31 May 2016, 14:00
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބޮޑު ޚިޔާނާތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ސުވާލުކޮށް ބަޔާނެއް ނަގައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ރައީސް ޔާމީނާ ސުވާލުކޮށް ބަޔާނެއް ނަގާފައި ވަނީ މީގެ މަސްދުވަސް ކުރިން ކަމަށެވެ.
އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ސުވާލުކުރަން ޖެހުނު ކޮންމެ ފަރާތަކާ ސުވާލު ކުރަން އެ ކޮމިޝަނުން ފަސްނުޖެހޭނެ ކަމަށެވެ.
"މިހާތަނަށް އަޅުގަނޑުމެންވާނީ މި މައްސަލާގައި ބައެއް މަޖިލިސް މެމްބަރުންނާ ސުވާލުކޮށް، ދައުލަތުގެ ބައެއް ވަޒީރުންނާ ސުވާލުކޮށް އަދި އާންމު ފަރާތްތަކަކާ ވެސް ސުވާލުކޮށްފަ،" މުއައްވިޒު ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުގައިވާގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތް 1.22 ބިލިއަން ރުފިޔާއަށް އަރައެވެ.
އެ މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާ ވެސް އޭސީސީން ވަނީ ސުވާލުކޮށް ބަޔާނެއް ނަގާފަ އެވެ.
މުއައްވިޒު ވިދާޅޔުވީ ތަހުގީގު ނިމޭނެ ދުވަހެއް އަދި ދަންނަވަން ދަތި ކަމަށާއި ކޮމިޝަނުން މަސައްކަތް ކުރަނީ ވީއެންމެ އަވަހަކަށް ތަހުގީގު ފުރިހަމަ ކުރެވޭތޯ ކަމަށެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ކުރިން ވިދާޅުވެފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެމްއެމްޕީއާރްސީން ރަށްތަކާއި ފަޅުތައް ދޫކުރި މައްސަލައިގެ ތަހުގީގު ވަނީ ނިމިފައި ކަމަށެވެ. މިހާރު ކުރިއަށްދަނީ އެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާއަށްވީގޮތް ކަމަށާއި މުޅި މައްސަލައިގެ ތަހުގީގު ނިމުމުން ނޫނީ ޕީޖީ އޮފީހަށް މައްސަލަ ނުފޮނުވާނެ ކަމަށް ލުތުފީ ވަނީ ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ފުލުހުން ކުރި ތަހުގީގު ތަކުގެ މައްޗަށް ބިނާކޮށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.