމަހުގެ ދުވަސްތައް ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 3:30 އަށް މެއިން ބްރާންޗް ހުޅުވާނެ ކަމަށާއި އެހެން ބްރާންޗްތައް ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 1:00 އަށް ހުޅުވާނެ ކަމަށެވެ.
އެ ބަޔާނުގައި ބީއެމްއެލް އިން ބުނީ ސެލްފް ސާވިސް އޭޓީއެމްތަކާއި ކޯލް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ބޭންކުން ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޕޮސިޓް ކުރުމާއި، ފައިސާނެގުމާއި، ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑި އިރު ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް ވެސް ރޯދަމަހު ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ހެޑް އޮފް ކަސްޓަމާ ސާވިސް މޫސާ ނިމާލް ވިދާޅުވީ އެގޮތަށް ވަގުތުތައް ކަނޑައެޅީ އެ ކުންފުނިން ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންފަރު ރަނގަޅު ކޮށް ރޯދަމަހު ހިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ ރޯދަމަހު މަހު މެއިން ބްރާންޗުން ފަސް ގަޑި އިރު ހިދުމަތްލިބޭނެ ކަމަށާއި އެއީ އެހެން މަސްމަހު ހިދުމަތް ދޭ ވަގުތުތަކަށްވުރެ އެންމެ ބައި ގަޑިއިރު މަދު އަދަދެއް ކަމަށެވެ.
"ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާނެތީ އަޅުގަނޑު އެ މުވައްޒަފުންނަށް ޝުކުރު އަދާކުރަން،" ނިމާލް ވިދާޅުވި އެވެ.