މުމްބާއޯ (މޭ 31): ވަޒަން ރައްކާކުރާ އިންޑިއާގެ އެންމެ ބޮޑު ގުދަނުގައި ރޯވެ، 15 ސިފައިންނާއި އަސްކަރިއްޔާގެ ދެ އޮފިޝަލުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ސިފައިންގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނަގްޕޫރުގައި ހުންނަ ގުދަނުގައި އިއްޔެ ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ އިރު އެ ހާދިސާގައި 17 މީހަކު މަރުވުމުގެ އިތުރުން 19 މީހަކަށް އަނިޔާވި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ގުދަނުގައި އަލިފާން ރޯވެ ގުދަނުގައި ހުރި ބައެއް އެއްޗެހި ގޮވުމުގެ ސަބަބުން އެސަރަހައްދުގައި ތިބި ގިނަ އަދަދެއްގެ މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ އިރު އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށް އޮފިސަރުން ވިދާޅުވި އެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އިންޑިއާގައި ވަނީ އެފަދަ ހާދިސާތައް އިތުރުވެފަ އެވެ. ދެހާސް ހަތް ވަނަ އަހަރު އެގައުމުގެ ވަޒަން ރައްކާ ކުރާ ގުދަނެއްގައި ރޯވުމުގެ ސަބަބުން 25 މީހަކަށް އަނިޔާވި އެވެ. (ބީބީސީ)