31 May 2016, 12:44
ނ. ވެލިދޫގައި ފެނަކައިގެ ރީޖަނަލް ސެންޓަރެއް އަޅަން ސާއްބަ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ރީޖަނަލް ސެންޓަރު އެޅުމަށް އިއްޔެ ސާއްބަ ކުންފުންޏާ އެކު އެއްބަސްވެފައި ވަނީ 89 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އެ މަސައްކަތުގެ އަގަކީ 1,914,045.39 ރުފިޔާ އެވެ.
ފެނަކައިގެ މެނޭޖިންގް ޑައިރެކްޓަރު އަހުމަދު ނިމާލު މިއަދު ސަން އަށް ވިދާޅުވީ، ވެލިދޫގައި ރީޖަނަލް ސެންޓަރެއް އަޅަން ނިންމީ، ވެލިދޫ އިންޖީނު ގޭގެ އިމާރާތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައި ވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.
ރީޖަނަލް ސެންޓަރުތަކަކީ އެ އަތޮޅެއްގެ ކޮންމެ ރަށެއްގައި ގާއިމުކޮށްފައި ހުންނަ ފެނަކައިގެ އިންޖީނުގެތަކުގެ މަސައްކަތްތައް މޮނިޓާ ކުުރުމަށް ގާއިމުކޮށްފައިވާ ސެންޓަރުތަކަކެވެ. އެ އަތޮޅެއްގައި ކުރިއަށްދާ ފެނަކައިގެ މަސައްކަތްތަކާއި ގުޅުން ހުރި މުހިންމު ލިޔެކިޔުންތައް ރައްކޭ ކުރެވިފައި ހުންނާނީ ރީޖަނަލް ސެންޓަރުތަކުގަ އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ރީޖަނަލް ސެންޓަރު ގާއިމު ކޮށްފައި ވާނެ ކަމަށް ފެނަކަ އިން މައުލޫމާތު ދެ އެވެ.