ގައުމުގެ ކުރިމަގަށް، ފެންވަރު ރަނގަޅު ތައުލީމުގެ މުހިންމުކަމާ ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބުރާހީމް މެލޭޝިޔާގައި ތަގުރީރު ކުރައްވައިފި އެވެ.

މިއަދު ފެށި "ޕަމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓްމޯރޯ" ގައި ތަގުރީރު ކުރައްވަމުން މެޑަމް ފާތުން ވަނީ ގައުމުގެ ކުރިމަގަށްޓަކައި ފެންވަރު ރަނގަޅު ތައުލީމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ރާއްޖޭގެ ތައުލީމީ ދާއިރާ ބައްޓަންކުރެވިފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވައިފަ އެވެ. އެގޮތުން ހާއްސަކޮށް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވައިލެއްވި އެވެ.

މެޑަމް ވަނީ އުޖާލާ މުސްތަގުބަލަކަށްޓަކައި ހަރުދަނާ ދަރިފަސްކޮޅެއްގެ މުހިންމުކަން ފާހަގަ ކުރައްވަމުން، އަމަން އަމާންކަމާއި ފާގަތިކަން ހާސިލުކުރުމަށް ގައުމީ ފެންވަރުގަ އާއި، ދުނިޔޭގެ ފެންވަރުގައި އަދުގެ ކުޑަކުދިން އަދާކުރާ ދައުރު ފާހަގަ ކުރައްވައިފަ އެވެ. އަދި އެކުދިންނަށް ލޯތްބާއި ރައްކާތެރިކަން ދީ، ރަނގަޅު ތައުލީމެއް ހޯދައިދީ، އެކުދިންނަކީ ގައުމުދެކެ ލޯބިވާ ހަރުދަނާ ބަޔަކަށް ހެދުމަށް ހުރިހާ ބައިވެރިންނަށް އެކަމަނާ ގޮވައިލެއްވި އެވެ.

"ޕަރމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓްމޯރޯ" އަކީ، ކުޑަކުދިންގެ ތަރައްގީ އާއި ކުރިއެރުމަށް އަމާޒުކޮށްގެން، އެކި ދާއިރާތަކުން، އެކި ގައުމުތަކުގެ މާހިރުން އެއްތަންވެ ހިޔާލުފާޅުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. އެގޮތުން، މިއަދުގެ ދުނިޔޭގައި ކުޑަކުދިންނަށް ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތަކާއި، ގައުމު އާރާސްތުކުރުމުގައި ކުޑަކުދިންގެ ދައުރާއި، ކުޑަކުދިންގެ ތައުލީމަށާއި ކުރިއެރުމަށް ޕަރމާޓާއިން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ.