31 May 2016, 13:10
މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު ހައިކޯޓުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ހައިކޯޓުން އިބްރާހިމް ރަޝީދު ދޫކޮށްލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މުއްދަތުޖަހަން ހާޒިރު ކުރުމުންނެވެ. އެމައްސަލަ ސުޕްރީމް ކޯޓުގައި އިއްޔެ އިސްތިއުނާފުކޮށްފައިވާކަން ޕީޖީގެ އޮފިޝަލަކު ވަނީ 'ސަން' އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އުމުރުން 38 އަހަރުގެ އިބްރާހީމް ރަޝީދު ހައްޔަރުކޮށްފައި ވަނީ ތިނަދޫ ޕޮލިސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ހައްޔަރު ކުރި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
އިބްރާހީމް ރަޝީދު ހައްޔަރުކޮށް އޭނާގެ ހަށިގަނޑާއި އޭނާ ހުރި ސަރަހައްދު ބަލައި ފާސްކުރި އިރު އޭނާ ހުރި ދިމާ ބިންމަތިން، މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން ޖޭއެސްސީ އިން ވަނީ އިބްރާހިމް ރަޝީދު ސަސްޕެންޑް ކޮށްފަ އެވެ. އިއްޔެ ބޭއްވި ޖެ އެސްސީގެ ބައްދަލު ވުމުގައި އެގޮތަށް ނިންމި ސަބަބެއް ކަމަށް ޖޭއެސްސީ އިން ބުނީ އިބްރާހީމް ރަޝީދު ސަސްޕެންޑު ކުރީ އޭނާއާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރާތީ، އެ ކޮމިޝަންގެ ހިންގާ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ސަސްޕެންޑްކުރީ ކަމަށެވެ.