ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބު ބިން ތުން ހާޖީ އަބްދުލްރައްޒާގާ މަޝްވަރާކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުކުރެއްވުމުގައި ދެ ގައުމަށް މުހިންމު އެކިއެކި ކަންކަމާ ބެހޭ ގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި މެލޭޝިޔާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައީސް ޔާމީނުގެ ދެކަނބަލުން، "ޕަމާޓާ އިންޓަނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ"ގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިޔާ އަށް ރައީސް ވަޑައިގަތްކަމުން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މެލޭޝިޔާ އަށް ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ސަފީރު މުޙަންމަދު ފަހުމީ ހަަސަނާއި މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ޑެޕިޔުޓީ ހައިކޮމިޝަނަރު އާނިޔާ އަބްދުލްގަފޫރު ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ޔާމީނުގެ ދެކަނބަލުން މެލޭޝިއާ އަށް ފުރާވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.