ދިވެހި ރާއްޖެއާ މެދު ކޮމަންވެލްތުން ފިޔަވަޅު ނާޅާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮމަންވެލްތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ އެޖެންޑާގައި ރާއްޖެ ހިމަނަން ސީމެގުން މަސައްކަތް ކުރި ނަމަވެސް ކޮމަންވެލްތުން ރާއްޖެއާ މެދު ފިޔަވަޅު އަޅަން އެއްބާރުލުން ނުދޭ ކަމަށެވެ.

"ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ރާއްޖޭގެ މައްސަލަ އެޖެންޑާގައި ހިމެނޭ ކަމަށް ބުނި ނަމަވެސް، ކޮމަންވެލްތުން އެކަމަށް އެއްޗެއް ބުނަން ދެކޮޅު ހަދާ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު ވިދާޅުވީ، ރާއްޖެ އިސްލާހު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގައި ކޮމަންވެލްތު ފެއިލްވެފައިވާ ކަމަށާއި ރާއްޖޭގެ މައްސަލައިގައި ކޮމަންވެލްތުން ނިންމަނީ ތަސައްރަފު ނުފުދޭ ނިންމުންތަކެއް ކަމަށެވެ.

ކޮމަންވެލްތާ މެދު ނަޝީދު ކަނބޮޑުވުން ފާޅުކުރައްވާފައި މިވަނީ، ސީމެގް އެޖެންޑާގައި ރާއްޖެ ހިމެނުމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ކުރި މަސައްކަތް ނާކާމިޔާބުވެފައި ވަނިކޮށެވެ. އެގޮތުން ދާދި ފަހުން ވެސް ތިން ފަހަރެއްގެ މަތިން ސީމެގް އެޖެންޑާގައި ރާއްޖެ ހިމެނުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެއްވެސް ފަހަރަކު ސީމެގް އެޖެންޑާގައި ރާއްޖެ ހިމަނާފައެއް ނުވެ އެވެ.

ސީމެގްގެ އެޖެންޑާގައި ރާއްޖެ ކުރިން ހިމެނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބަދަލުވުމާ ގުޅިގެން ވެރިކަން ބަދަލުވި ގޮތާ މެދު އުފެދުނު ނުތަވަނަސްކަމާ ގުޅިގެންނެވެ. އަދި ކޮމަންވެލްތުގެ ވެސް ބައިވެރިވުމާ އެކު އެ ހާދިސާ ތަހުގީގުކުރުމަށް ފަހު އެޖެންޑާއިން ރާއްޖެ ނެގި އެވެ.

ދަ ހިންދޫ އަށް ދެއްވި އިންޓަވިއުގައި ނަޝީދު އިތުރަށް ވިދާޅުވީ، އިނގިރޭސިވިލާތުގެ ލަންޑަނުގައި ތިބި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރާއްޖެ އިސްލާހުކުރުމަށް ކަމަށާއި އިދިކޮޅު ފަރާތްތައް ކުރިއަށް ވުރެ ބަދަހިވެފައިވާ ކަމަށެވެ.

އަދި އެމަނިކުފާނު ރާއްޖޭގައި ނެތް ނަމަވެސް، އިދިކޮޅު ފަރާތްތައް ބަލިކަށި ނުވާނެ ކަމަށާއި، ބޭރުގައި ތިބެގެން އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާ ކޯލިޝަނުން ކުރާ މަސައްކަތުގެ ސަބަބުން ރާއްޖޭގައި ތިބި އެފަރާތްތަކުގެ ސަޕޯޓަރުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގެ މައްސަލަ ބައިނަލްއަގުވާމީ ޖުޑިޝަލް ފޯރަމްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން މަޝްވަރާކޮށް، މުހިންމު ނިންމުންތަކެއް ނިންމުމަށް އިދިކޮޅު ސިޔާސީ ލީޑަރުން އިނގިރޭސިވިލާތުގެ ލަންޑަނުގައި މާދަމާ ބޮޑު ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ޑިމޮކްރަސީ "އިޔާދަކުރުމަށް" އިދިކޮޅު ސިޔާސީ ލީޑަރުން ގުޅިގެން މަސައްކަތް ކުރާނެ އެޖެންޑާއެއް އެކުލަވާލުމަށް ވަނީ ނިންމައިފަ އެވެ.