31 May 2016, 12:43
ހުޅުމާލޭ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގައި ތިބޭ ކުދިން ބެލެހެއްޓުމަށް 18 މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ 18 މީހުން ހޯދަނީ ދައުލަތުން ކަނޑައަޅާ ގޮތަކަށް، ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދީ އެކުދިން ބެލެހެއްޓުމަށް ކަމަށެވެ. އެއާއެކު ކުދިންގެ ބެލެނިވެރިން ކުދިންނަށް ކޮށްދޭ ކަންތައްތައް އެކުދިންނަށް ކޮށްދިނުން ވެސް ޝަރުތުކޮށްފައިވެއެވެ.
އެވަޒީފާއަށް ހޮވޭ ފަރާތްތަކަށް މަހަކު 4100 ރުފިޔާއެއްގެ މުސާރައާއެކު އިތުރުގަޑީގެ އެލެވަންސް ލިބޭނެއެވެ.
އެމަގާމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެއެވެ.
ހުޅުމާލޭ ކުޑަކުދިންގެ ހިޔާގެ ބާރަ ކޮޓަރީގެ އިމާރާތުގައި ހުރިހާ ހިދުމަތެއްވެސް ދިނުމަށް ހަމެޖެހިފައި ވަނީ ދެ ޖިންސުގެ ކުދިންނަށް ވަކިންނެވެ. ހުޅުމާލޭގައި އިމާރާތްކުރި ކުޑަކުދިންގެ ހިޔާ އަކީ 129 ކުދިންގެ ޖާގައިގެ ތަނެކެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ހުޅުމާލޭ ކުޑަކުދިންގެ ހިޔާއަށް 50 ށް ވުރެ ގިނަ ކުދިން ބަދަލު ކުރެވިގެންދާނެ ކަމަށާއި، ސްކޫލަށް ދިއުމާއި އެކުދިންނަށް ބޭނުންވާނޭ އެހެނިހެން ޚިދުމަތްތައްވެސް އެއްވެސް ދަތިކަމެއް ނެތި ފޯރުކޮށްދޭނޭ ކަމަށެވެ.